Roadha Mihaaru
ޒުހޫރުގެ ބޮޑެތި ތުހުމަތުތަކެއް ފަޒުލްއަށް

ޒުހޫރުގެ ބޮޑެތި ތުހުމަތުތަކެއް ފަޒުލްއަށް

19 ޑިސެމްބަރ 2024

އެޗްޑީސީގެ ކުރީގެ ޗެއާމަން އަހުމަދު ޒުހޫރުގެ އެ ސިޓީގައި ފާހަގަކުރެއްވީ އެ ކުންފުނީގައި އޭރު އެންމެ ބާރުގަދަ ބޭފުޅާ ނުވަތަ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޮޑެތި މައްސަލަތަކެވެ. އެޗްޑީސީގެ އެތެރޭގައި މޫލާފައިވާ ކޮރަޕްޝަންގެ ވަރަށް ގިނަ ވާހަކަތައް އެ ސިޓީގައި ޒުހޫރު ފާހަގަކުރެއްވި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

އެޗްޑީސީގެ ކުރީގެ ޗެއާމަން އަހުމަދު ޒުހޫރުގެ އެ ސިޓީގައި ފާހަގަކުރެއްވީ އެ ކުންފުނީގައި އޭރު އެންމެ ބާރުގަދަ ބޭފުޅާ ނުވަތަ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޮޑެތި މައްސަލަތަކެވެ. އެޗްޑީސީގެ އެތެރޭގައި މޫލާފައިވާ ކޮރަޕްޝަންގެ ވަރަށް ގިނަ ވާހަކަތައް އެ ސިޓީގައި ޒުހޫރު ފާހަގަކުރެއްވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެޑްރެސް ކުރައްވާ މިދިޔަ ޖުލައި މަހު ފޮނުއްވި ހަތް ސަފުހާގެ ދިގު ސިޓީގައި އެ ކުންފުނީގެ ތެރޭގައި އޮތް އެތައް މައްސަލަތަކެއް ތިލަކޮށް، ކޮރަޕްޝަންގެ އެތައް އިންޒާރެއް ދެއްވި އެވެ. ޒުހޫރު ވިދާޅުވާ ގޮތުގައި އެޗްޑީސީގެ އެތެރެއިން ކަންކަން ވަނީ ފައިސާ ދޭ މީހާއަށެވެ.

ރައީސްގެ ހާއްސަ އެދިވަޑައިގަތުމަކަށް އެޗްޑީސީގެ ޗެއާމަންކަމާ ހަވާލުވެވަޑައިގެންނެވި ޒުހޫރު މި އަހަރުގެ މޭ މަހު މަގާމުން ވަކިކުރި ފަހުން ރައީސަށް ފޮނުއްވި ސިޓީގައި ފަޒުލް އަށް ގިނަ ތުހުމަތުތަކެއް ކުރައްވައިފައިވެ އެވެ. ހައްގު ނޫން ފަރާތްތަކަށް ހުޅުމާލޭން ގޯތީގެ ހުއްދަ ދީފައިވާ ކަން އިއްޔެ ފެންމަތިވެގެން ދިޔައިރު، މި ހުރިހާ އިންޒާރެއް ޒުހޫރު އޮތީ ދެއްވައިފަ އެވެ.

"ތަކުރާރުކޮށް ވިޔަފާރިވެރިންނާއި އާންމުންގެ ފަރާތުން އަޑުއިވެނީ އެޗްޑީސީން ކަމެއް ވަނީ ފައިސާދޭ މީހާއަށް ކަން މަނިކުފާނުގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ،" "މިހާރު" އަށް ވެސް ލިބިފައިވާ އެ ސިޓީގައި ޒުހޫރު ވިދާޅުވެފައިވެ އެވެ.

