Roadha Mihaaru
ފުރަތަމަ ޑިވިޝަންގެ ތަޖުރިބާ ގްރާންޑޭއަކުން ނުފެނުނު

ފުރަތަމަ ޑިވިޝަންގެ ތަޖުރިބާ ގްރާންޑޭއަކުން ނުފެނުނު

10 ޖެނުއަރީ 2024

މިދިޔަ ސީޒަންގައި ދިވެހި ޕްރިމިއާ ލީގުން ރެލިގޭޓްވި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް، މި ސީޒަންގެ ދެވަނަ ޑިވިޝަން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ޓެންޓް ސްޕޯޓްސް ކްލަބް އަތުން 5-1 އިން ބަލިވެއްޖެ އެވެ.

މިދިޔަ ސީޒަންގައި ދިވެހި ޕްރިމިއާ ލީގުން ރެލިގޭޓްވި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް، މި ސީޒަންގެ ދެވަނަ ޑިވިޝަން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ޓެންޓް ސްޕޯޓްސް ކްލަބް އަތުން 5-1 އިން ބަލިވެއްޖެ އެވެ.

ގަލޮޅު ދަނޑުގައި އިއްޔެ ހަވީރު ކުޅުލނު މެޗުގައި ޓެންޓުން ވަނީ 11 ވަނަ މިނިޓުގައި އަހުމަދު ފިރާޝް ކާމިޔާބު ކޮށްދިން ގޯލަކުން ލީޑު ނަގައިފަ އެވެ. އަދި ފުރަތަމަ ހާފު ނިންމާލީ 27 ވަނަ މިނިޓުގައި ސްރީލަންކާގެ ޗަލަނަ ޗަމީރާ ޖަހައިދިން ގޯލާ އެކު ދެ ގޯލުގެ ލީޑަކާ އެކު އެވެ.

ދެވަނަ ހާފުގައި ޓެންޓުގެ ތިން ވަނަ ގޯލާއި ހަތަރު ވަނަ ގޯލު ވެސް ޖަހައިދިނީ ފުޓްސަލް ތަރި ހަސަން ނިމާލް އެވެ. ފުރަތަމަ ލަނޑު 62 ވަނަ މިނިޓުގައި ބޮލުން ކާމިޔާބު ކުރިއިރު އޭނާގެ ދެވަނަ ލަނޑު ޖެހީ 70 ވަނަ މިނިޓުގަ އެވެ.

އަލުން މެޗު ފެށިގޮތަށް ކުރިއަށް އަރައި ގްރާންޑޭގެ ބަދަލު ކުޅުންތެރިޔާ މުޝްރިފް މޫސާ އެޓީމަށް ގޯލެއް ޖަހައިދިނެވެ. ނަމަވެސް މެޗު ނިމުމުގެ ކުރިން އިތުރު ގޯލެއް ޖެހީ ޓެންޓުންނެވެ. ޓެންޓްގެ ފަސް ވަނަ ގޯލު 81 ވަނަ މިނިޓުގައި ޖަހައިދިނީ އާދަމް އާޒިމް އެވެ.

ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައިގެން ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ ދެ ސީޒަންގައި ގްރާންޑޭ އިން ވަނީ އެޓީމަށް ގިނަ ކުޅުންތެރިންތަކެއް ގެންގޮސްގެން ލީގުގައި ދެމިއޮތުމަށް މަސައްކަތްތަކެއް ކޮށްފަ އެވެ. ނަމަވެސް ފަހު ސީޒަންގައި އެޓީމުން ކުޅުނީ އެ ކްލަބްގެ އިސްވެރިން ނިސްބަތްވާ ކ. މާފުށްޓަށް ނިސްބަތްވާ ގިނަ ކުޅުންތެރިންތަކަކާ އެކު އެވެ. މިހާރު ކުރިއަށްދާ ދެވަނަ ޑިވިޝަންގައި ކުޅޭ ގްރާންޑޭގެ ސްކޮޑުގައި، މިދިޔަ ސީޒަންގައި ޕްރިމިއާ ލީގު ކުޅުނު ސްކޮޑުގެ ގިނަ ކުޅުންތެރިން ހިމެނެ އެވެ.

ގުރޫޕް ބީގެ ޓެންޓް ސްޕޯޓްސް ވަނީ މިހާތަނަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. ފުރަތަމަ މެޗުގައި މޮޅުވީ ބީޖީ ސްޕޯޓްސް ކްލަބް އަތުންނެވެ.

ދަ ގްރާންޑޭ ފުރަތަމަ ކުޅެން އޮތީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. ނަމަވެސް އެ މެޗު ކުޅެން އޮތް ދުވަހުގެ މޫސުން ގޯސްވެގެން، އެ މެޗު ވަނީ މި މަހުގެ 19 ވަނަ ދުވަހު ކުޅޭގޮތަށް ފަސްކޮށްފަ އެވެ.

ގުރޫޕް ބީގައި ދެން ހިމެނެނީ މިދިޔަ ސީޒަންގައި ދެވަނަ ޑިވިޝަންގެ ރަނަރަޕް ކްލަބް ޓީނޭޖެވެ. ޓީނޭޖް ވަނީ އެޓީމުގެ ފުރަތަމަ މެޗުގައި ބީޖީ އަތުން ބަލިވެފަ އެވެ.

މުބާރާތުގައި މިއަދު ވެސް މެޗެއް ކުޅޭނެ އެވެ. ބައްދަލުކުރާނީ ވިކްޓަރީ އާއި ލޮރެންޒޯ ސްޕޯޓްސް ކްލަބެވެ.