Roadha Mihaaru
ރިސޯޓުތަކުގެ އޮކިއުޕަންސީ ދަށް، ގެސްޓުހައުސްތައް ފުލް

ރިސޯޓުތަކުގެ އޮކިއުޕަންސީ ދަށް، އާ އަހަރުގެ އުފާވެރިކަން ގެސްޓުހައުސްތަކަށް

28 ޑިސެމްބަރ 2023

ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ މި ދުވަސް ވަރު، މީގެ ކުރީގެ އަހަރުތަކާ އަޅާބަލާ އިރު، ރިސޯޓުތަކުގެ އޮކިއުޕަންސީ ނިސްބަތުން ދަށް ކަމަށް އެ ދާއިރާގެ ބައެއް ބޭފުޅުން ވިދާޅުވެއްޖެ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ މި ދުވަސް ވަރު، މީގެ ކުރީގެ އަހަރުތަކާ އަޅާބަލާ އިރު، ރިސޯޓުތަކުގެ އޮކިއުޕަންސީ ނިސްބަތުން ދަށް ކަމަށް އެ ދާއިރާގެ ބައެއް ބޭފުޅުން ވިދާޅުވެއްޖެ އެވެ.

ކްރިސްމަސް އާއި އާ އަހަރާ ދިމާކޮށް މި އަހަރު ވެސް ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެއަށް އަންނަމުން ދާއިރު، މާލެ ސަރަހައްދުގައި ހުރި ރިސޯޓުތަކުގެ އޮކިއުޕަންސީ އުޅެނީ 80 އާއި 90 ޕަސަންޓުގައި ކަމަށް ކެޕިޓަލް ޓްރެވަލްގެ ޗެއާމަން ޔޫސުފް ރިފްއަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އާ އަހަރުގެ މި ސީޒަންގައި ރިސޯޓުތަކަށް މީގެ ކުރިން އޮންނަ ޑިމާންޑު މި އަހަރު ނެތީ، އެއާލައިން ޓިކެޓު ހަރަދު ބޮޑު ކަމުންނެވެ.

"މީގެ ކުރިއާ އަޅާބަލާއިރު، ޓިކެޓުގެ އަގު 300 ޕަސަންޓު ވުރެ މަތިވެފަ މިހުރީ. ޓިކެޓު އަގު ބޮޑުވީމަ ޓޫރިސްޓުން މި ބަލަނީ ޖުމްލަ ހަރަދު ކުޑަ ކުރެވޭނެ ގޮތެއް. އެހެންވީމަ، ލަގްޒަރީ ރިސޯޓުތަކަށް ނުގޮސް، ގެސްޓުހައުސްތަކުގެ ޑިމާންޑު ބޮޑީ އެހެންވެ،" އޭނާ ވިދާޅުވި އެވެ.

ވެލާނާ އެއާޕޯޓުގައި މިވަގުތު ހުރި ތާށިކަމުގެ ސަބަބުން މިހާރު ރާއްޖެ އަށް ޓޫރިސްޓުން ގެނެވޭ ވަރަށް ވުރެ، ޓޫރިސްޓު އެނދުގެ އަދަދު އިތުރު ކަން ވެސް ރިފްއަތު ފާހަގަކުރެއްވި އެވެ.

އޭގެއިތުރުން، ރަޝިއާ-ޔޫކްރޭނު ހަނގުރާމައިގެ ސަބަބުން އެ ދެ ގައުމުން މީގެ ކުރިން އައި ޓޫރިސްޓުން އަދަދު މަދު ކަމަށް ވިދާޅުވި އެވެ.

ޕެރެޑައިސް އައިލަންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ނިހާދު ވިދާޅުވީ އެ ރިސޯޓުގެ އޮކިއުޕަންސީ އުޅެނީ ގާތްގަނޑަކަށް 90 ޕަސަންޓުގައި ކަމަށެވެ.

"ކުރިއާ އަޅާބަލާއިރު ނިސްބަތުން ދަށްކޮށް މި އުޅެނީ،" ނިހާދު ވިދާޅުވި އެވެ.