މި އަހަރުގެ ޖުލައި 1 ގައި ފޮނުއްވި ސިޓީގައި ޒުހޫރު ވިދާޅުވީ އެޗްޑީސީން ކަންކަން ކުރާ ގޮތްތަކުގެ ޝަކުވާއާ އެކު ވިޔަފާރިވެރިންނާއި އާންމުން އޭނާއާ ބައްދަލުކުރި ކަމަށާއި އެންމެންގެ ވާހަކައިން ވެސް ދޭހަވީ ފަޒުލްގެ ހަމައެކަނި ބޭނުމަކީ އަމިއްލަ ބޭނުމަށް ފައިސާ ހޯދުން ކަމަށެވެ. ވިނަރެސް ފްލެޓް ލިބުނީ ފައިސާ ދޭ މީހުންނަށް ކަމަށާއި އެކި އަދަދުތަކުން ފައިސާ ނަގައިގެން ބިމާއި ފްލެޓް އަޅަން ފުރުސަތު ދޭ ކަމުގެ އަޑުތައް ވެސް އިވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފަޒުލްގެ މަސްލަހަތު ހުރި ގިނަ ކަންތައްތަކެއް ޑިކްލައިނުކޮށް، ބޯޑުގެ މެންބަރުންނަށް އޮޅުވައިލި އެވެ. އެކަންކަމުގެ ތަފްސީލު ނުދީ، ވަގުތު ވެސް ނުދީ ބޯޑު ބައްދަލުވުންތަކުގެ އެޖެންޑާ ފޮނުއްވަ އެވެ. ޒުހޫރު ވިދާޅުވީ ކުންފުނީގެ އޮނިގަނޑު ބޯޑަށް ހުށަނާޅައި ބަދަލުކޮށް އެކި މީހުން މަގާމުތަކަށްލުމުން ކުންފުނީގެ ހިންގުން ހުއްޓުމަކަށް ދާ ހިސާބަށް ދިޔަ ކަމަށެވެ.

"ހަގީގަތަކީ ބޯޑު މެންބަރުންގެ ފަރާތުން ބޭނުން ވަނީ އެޖެންޑާ ކުރަން ފޮނުވާ ލިސްޓަށް އާނބަސް ބުނަން ތިބުމެވެ. އެޖެންޑާ ލިސްޓްގެ ތަފްސީލެއް ދިރާސާ ކުރާނެ ވަގުތެއް ޗެއާމަން އަށް ވެސް އަދި ބޯޑު މެންބަރަކަށް ވެސް ނުލިބެ އެވެ. އެމްޑީ ބޭނުންވާ ކަންކަން ބައެއް މެންބަރުން ލައްވާ ރައީސް ކުރައްވާ ކަމެއް ކަމުގައި ފާޅުގައި ބާނުވާ، ޗެއާމަންގެ ބަސް ބުނިޔަ ނުދެ އެވެ،" ސިޓީގައިވެ އެވެ.

ޒުހޫރު ސިޓީގައި ބައެއް އަމިއްލަ ކުންފުނިތަކުގެ ނަންތައް ވެސް ހިމެނުއްވި އެވެ.

ފަޒުލް ބޯޑަށް ޑިކްލެއާ ނުކޮށް ކުރައްވާފައިވާ މަސްލަހަތު ހިމެނޭ ކަންކަން:

- ފަޒުލްގެ އަނބިކަނބަލުން ބިމެއް ގަންނަން ފައިސާ ދެއްކުން ފަސް އަހަރަށް ބަހައިލުން.

- ފަޒުލްގެ މަސްލަހަތު އޮންނަ ކުންފުންޏެއްގެ ބިން ބަދަލު ކުރުމާއި އެ ކުންފުންޏަށް 15،000 އަކަފޫޓްގެ ބިމެއް ދޭން ވެސް ނިންމުން.

- ފަޒުލްގެ މަސްލަހަތު އޮންނަ ކުންފުންޏަށް ބޯޑަށް އެންގުމެއް ނެތި ބިމެއް ހަމަޖައްސައިދިނުމާއި 15،000 އަކަފޫޓްގެ ބިމެއް މާޖުކޮށްދޭން ނިންމުން.

- ވެސްޓްޕާކްގެ ބަދަލުގައި ހުޅުމާލޭން ތިން ބިމެއް އެއްވެސް އުސޫލެއް ނެތި ދިނުން.

މީގެއިތުރުން "ރަސްމާލެ" ހިއްކަން ހަވާލުކުރި ސީއެމްސީ ކުންފުންޏަށް ފަސް ހެކްޓަރުގެ ބިމެއް ދޫކުރުމަށް ފަހު، އެ ކުންފުންޏަށް އެތައް މިލިއަން ޑޮލަރެއް އެޗްޑީސީން ދޫކޮށްފައިވާ ކަމަށް ވެސް ޒުހޫރު ވިދާޅުވި އެވެ. އަދި ލަގްޒަރީ ހައުސިންގެ މަޝްރޫއެއް ހިންގަން ފަސް ކުންފުންޏަކާ ހަވާލުކުރި ގޮތުން އެ ކުންފުނިތަކުން ކޮންމެ ޕްރޮޖެކްޓަކުން ވެސް މިލިއަން ޑޮލަރު ނަގާފައިވާ ކަމަށާއި އެއީ ފަޒުލް އަމިއްލަ މަސްލަހަތު އިސްކޮށް ކުރެއްވި ކަމެއް ކަމަށް ވެސް ޒުހޫރު ތުހުމަތު ކުރެއްވި އެވެ.

