Roadha Mihaaru
ރައީސްގެ އެޕޮއިންޓްމަންޓަކަށް ލިޔުމުން އެދިއްޖެ

ރައީސްގެ އެޕޮއިންޓްމަންޓަކަށް ޕީޕީއެމުން އެންމެ ފަހުން ލިޔުމުން އެދިއްޖެ

18 ޖޫން 2023

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރަން ޕީޕީއެމްގެ ލީޑަޝިޕް ބޭފުޅުން ރައީސް އޮފީހަށް ވަޑައިގަންނަވާތާ ހަތަރު ދުވަސް ފަހުން ވެސް ބައްދަލު ނުވުމުން އެ މަނިކުފާނުގެ އެޕޮއިންޓްމަންޓަކަށް އެންމެ ފަހުން ލިޔުމަކުން އެދިވަޑައިގެންފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރަން ޕީޕީއެމްގެ ލީޑަޝިޕް ބޭފުޅުން ރައީސް އޮފީހަށް ވަޑައިގަންނަވާތާ ހަތަރު ދުވަސް ފަހުން ވެސް ބައްދަލު ނުވުމުން އެ މަނިކުފާނުގެ އެޕޮއިންޓްމަންޓަކަށް އެންމެ ފަހުން ލިޔުމަކުން އެދިވަޑައިގެންފި އެވެ.

މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށް ސާބިތުވެގެން މިދިޔަ އަހަރުގެ ޑިސެމްބަރު 25 އިން ފެށިގެން 11 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކިއެކި ޝަރީއަތްތަކަށް ނުފޫޒު ފޯރުވައި، އެ މަނިކުފާނަށް ދެމުންދާ އަނިޔާތަކާ ދެކޮޅަށް އަޑު އުފުލުމަށް ހިންގާ ހަރަކާތްތަކުގެ ތެރެއިން ޕީޕީއެމްގެ ލީޑަޝިޕުން ވަނީ މިދިޔަ ހަފުތާގެ ތިން ދުވަހު ރައީސާ ބައްދަލު ކުރުމަށް އެދިވަޑައިގެން ރައީސް އޮފީހަށް ވަޑައިގެންފަ އެވެ.

އެކަމަކު، އެ އިން އެއްވެސް ދުވަހަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލެއް ނުވި އެވެ. އެހެންވެ، އިދިކޮޅުގެ ލީޑަޝިޕްގެ އިސް ބޭފުޅުން މިއަދު ރައީސް އޮފީހަށް ވަޑައިގަތުމަށް ފަހު ނުކުމެވަޑައިގަތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެޕޮއިންޓްމަންޓަކަށް އެދިވަޑައިގެން، ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވަގުތުން ލިޔުއްވި ސިޓީއެއް ހަވާލު ކުރެއްވުމަށް ފަހު އެވެ.

ޕީޕީއެމް ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް ނޫސްވެރިން ގާތު ވިދާޅުވީ، އެ ގޮތަށް އަމަލު ކުރެއްވީ ރަސްމީ ޕްރޮޓޮކޯލުން ރައީސަށް ސިޓީ ލިބިވަޑައިނުގަންނަވާ ކަމަށް ރައީސް އޮފީހުން ބުނާތީ ކަމަށެވެ.

އަބްދުއްރަހީމް އަތުން ލިޔުއްވައި ރައީސް އޮފީހާ ހަވާލުކުރި އެ ސިޓީގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރެއްވުމަށް ހަތަރު ދުވަހު ރައީސް އޮފީހަށް ވަޑައިގެންނެވި ނަމަވެސް އެކަން ވެފައި ނުވާ ކަމަށެވެ.

އިދިކޮޅުން ބުނީ ރައީސާ ބައްދަލުކުރަން ބޭނުންވަނީ، ދިވެހިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށްޓަކައި ޔާމީނަށް އިންސާފު ހޯދުމަށް ކަމަށެވެ.