Roadha Mihaaru
އޮންލައިންކޮށް ޝަރީއަތްތައް ބޭއްވުން ހުއްޓާލައިފި

ކްރިމިނަލް ކޯޓުން އޮންލައިންކޮށް ޝަރީއަތްތައް ބޭއްވުން ހުއްޓާލައިފި

11 ޖެނުއަރީ 2024

އޮންލައިންކޮށް ޝަރީއަތްތައް ކުރިއަށް ގެންދިޔުން ކްރިމިނަލް ކޯޓުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

އޮންލައިންކޮށް ޝަރީއަތްތައް ކުރިއަށް ގެންދިޔުން ކްރިމިނަލް ކޯޓުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާލެ އަށް ކުރަމުންދާ ވިއްސާރާގެ ސަބަބުން އެ ކޯޓަށް ވަރަށް ބޮޑަށް ފެނުގެ އަސަރުކޮށްފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން ކަރަންޓު ވިއުގައަށް އަދި ސާވާއަށް ފެނުގެ އަސަރުކޮށް ނެޓްވޯކް ކެނޑެމުންދާ ކަމަށް ބަޔާނުގައި ބުންޏެވެ.

ސާވާ ރައްކާތެރިކުރުމުގެ ގޮތުން އެހެން އިމާރާތަކަށް ބަދަލު ކުރަން ޖެހިފައިވާ ކަމަށާއި އެހެންކަމުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތައް ކުރިއަށް ގެންދެވޭނެ މާހައުލެއް މިވަގުތު ކޯޓުގައި ނެތް ކަމަށް ބަޔާނުގައިވެ އެވެ.

އެހެންކަމުން ބަންދާ މެދު ގޮތެއް ނިންމާ މަޖިލިސްތަކާއި އެހެން އަޑުއެހުންތައް ވެސް ދެން ކުރިއަށް ގެންދާނީ ހުރިހާ ފަރާތްތަކެއް ކޯޓަށް ހާޒިރުކޮށްގެން ކަމަށް ކޯޓުން ބުންޏެވެ.

ކޮވިޑަށް ފަހު ކްރިމިނަލް ކޯޓުން އޮންލައިންކޮށް މަޖިލިސްތައް ގުޅާލައިގެން ޝަރީއަތްތައް ކުރިއަށް ގެންދެ އެވެ. އަދި މެޖިސްޓްރޭޓް ކޯޓުތަކުގައި ހިންގާ ޝަރީއަތްތަކާ ގުޅިގެން، މާލޭގައި ތިބޭ މީހުންގެ ހެކިބަސް ނަގަނީ ކްރިމިނަލް ކޯޓަށް ހާޒިރު ކޮށްގެން ވީޑިއޯ ކޮންފަރެންސްކޮށެވެ.

ކްރިމިނަލް ކޯޓުގެ އިމާރާތުގެ ހާލަތު ހުރި ގޮތުން އެ ކޯޓުން ވަނީ ޝަރީއަތްތައް ކުރިއަށް ނުގެންގޮސް މަޑުޖައްސާލައިފަ އެވެ.

ކްރިމިނަލް ކޯޓު މިހާރު ހިންގަމުން ދަނީ އެސްޓީއޯ ކުރިން ހިންގި އިމާރާތުގަ އެވެ. އެތަން ބާވުމުގެ ސަބަބުން އެތަނުގެ ބައެއް ބައިތައް ބޭނުންކުރުން މިދިޔަ އަހަރުން ފެށިގެން އޮތީ ހުއްޓާލައިފަ އެވެ. އޭގެ ސަބަބުން ކޯޓުގެ ގިނަ ޝަރީއަތްތައް ކުރިއަށް ގެންދަން އޮތީ ހުރަސް އެޅިފަ އެވެ.

ކްރިމިނަލް ކޯޓު ހިންގުން ހުޅުމާލެއަށް ވަގުތީ ގޮތުން ބަދަލު ކުރުމުގެ މަސައްކަތް މިދިޔަ އަހަރުކުރި އެވެ. ނަމަވެސް، ކްރިމިނަލް ކޯޓުން މިއަދު ބުނީ ވަގުތީ ގޮތުން ވެސް ބަދަލުވާނެ އިމާރާތެއް މިހާތަނަށް ލިބިފައި ނެތް ކަމަށެވެ.