Roadha Mihaaru
ޔާމީނާ ބައްދަލުކުރައްވަން މުއިއްޒު އަދި ބޭނުންފުޅެއްނޫން

ކަރެކްޝަންސް އިން މަނާކޮށްފައި އޮތުމުން ޔާމީނާ ބައްދަލުކުރައްވަން ރައީސް ބޭނުންފުޅެއް ނޫން: ޝަހީބު

28 ޑިސެމްބަރ 2023

ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވީ ޖަލު ހުކުމެއްގައި ކަމަށް ވާއިރު، ސިޔާސީ ބޭފުޅުންނާ ބައްދަލުކުރެއްވުން ކަރެކްޝަނަލް ސާވިސް އިން ޔާމީނަށް މަނާކޮށްފައިވާތީ މި ހާލަތުގައި އެ މަނިކުފާނާ ބައްދަލު ކުރައްވަން ރައީސް ޑރ. މުހަންމަދު ބޭނުންފުޅު ނުވާ ކަމަށް ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހަންމަދު ޝަހީބު ދެންމެ ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވީ ޖަލު ހުކުމެއްގައި ކަމަށް ވާއިރު، ސިޔާސީ ބޭފުޅުންނާ ބައްދަލުކުރެއްވުން ކަރެކްޝަނަލް ސާވިސް އިން ޔާމީނަށް މަނާކޮށްފައިވާތީ މި ހާލަތުގައި އެ މަނިކުފާނާ ބައްދަލު ކުރައްވަން ރައީސް ޑރ. މުހަންމަދު ބޭނުންފުޅު ނުވާ ކަމަށް ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހަންމަދު ޝަހީބު ދެންމެ ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީބު ވިދާޅުވީ ޔާމީން މިނިވަން ކުރުމާ ބެހޭ ގޮތުން ރައީސް މުއިއްޒު ވެ ވަޑައިގެންފައިވާ ވައުދުތައް މިހާރު ފުއްދަވާފައިވާ ކަމަށެވެ. ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ވެރިކަމަށް ވަޑައިގަންނަވާ ފުރަތަމަ ދުވަހު ވެސް ޔާމީން ގެއަށް ބަދަލު ކުރައްވާނެ ކަމާއި ޖުޑިޝަރީ އަށް އަތްނުބާނާނެ ކަމަށް ކަމަށެވެ.

"އެހެންވީމަ، ރައީސް ޔާމީނާ ގުޅުވައިގެން ރައީސް ޑރ. މުހަންމަދު މުއިއްޒު ވެ ވަޑައިގެންނެވި ވައުދު އެ އޮތީ ފުދިފައި،" ޝަހީބު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ދާދިފަހުން ސިޔާސީ ބައެއް ޕާޓީތަކުގެ ލީޑަރުންނާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާ ވެސް ބައްދަލުކުރައްވާފައިވާ އިރު، ޔާމީނާ ބައްދަލުކުރައްވައި އެއްވެސް މަޝްވަރާއެއް ކުރެވިފައިވޭތޯ އެހުމުން، ޝަހީބު ވިދާޅުވީ ޔާމީން މި ވަގުތު ހުންނެވީ ޝަރުއީ ހުކުމެއްގައި ކަމަށެވެ.

ޔާމީން ގޭބަންދުގައި ހުންނެވީ ސިޔާސީ ކަންކަމުގައި ނޫޅެވޭ ގޮތަށް ޝަރުތުކޮށްފައި ކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ޔާމީނާ ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒަށް ވެސް އެ ހުރަސް އެބަ އޮތް ކަމަށެވެ.

"ރައީސް ޑރ. މުހަންމަދު މުއިއްޒު ރައީސް ޔާމީނާ ބައްދަލުކުރައްވައި، މަޝްވަރާ ކުރައްވައި ނުވަތަ ފޯނުން ވެސް އެކަހަލަ ކަމެއް ކުރެއްވުމަކީ ގާނޫނީ ގޮތުން ރަނގަޅު ކަމެއްގެ ގޮތުގައި [ރައީސް މުއިއްޒު] ދެކެވަޑައެއް ނުގަންނަވާ،" ޝަހީބް ވިދާޅުވި އެވެ.

ޔާމީނަށް އިތުރު ލުއި ނުލިބި، އެ މަނިކުފާނާ ރައީސް މުއިއްޒު ބައްދަލުނުކުރައްވާނެ ކަމަށް ވެސް އޭނާ މިއަދު ވިދާޅުވި އެވެ.

ޔާމީން މިނިވަން ކުރުމަކީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވި ކެމްޕެއިނުގައި އެންމެ ބޮޑަށް ދެއްކެވި ވާހަކަ އެވެ. ނަމަވެސް އެ ވައުދު އަދިވެސް ނުފުއްދުމާއި ސިޔާސީ އެހެން މައްސަލަތަކާ ހެދި އެމަނިކުފާނާއި ޔާމީން އޮތީ މައްސަލަ ޖެހިފަ އެވެ. ޔާމީން ޕީއެންއެފް އުފެއްދެވީ ވެސް އެ މައްސަލަ ބޮޑުވެ، ޕީޕީއެމުން ވަކިވެވަޑައިގެންނެވުމަށްފަހު އެވެ.