Roadha Mihaaru
ވާނުވާއެއް ނެތް، މައްސަލައަކީ ކޯޓުގައި ލަސްވުން: ޕީޖީ

"ވާނުވާ" ބަންދެއް މިހާރަކު ނެތް، މައްސަލައަކީ ކޯޓުގައި ލަސްވުން: ޕީޖީ

02 ޖުލައި 2024

ޝަރީއަތް ނިމެންދެން ބަންދު ކުރުމާ މެދު މިހާރު އޮތް މައްސަލަ ހައްލު ކުރުމަކީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ އަތްމަތީގައި އޮތް ކަމެއް ނޫން ކަމަށާއި މައްސަލައަކީ ކޯޓުތަކުގައި ޝަރީއަތް ލަސްވުން ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ޝަރީއަތް ނިމެންދެން ބަންދު ކުރުމާ މެދު މިހާރު އޮތް މައްސަލަ ހައްލު ކުރުމަކީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ އަތްމަތީގައި އޮތް ކަމެއް ނޫން ކަމަށާއި މައްސަލައަކީ ކޯޓުތަކުގައި ޝަރީއަތް ލަސްވުން ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

ޝަރީއަތް ނިމެންދެން ބަންދު ކުރުން ނުވަތަ ޖަލުގެ ބަހުރުވައިން "ވާނުވާ ބަންދު" އުވައިލުމަށް ގޮވާލައި އިއްޔެ ވެސް ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކައިރީގައި މުޒާހަރާ ކުރި އެވެ. "ވާނުވާ ބަންދު" ގައި ގިނަ ބަޔަކު ތިބުމުން އެކަމާ ކަންބޮޑުވެ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ނާޒިލް ވަނީ ޖުޑިޝަރީ ކޮމިޓީގައި ޕީޖީއާ މިއަދު ސުވާލު ކުރައްވައިފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ޝަމީމް ވިދާޅުވީ، ޝަރީއަތް ނިމެންދެން ބަންދު ކުރަން އެދެނީ ޕީޖީ އޮފީހުން އެ ކަމަށް ބޭނުންވެގެން ނޫން ކަމަށާއި އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އެކަން އޮތް ގޮތް ކަމަށެވެ.

ޝަމީމް ވިދާޅުވި ގޮތުގައި، ޝަރީއަތް ނިމެންދެން ބަންދު ކުރަން އެދެނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކުށްތަކާ ގުޅިގެންނެވެ. އެ ކުށްތަކުގެ އަމަލަށް ނުފެތޭ ނަމަ ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުގައި ނުވެސް އެދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ގާނޫނުގައި ކަނޑައަޅާފައިވާ ކެޓަގަރީތަކެއް. ދެން މި ހުންނަނީ މުޖުތަމައު އަށް ނުރައްކާވުން، އަޅުގަނޑުމެން މުޖުތަމައު އަށް ނުރައްކާ ވާނެ ކަމަކަށް ނުބަލަން ގާނޫނުގައި ކަނޑައަޅާފައިވާ ކެޓަގަރީ އަށް. އެހެންވީމާ ގާނޫނަށް ގެންނަ ބަދަލަކުން ތިޔަ ބޭފުޅުން ނިންމަވަންވީ މަސްތުވާތަކެތީގެ މައްސަލަަތަކުގައި މީހުން ބަންދުގައި ނުތިބޭނެއޭ،" ޕީޖީ ވިދާޅުވި އެވެ.

"ނޫނިއްުޔާ ކުޑަކުދިންނާ ބެހޭ މީހުންނަކީ ޝަރީއަތް ނިމެންދެން ބަންދު ކުރަން ޖެހޭ ބައެއް ނޫން ކަމަށް. ގާނޫނުގައި އެ ގޮތަށް ލިޔެފިއްޔާ އަޅުގަނޑުމެން ތަންފީޒު ކުރާނަން."

ކޯޓުތަކުން ޝަރީއަތް ހިނގާ ނަމަ ވާނުވާއަކަށް ނުވާނެ. މައްސަލައަކީ ކޯޓުން މައްސަލަ ނުނިމޭތީ."--- ޕީޖީ ޝަމީމް

ޝަމީމް ވިދާޅުވީ، ހަގީގަތުގައި "ވާނުވާ" އަކީ ރަނގަޅު މަފުހޫމެއް ނޫން ކަމަށާއި މިހާރަކު ވާނުވާ ބަންދެއް ނޯންނާނެ ކަމަށެވެ. ސަބަބެއް ކަމަށް ޝަމީމް ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ކޮންމެ ޝަރީއަތެއް ވެސް ނިންމަން ޖެހޭ ތާވަލު ހަދަން ޖެހޭ ކަމަށާއި ޝަރީއަތް އެ ތާވަލާ އެއްގޮތަށް ހިންގަން ޖެހޭތީ އެވެ. އެހެންކަމުން ކޮންމެ މީހަކަށް ވެސް އެ މީހެއްގެ ޝަރީއަތް ހިނގާނެ ގޮތާއި ނިމޭނެ ތާރީހު އަންދާޒާ ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

އެކަމަކު، އެ ގޮތަށް ކޯޓުތަކުގައި މައްސަލަތައް ކުރިއަށް ނުގެންދާ ކަމަށާއި ކޯޓުތަކުން ތާވަލު ވެސް ނުހަދާކަން ޝަމީމް ފާހަގަކުރެއްވި އެވެ. ކޯޓުގައި ސިޓީއަކުން ވެސް އެކަމަށް އެދިފައިވާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ ޝަރީއަތް ނިމެންދެން ބަންދުގެ މައްސަލައަކީ ޕީޖީ އޮފީހުން ނޫނީ މަޖިލީހުން ހައްލު ކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ކޯޓުތަކާ ވެސް ބެހޭ ކަމެއް ނޫން ކަަމަށް ވިދާޅުވި އެވެ. އޭގެ ބަދަލުގައި ކޯޓުތަކުން މަސައްކަތް ކުރާ ނަމަ މައްސަލަ ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތާވަލު ދެއްވާ ނަމަ ވާނުވާއަކަށް ނުވޭ. ގާނޫނު ތަސައްވުރު ކޮށްފައި އޮތް ގޮތުން ހަ މަހާއި އެއް އަހަރާ މުއްދަތުގެ ތެރޭގައި ޝަރީއަތް ނިމޭނެ، ނިންމަން ފުރުސަތު އެބަ އޮތް. އަޅުގަނޑު ވެސް ގަބޫލު ކުރަން ކޯޓުގައި މައްސަލަ ގިނަވެ، ވަސީލަތްތައް ވެސް މަދު ކަން. ދެން އެ އަށް އަޅުގަނޑުމެން ކުރަން ޖެހޭ ފަރުވާތަކެއް އެބަހުރި އެހެން ދިމާތަކުގައި،" ޝަމީމް ވިދާޅުވި އެވެ.

"ކޯޓުތަކުން ޝަރީއަތް ހިނގާ ނަމަ ވާނުވާއަކަށް ނުވާނެ. މައްސަލައަކީ ކޯޓުން މައްސަލަ ނުނިމޭތީ."