Roadha Mihaaru
ޔާމީން ރާއްޖެއިން ބޭރަށް 30 ދަތުރުފުޅު ކުރެއްވި

ޔާމީން ރާއްޖެއިން ބޭރަށް 30 އަށް ވުރެ ގިނަ ދަތުރު ކުރެއްވި، 9 ދަތުރު ސިންގަޕޫރަށް: ރައީސް އޮފީސް

22 ސެޕްޓެމްބަރ 2022

ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ މަނިކުފާނުގެ ވެރިކަމުގައި ރާއްޖެއިން ބޭރަށް 30 އަށް ވުރެ ގިނަ ދަތުރުފުޅު ކުރެއްވި ކަމަށާއި އޭގެ ތެރެއިން ނުވަ ދަތުރުފުޅުގައި ވަޑައިގަތީ ސިންގަޕޫރަށް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މިއުވާން މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ މަނިކުފާނުގެ ވެރިކަމުގައި ރާއްޖެއިން ބޭރަށް 30 އަށް ވުރެ ގިނަ ދަތުރުފުޅު ކުރެއްވި ކަމަށާއި އޭގެ ތެރެއިން ނުވަ ދަތުރުފުޅުގައި ވަޑައިގަތީ ސިންގަޕޫރަށް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މިއުވާން މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން އެ އަދަދުތައް ހާމަކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަރަދު ބޮޑު ދަތުރުތައް ރާއްޖެއިން ބޭރަށް ކުރައްވާތީ އާންމުން ކުރާ ޝަކުވާއާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ދެއްވި ޖަވާބުގަ އެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދަތުރުފުޅުތަކުގެ ވާހަކަދައްކާއިރު އެބަޖެހޭ ކުރީ ސަރުކާރުގެ ދަތުރުތަކުގެ ވާހަކަ ވެސް ދައްކަން،" މިއުވާން ވިދާޅުވި އެވެ.

މިއުވާން ވިދާޅުވި ގޮތުގައި، ޔާމީންގެ ވެރިކަމުގައި 2014 ވަނަ އަހަރު ސިންގަޕޫރަށް އެކަނި ހަ ދަތުރުފުޅު ކުރައްވާފައިވެ އެވެ. އަދި ދައުރު ނިމުނުއިރު ސިންގަޕޫރަށް ޖުމްލަ ނުވަ ދަތުރުފުޅު ކުރައްވާފައިވެ އެވެ.

ޔާމީންގެ ދަތުރުފުޅުތަކުގެ ތަފުސީލު

- ސިންގަޕޫރަށް 9 ދަތުރުފުޅު

- ސައުދީ އަށް 6 ދަތުރުފުޅު

- މެލޭޝިއާ އަށް 4 ދަތުރުފުޅު

- ޗައިނާ އަށް 3 ދަތުރުފުޅު

- އިންޑިއާ އަށް 3 ދަތުރުފުޅު

- ސްރީ ލަންކާ އަށް 2 ދަތުރުފުޅު

- ތައިލެންޑް، ޕާކިސްތާން، ނޭޕާލް، ޖަޕާން އަދި ޔޫއޭއީ؛ ކޮންމެ ގައުމަކަށް 1 ދަތުރުފުޅު

މިއުވާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށާއި ރައްޔިތުންނާ ބައްދަލުކުރެއްވުމަށާއި ރައްޔިތުންގެ ހާލު ބެއްލެވުމަށާއި އަދި މަސައްކަތްތައް ކުރިއަށްދާ ގޮތް ބެއްލެވުމަށް ރައީސަށް ގިނަ ދަތުރުފުޅުތަކެއް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

"އެ ދަތުރުފުތަކުގެ އިތުރުން ބޭރު ގައުމުތަކުގައި ބާއްވާ އެކި ކޮންފަރެންސްތަކާއި ބައްދަލުވުންތަކާއި އަދި ބޭރު ގައުމުތަކުން ދައުވަތު އަރުވައިގެން އެ ގައުމުތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގައި ވެސް ވަޑައިގަންނަވަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ ދަތުރުފުޅުތައް ކުރައްވަން ޖެހޭ."

އޭނާ ވިދާޅުވީ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކީ ހަމައެކަނި ރައީސް އޮފީހުގައި ހުންނަވަން ޖެހޭ ބޭފުޅެއް ކަމަށް ބެލުމަކީ ގޯހެއް ކަމަށެވެ. ދަތުރުފުޅުތަކަށް ހަރަދުތަކެއް ހިނގާނެ ކަން ގަބޫލުކުރައްވާ ކަމަށާއި އެކަމަކު އެ ހަރަދުތަކަކީ، އަހަރު ފެށުނުއިރު ބަޖެޓުކުރެވިގެން ހިންގާ ހަރަދުތަކެއް ކަމަށް މިއުވާން ވިދާޅުވި އެވެ.

ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިހާތަނަށް ކުރެއްވި ދަތުރުތަކުގެ ތަފްސީލެއް މިއުވާން ނުދެއްވަ އެވެ.

ރައީސް އެންމެ ފަހުން ވަޑައިގަތީ އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތުގެ ޖަނާޒާ އަށެވެ. އެއީ އެ ގައުމުގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.