Roadha Mihaaru
އިދިކޮޅުގެ ލީޑަޝިޕް ރައީސް އޮފީސް ދޮށަށް!

ޔާމީނަށް އަނިޔާކުރާ ކަމަށް ބުނެ އިދިކޮޅުގެ ލީޑަޝިޕުން ރައީސް އޮފީސް ދޮށަށް!

13 ޖޫން 2023

ވ. އާރަށުގެ މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ގޮވާލައި އިދިކޮޅު ލީޑާޝިޕްގެ ބޭފުޅުން ރައީސް އޮފީހަށް މިއަދު ވަޑައިގެންފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ވ. އާރަށުގެ މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ގޮވާލައި އިދިކޮޅު ލީޑާޝިޕްގެ ބޭފުޅުން ރައީސް އޮފީހަށް މިއަދު ވަޑައިގެންފި އެވެ.

ޔާމީނަށް ކުރާ އަނިޔާއާ ދެކޮޅަށް ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ލީޑަޝިޕްގެ ބޭފުޅުން ރައީސް އޮފީހަށް ވަޑައިގަތީ އެކަމުގެ ކަންބޮޑުވުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުާ ހިއްސާކުރެއްވުމަށެވެ. ނަމަވެސް، ރައީސާ ބައްދަލުކުރައްވަން އެޕޮއިޓްމެންޓް ހަދާފައި ނެތުމުން އެ ފުރުސަތު ލިބިވަޑައެއް ނުގަތެވެ.

ޔާމީނަށް އަނިޔާކުރާ ކަމަށް ބުނެ އިދިކޮޅުގެ ސަޕޯޓަރުން ވެލާނާގެ ކައިރިއަށް އެއްވެ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޔާމީނަށް އަނިޔާކުރާ ކަމަށް ބުނެ އިދިކޮޅުގެ ސަޕޯޓަރުން ވެލާނާގެ ކައިރިއަށް އެއްވެ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ރައީސް އޮފީހުން ނުކުމެވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ ރ. ފުށްގިރީގެ މައްސަލާގައި މިިހާރު ކުރިއަށް ގެންދާ ޔާމީންގެ އިސްތިއުނާފުގެ ޝަރީއަތުގެ އަޑުއެހުންތަކުގައި ވަރަށް ގިނައިރު އެ މަނިކުފާނު ޝަރީއަތުގައި އިންނަވަން ޖެހޭތީ ކަންބޮޑުވާ ކަމަށެވެ.

ފުއްގިރީގެ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ. އެހެންވެ، ޔާމީން އެ އަޑުއެހުންތަކުގައި ބައިވެރިވެވަޑައިގަންނަވަނީ މާފުށީ ޖަލުގެ ވީޑިއޯ ކޮންފަރެންސް ރޫމެއްގައި އިންނަވައިގެންނެވެ.

"އިއްޔެ ވެސް 13 ގަޑިއިރު އެ މަނިކުފާނު ކޯޓުގައި އިންނެވި. އެނގިވަޑައިގަންނަވާނެ އެ މަނިކުފާނަކީ ބުރަކަށިފުޅުގައި ވެސް މައްސަލަ ހުންނަވާ ބޭފުޅުން. މިއީ އެ މަނިކުފާނަށް ދޭ ބޮޑު އަނިޔާއެއް،" އޭނާ ވިދާޅުވި އެވެ.

ޔާމީނަށް އަނިޔާކުރާ ކަމަށް ބުނެ އިދިކޮޅުގެ ލީޑާޝިޕް ރައީސް އޮފީސް ވަޑައިގަތުމަށް ފަހު، ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ނޫސްވެރިންނާ ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެ މައްސަލާގައި އިއްޔެ ބޭއްވި އަޑުއެހުން ވެސް 12 ގަޑިއިރަށް ދެމިގެންދިޔަ އެވެ. މިއަދު ވެސް އެ މައްސަލައިގެ އަޑުއެހުމެއް ކުރިއަށް އެބަދެ އެވެ.

ލީޑާޝިޕްގެ ބޭފުޅުންނާއެކު، ވެލާނާގެ ހުންނަ ސަރަހައްދަށް ޔާމީންގެ ބައެއް ސަޕޯޓަރުން ވެސް އެއްވި އެވެ. ނަމަވެސް ސިފައިން ވަނީ ވެލާނާގެ ކައިރީގައި ބެރިކޭޑު ޖަހައި، ޔާމީންގެ ސަޕޯޓަރުން އެ ސަރަހައްދުން ދުރަށް ޖައްސައިފަ އެވެ.

ޔާމީން މިނިވަންކުރަން ގޮވާލައި އިދިކޮޅުން އަންނަނީ ސިލްސިލާކޮށް ކޮންމެ ރެއަކު އާޓިފިޝަލް ބީޗު ސަރަހައްދުގައި މުޒާހަރާ ކުރަމުންނެވެ. އެކަމަކު، މިހާތަނަށް ކުރި އެ މުޒާހަރާތަކުން އެދެވޭ ނަތީޖާއެއް ނުފެނެ އެވެ.