ފަޒުލް ކުރިން އެމްޑީ ކަން ކުރެއްވި އެމްޑަބްލިއުއެސްސީއަށް ދީފައިވާ ބިމެއް ނަގައި ފަޒުލްގެ މަސްލަހަތު އޮންނަ ކުންފުންޏަށް އެ ބިން ދީފައިވާ ކަމަށް ވެސް ޒުހޫރު ތުހުމަތު ކުރެއްވި އެވެ. އެގޮތަށް ނިންމީ ފަޒުލް ކޮންފްލިކްޓް ޑިކްލައި ނުކޮށް ބޯޑަށް ހުށަހަޅައިގެން ކަމަށް ވެސް ޒުހޫރު ވިދާޅުވި އެވެ. އެމްޑަބްލިއުއެސްސީ ފަދަ ބޮޑެތި ކުންފުނިތަކުގެ ބިންތައް ވެސް ފަޒުލްގެ މަސްލަހަތުގައި ބަދަލުކުރި ކަން ކަންބޮޑުވުމާ އެކު ޒުހޫރު ފާހަގަކުރެއްވި އެވެ.

ޒުހޫރު ފާހަގަކުރެއްވި އެހެން ބައެއް މައްސަލަތައް:

- ހިޔާފްލެޓްގެ ލިފްޓް ހަރުކުރަން ބަޔަކަށް 18 މިލިއަން ޑޮލަރަށް ދީފައިވަނީ މާކެޓް އަގަށް ވުރެ އެތައް ގުނައެއް އަގުބޮޑުކޮށް ކަން

- ލޯނު ހަމަނުޖެހެނީސް އޮޓޯ ސެންޓާ އެޅުމަށް އެޑްވާންސް ގޮތުގައި އެތައް މިލިއަން ޑޮލަރެއް ދޫކޮށްފައިވާ ކަން

- ކޮމާޝަލް ސްޕައިން ހެދުމުގެ ނަމުގައި ލޯނު ހަމަނުޖެހެނީސް އެޑްވާންސް ޕޭމަންޓް ދޫކޮށްފައިވުން

ޒުހޫރު ވިދާޅުވީ އެޗްޑީސީގެ އެތެރެ އެހާ ގޯސްކޮށް ހިނގަމުންދިޔަ ކަންކަން ރަނގަޅު ކުރެވޭތޯ ކުޑަ މިންވަރަކަށް ވެސް ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރައްވާފައި ވާނެ ކަމަށާއި ނަމަވެސް، އޭގެ ބަދަލުގައި އޭނާގެ މަގާމު ގެއްލުނީ ކަމަށެވެ. މަގާމުން ވަކިކުރިއިރު އެއްވެސް ވަރަކަށް ކަން ހިނގާފައިވާ ގޮތާއި ވަމުންދާ ގޮތް ރައީސް އޮޅުން ފިލުއްވާފައި ހިތާމަ ކުރައްވާ ކަމަށް ޒުހޫރު ވިދާޅުވި އެވެ.

އެކަންކަން ކިޔައިދިނުމަށް ރައީސްގެ އެޕޮއިންޓްމަންޓަކަށް ވެސް އެދުނު ކަމަށާއި ނަމަވެސް، މަގާމުން ވަކިކުރިއިރު، އެ ފުރުސަތު ލިބިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޒުހޫރުގެ ސިޓީގައިވާ ތުހުމަތުތަކާ ގުޅޭ ގޮތުން ސުވާލު ކުރުމަށް "މިހާރު" އިން ތަކުރާރުކޮށް ފަޒުލް އަށް ގުޅި ނަމަވެސް ޖަވާބެއް ނުދެއްވި އެވެ. ރޭގެ ޕްރެސް ކޮންފަރެންސްގައި އޭނާ ވިދާޅުވީ، ޖަވާބުދާރީ ނުވެވޭނެ އެއްވެސް ކަމެއް ނުކުރައްވާ ކަަމަށެވެ.