Roadha Mihaaru
"ހެލްތު ސްކްރީނިންގައި ފައިލޭރިއާ މަޖުބޫރުކުރާނަން"

ހެލްތު ސްކްރީނިންގައި ފައިލޭރިއާ މަޖުބޫރުކޮށް، އިތުރު ޓެސްޓުތައް ހިމަނާނަން: މިނިސްޓަރު

25 ޑިސެމްބަރ 2023

ބިދޭސީންގެ ހެލްތު ސްކްރީނިންގައި ފައިލޭރިއާ މަޖުބޫރުކޮށް، އިތުރު ޓެސްޓުތައް ހެދުމާ ގުޅޭ މަސައްކަތްތައް ފަށާފައިވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބިދޭސީންގެ ހެލްތު ސްކްރީނިންގައި ފައިލޭރިއާ މަޖުބޫރުކޮށް، އިތުރު ޓެސްޓުތައް ހެދުމާ ގުޅޭ މަސައްކަތްތައް ފަށާފައިވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެއިން ނައްތާލާފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ ފައިލޭރިއާއަށް، ބިދޭސީންތަކެއް މި ފަހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އެއީ އިންޑިއާގެ 30 މީހަކާއި ބަންގްލަދޭޝްގެ ދެ މީހެކެވެ.

މިނިސްޓަރު "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ، މަސައްކަތްކުރަން އިންޑިއާއިން ރާއްޖެއަށް އެންމެ ގިނައިން ބިދޭސީން އަންނަ ދެ ސަރަހައްދަކީ، މުޅި އިންޑިއާގައި ވެސް ފައިލޭރިއާ އެންމެ ބޮޑަށް ފެތުރިފައިވާ ދެ ސަރަހައްދު ކަމަށެވެ. އެއީ ބިހާރާއި އުއްތަރު ޕްރަދޭޝް ސްޓޭޓެވެ.

ބިދޭސީ މަސައްކަތްތެރިން ރާއްޖެ އެތެރެވުމަށްފަހު ހަދާ ޓެސްޓުތަކުގެ ތެރޭގައި ފައިލޭރިއާ ހިމަނަން ނިންމީ އެ ސަބަބާ ހެދި ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެއިން ނައްތާލާފައިވާ އެހެން ޓެސްޓުތައް ހިމެނުމަށް ވެސް މިނިސްޓްރީގެ ޓެކްނިކަލް ޓީމުން މަސައްކަތްކުރަމުން އަންނަ ކަމަށް ހަލީލް ވިދާޅުވި އެވެ.

"މި ވަގުތަށް މި ދަނީ ސްޓަޑީ ހަދަމުން. އަޅުގަނޑުމެންގެ ޓެކްނިކަލް ސްޓާފުން މަސައްކަތްކުރޭ. ފައިލޭރިއާ ހަމަ ގައިމު ވެސް ހިމެނޭނެ. ދެން މި ބަލަނީ ރާއްޖެއިން އެލިމިނޭޓް ކޮށްފައި ނޫނީ ނައްތާލާފައިވާ ބަލިތަކުގެ ތެރެއިން ކޮން ބަލިތަކެއްތޯ އަޅުގަނޑުމެން މީގެ ތެރޭގައި ހިމަނާނީ. ފައިލޭރިއާ އަކީ ހިމެނޭނެ އެއް ބަލި، ޝައްކެއް ނެތް،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު ހަލީލް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މީގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު ހަލީލް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ބިދޭސީންގެ މެޑިކަލްގައި މިހާރު ބަލަނީ މައިގަނޑު ހަތް ކަމަކަށެވެ. އެއީ؛

- ވީޑީއާރުއެލް: ޖިންސީ ގުޅުމުގެ ސަބަބުން އަރާ ސިފިލިސް ނަމަކަށް ކިޔާ ބައްޔަށް ޓެސްޓުކުރަން

- އެޗްބީއެސްއޭބީ: ހެޕަޓައިޓިޓިސް ބީ އަށް ޓެސްޓުކުރަން

- އެޗްއައިވީ

- ޓީސީ

- އެޗްބީ

- ޓީބީ ހުރިތޯ ބަލަން މޭގެ އެކްސްރޭ

- ފިޒިކަލް އެގްޒަމިނޭޝަން

ފައިލޭރިއާގެ މައްސަލައާއެކު، ފެންމަތިވި އަނެއް މައްސަލައަކީ ބިދޭސީންގެ ވިސާ އާ ކުރާއިރު ހަދަމުން ދިޔަ މެޑިކަލް ސްކްރީނިން، އަމިއްލަ އިހުތިޔާރަށް ދޫކޮށްލުމެވެ. އޭގެ ސަބަބުން، ޓެސްޓުތައް ނުހަދާ ވިސާ އިތުރުކުރެވެ އެވެ.

ނަމަވެސް، ސަރުކާރުން ނިންމާފައިވަނީ އާ އަހަރާއެކު އެ ސިޔާސަތުތައް ހަރުކަށިކޮށް، ވިސާ އާ ކުރާއިރު މެޑިކަލް ހެއްދުން މަޖުބޫރުކުރާށެވެ.

ހަލީލް ވިދާޅުވީ މި ފަހުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ، ރާއްޖެ އައިތާ ހަ މަސް ދުވަސް ނުވާ މީހުން ކަމަށެވެ. އޭގެ މާނައަކީ، އެއީ އިމްޕޯޓްވި ބައްޔެއް ކަމެވެ. މިހާތަނަށް 155 ދިވެހިން ޓެސްޓުކޮށްފައިވާ އިރު އެއްވެސް މީހަކު ޕޮޒިޓިވެއް ނުވެ އެވެ.