Roadha Mihaaru
ބީއެމްއެލްގެ ގިފްޓް ކާޑު ލިބޭ ތަަންތަން އިތުރު ކޮށްފި

ބީއެމްއެލްގެ ގިފްޓް ކާޑު ލިބޭ ތަަންތަން އިތުރު ކޮށްފި

12 ފެބުރުއަރީ 2017

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ގިފްޓް ކާޑު މާލޭގެ ވިޔަފާރި ކުރާ ގިނަ ތަންތަނުން ގަންނަން ލިބޭނެ އިންތިޒާމް ބީއެމްއެލް އިން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ގިފްޓް ކާޑު މާލޭގެ ވިޔަފާރި ކުރާ ގިނަ ތަންތަނުން ގަންނަން ލިބޭނެ އިންތިޒާމް ބީއެމްއެލް އިން ހަމަޖައްސައިފި އެވެ.

މިދިޔަ އަހަރު ބީއެމްއެލް އިން ތައާރަފްކުރި ގިފްޓް ކާޑު، ސިވިލް ކޮފީ ސޮސައިޓީ ކެފޭ އިން ވިއްކުން އިފްތިތާހު ކުރަން މިއަދު ހަވީރު ބޭއްވި ހަފުލާގައި ބީއެމްއެލް އިން ވަނީ "އަހަރެންގެ ބޭންކް" އެ ތީމް ހިމެނޭ ގިފްޓް ކާޑު މެހެމާނުންނަށް ހިލޭ ހަދިޔާކޮށްފަ އެވެ.

އެ ހަފުލާގައި ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓާ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފް ވިދާޅުވީ ގިފްޓް ކާޑަކީ ރަހުމަތްތެރިންނާއި ލޯބިވެރިންނަށް ދޭން ވަރަށް ރަނގަޅު ހަދިޔާއެއް ކަމަށެވެ. އިތުރު ތަންތަނުން އެ ކާޑު ގަންނަން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.

"ވަރަށް ރީތިކޮށް ޑިޒައިން ކޮށްފައިވާ މި ކާޑު ނަގުދު ފައިސާގެ ހަދިޔާގެ ގޮތުގައި ދިނުމުގެ ބަދަލުގައި ބޭނުން ކުރެވޭނެ،" ޝަރީފް ވިދާޅުވި އެވެ.

އެ ކާޑުގެ މިއަދު އިފްތިތާހުކުރި "އަހަރެންގެ ބޭންކް" ތީމަކީ ދިވެހިންނާއި އަދި ދިވެހި މުޖްތަމައާ ގުޅުން ބަދަހިކުރަން ބީއެމްއެލް އިން ފަށާފައިވާ ކެމްޕެއިންގެ ތީމެވެ.

މާލޭގެ 18 ތަނަކުން ގިފްޓް ކާޑު ގަންނަ ލިބެން ހުންނާނެ އެވެ. އެއީ ސިވިލް ކޮފީ ސޮސައިޓީގެ އިތުރުން ޖޭޒް ކެފޭ، ގިފްޓް ސްޕޮޓް، ޓޯޓަލް ފިޓްނެސް ގްރޫޕް، ޑިޖާވޫ، ފްލޮރެސްޓް، ލެ ޕާފިއުމް، ލެކިއުޓް، އެޑް އޮން ސްޓޯ، ސޮނީ ސްޕޯޓްސް، ރައުންޑް ވަން ބުކް ޝޮޕް، ރާދަ ބުކްޝޮޕް، ނޮވެލްޓީ ބުކްޝޮޕް، އެސްޓާސް، ޗާނދަލިޔާ އޮފީސް ޖަޔަންޓް، ޖާނދަލިޔާ ބުކްޝޮޕް، ޗާންދަލިޔާ ބުކް ސެންޓަރު އަދި ނޮލެޖް ބުކްޝޮޕެވެ.

ގިފްޓް ކާޑުގެ 200ރ. ގެ ކާޑާއި 300ރ. ގެ ކާޑާއި 500ރ. ގެ ކާޑުގެ އިތުރުން 700ރ. އަދި 1000ރ. ގެ ކާޑު ވެސް ލިބެން ހުރެ އެވެ. ޕީއޯސް މެޝިންތައް ބޭނުންކޮށްގެން އެ ކާޑުން ކޮންމެ ވިޔަފާރިއެއް ކުރެވުނަސް އޭޓީއެމްތަކުން ފައިސާއެއް ނުނެގޭނެ އެވެ.