އޮކިއުޕަންސީ ދަށްވުމުގެ ސަބަބެއްގެ ގޮތުގައި އޭނާ ވެސް އެއާލައިން ޓިކެޓުގެ އަގު ބޮޑުވުން ފާހަގަކުރެއްވި އެވެ. އަދި ރަޝިއާ މާކެޓު ވެސް ނިސްބަތުން ދަށްވެފައިވާ ކަމަށް ނިހާދު ވިދާޅުވި އެވެ.

ގެސްޓުހައުސްތައް އުފަލުން

ރާއްޖޭގައި އެންމެ ބޮޑެތި ގެސްޓްހައުސްތައް ހިންގާ ކާނި ހޮޓެލްސްގެ ސީއީއޯ އަބްދުﷲ ނަޝީދު (ކާނި އަބްދުﷲ) ވިދާޅުވީ އާ އަހަރުގެ ޗުއްޓީއާ ދިމާކޮށް ގިނަ ގެސްޓުހައުސްތައް ފުލްކޮށް އުޅޭ ކަމަށެވެ.

އޭނާގެ ފަސް ގެސްޓް ހައުސް މިހާރު ކ. މާފުށީގައި ހިންގާ އިރު، އެ ރަށުގައި ހުރި 2،000 އަށް އެނދު މި ދުވަސްކޮޅު އުޅެނީ ފުލް އޮކިއުޕަންސީގައި ކަމަށް ވިދާޅުވި އެވެ.

"އެހެން އަހަރުތަކާ އަޅާބަލާއިރު، ސޭލްސް ވަރަށް މަތިން އުޅެނީ. އިންކަމް ވެސް ވަރަށް ރަނގަޅު،" ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ގިނަ ގެސްޓްހައުސްތައް ހިންގާ މާފުށީގެ އިތުރުން އޭނާ ވިދާޅުވި ގޮތުގައި އއ. އުކުޅަސް ގައި ވެސް ގެސްޓުހައުސްތައް ފުލްކޮށް އުޅޭ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.

ނަޝީދު ވިދާޅުވީ ޔޫކްރޭނު ހަނގުރާމައިގެ އިތުރުން ގާޒާ މިހާރު ކުރަމުންދާ ހަނގުރާމައިގެ އަސަރު ވެސް ޓޫރިޒަމަށް ކޮށްފައިވާ ކަމަށާއި، މީޑިއަމް ރޭންޖުގެ ޓޫރިސްޓުން އަންނަ މިންވަރު އިތުރުވެފައިވާ ކަމަށެވެ.

މި އަހަރުގެ ބަޖެޓުގައި ޓާގެޓު ކުރި 1.8 ޓޫރިސްޓުންގެ އަދަދު ވަނީ ހާސިލުވެފަ އެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ރަޝިއާއިންނެވެ. އެ ގައުމުން ދެ ލައްކަ ޓޫރިސްޓުން އައި އިރު ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައި އިންޑިއާއިން ވަނީ 199،000 ޓޫރިސްޓުން އައިސްފަ އެވެ. އަދި ތިން ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައި ޗައިނާއިން މި އަހަރުގެ މިހާތަނަށް 183،000 ޓޫރިސްޓުން އައިސްފައިވެ އެވެ.

މި މަހު ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނަ ޓޫރިސްޓުން އެވްރެޖުކޮށް 7.4 ދުވަސް ހޭދަކުރެ އެވެ. މިއީ މިދިޔަ ނޮވެމްބަރު މަހަށް ވުރެ ދަށް އަދަދެކެވެ. މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހަށް ވުރެ ހަ ޕަސެންޓު ދަށް އަދަދެކެވެ. މިއަހަރު ޖެނުއަރީ އަދި ފެބްރުއަރީ މަހު ރާއްޖޭގައި ޗުއްޓީ ހޭދަކުރާ މުއްދަތު އުޅުނީ 8 ދުވަހުގަ އެވެ.

މިދިޔަ އަހަރު ރާއްޖޭގައި ޓޫރިސްޓުން އެވްރެޖުކޮށް އަށް ދުވަހު ހޭދަކުރެ އެވެ. ނަމަވެސް މިއަހަރު އެވްރެޖުކޮށް ހޭދަކުރަނީ 7.6 ދުވަހެވެ.