Roadha Mihaaru
މެޑިކަލް ނެތި ބިދޭސީން އައުން: ނުރައްކަލަށް ދައުވަތު!

މެޑިކަލް ނެތި ބިދޭސީން އެތެރެވުން: ނުރައްކަލަށް މި ދިނީ ދައުވަތު!

22 ޑިސެމްބަރ 2023

ވަރަށް ކަންބޮޑުވެ ހުރެ ޑޮކްޓަރަކު ވިދާޅުވި އެވެ؛ "ބިދޭސީންގެ ސިއްހީ ހާލަތު ބެލުމެއް ނެތި ރާއްޖެ އެތެރެވުމުގެ ހުއްދަ ދިނުމަކީ ސަރުކާރުން ހެދި ވަރަށް ބޮޑު ގޯހެއް".

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވަރަށް ކަންބޮޑުވެ ހުރެ ޑޮކްޓަރަކު ވިދާޅުވި އެވެ؛ "ބިދޭސީންގެ ސިއްހީ ހާލަތު ބެލުމެއް ނެތި ރާއްޖެ އެތެރެވުމުގެ ހުއްދަ ދިނުމަކީ ސަރުކާރުން ހެދި ވަރަށް ބޮޑު ގޯހެއް".

އޭނާ ގަބޫލުކުރައްވާ ގޮތުގައި، އެއީ ގައިންގަޔަށް އަރާ ބަލިތައް ކޮންޓްރޯލް ކުރުމުގައި މި ސަރަހައްދުގެ އެހެން ގައުމުތަކަށް ވުރެ ރާއްޖެއިން ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވަނިކޮށް، ނުރައްކަލަށް ގަސްތުގައި، އެނގިހުރެ ދިން ދައުވަތެކެވެ.

ވިޔަފާރިތަކަށް ބޭނުންވާ ބިދޭސީން ގެނައުމުގައި ދަތިތައް ހުއްޓަސް، އޭނާ ވިދާޅުވީ، ކުރަންޖެހޭ ކަންތައްތަކާއި ބަދަލުނުކުރެވޭނެ ސިޔާސަތުތައް ހުންނާނެ ކަމަށެވެ. އެގޮތަށް، މެޑިކަލް ހުށަހެޅުމުގައި ކުރިން އޮތް ގޮތް ބަދަލުކުރުމަކީ އެއްގޮތަކަށް ވެސް ފަރުވާ ކުޑަކުރެވޭނެ ކަމެއް ނޫން ކަމަށް އެ ޑޮކްޓަރު ވިދާޅުވި އެވެ.

"ދިވެހިންނަށް އޮތް ނުރައްކަލެއް މިއީ. އަޅުގަނޑުމެން ބޭރު ގައުމުތަކަށް ކޯސްތަކަށް ދާއިރު ވެސް އެބަޖެހޭ ވިސާ ހުށަހަޅާއިރު މެޑިކަލް ޓެސްޓު ހަދަން. އެކަމަކު ރާއްޖެއަކީ ގައިންގަޔަށް އަރާ ބަލިތައް ކޮންޓްރޯލްކުރުމުގައި ނަމޫނާއެއް. އެހެންވީމަ، ބަލިތައް ގިނަ ގައުމުތަކުން ބިދޭސީން އެތެރެވުމުގެ ކުރިން ޓެސްޓުތައް ހެދުމަކީ މަޖުބޫރު ކަމަކަށް ހަދަންޖެހޭ. ވަރަށް ރަނގަޅަށް ބެލުމަށްފަހު ނޫނީ ވިސާ އެޕްރޫވްކޮށްގެން ނުވާނެ." އެ ޑޮކްޓަރު ވިދާޅުވި އެވެ.

"ވަރަށް ބޮޑު ކަންބޮޑުވުމެއް ބިދޭސީންގެ މެޑިކަލެއް ނެތި ރާއްޖެ އެތެރެވުމަކީ. ދިވެހިންގެ ސިއްހީ ކަންކަމުގައި މި ގޮތަށް ފަރުވާކުޑަކޮށްގެން ނުވާނެ."

އޭނާ ވިދާޅުވީ ރާއްޖޭގެ އާބާދީ ކުޑަވުމަކީ ގައިން ގަޔަށް އަރާ ބަލިތައް ނައްތާލުމުގައި ލިބުނު ވަރަށް ފަސޭހައެއް ކަމަށެވެ. އެކަމަކު، ގައިންގަޔަށް އަރާ ބަލިތައް ގިނަ ގައުމުތަކުން، އެކަށީގެންވާ ސްކްރީނެއް ނެތި ބިދޭސީން ގެނައުމަކީ، އެ ބައްޔަށް ދެވޭ ދައުވަތެއް ކަމަށް އެ ޑޮކްޓަރު ގަބޫލުކުރައްވަ އެވެ.

"ބައެއް ގައުމު ތަކުގައި މެޑިކަލް ސްކްރީނިންގައި ޗެސްޓް އެކްސްރޭ ހަދާއިރު ޓީބީ އަށް ޝައްކުވަންޏާ އެ މީހުން އަނބުރާ ގައުމަށް ފޮނުވާލައި، ހަ މަސް ދުވަހަށް ޓީބީގެ ފަރުވާ ފުރިހަމަކޮށްގެން އެ ގައުމަކަށް އެނބުރި ދެވޭނީ." އޭނާ ވިދާޅުވި އެވެ.

ބިދޭސީން ރަޖިސްޓްރީ ވާން އިކޮނޮމިކް މިނިސްޓްރީން ކުރިއަށް ގެންދިޔަ މަސައްކަތުގައި ބައިވެރިވި ބައެއް ބިދޭސީން: -- ފައިލް ފޮޓޯ: މިހާރު

ބިދޭސީން ރަޖިސްޓްރީ ވާން އިކޮނޮމިކް މިނިސްޓްރީން ކުރިއަށް ގެންދިޔަ މަސައްކަތުގައި ބައިވެރިވި ބައެއް ބިދޭސީން: -- ފައިލް ފޮޓޯ: މިހާރު

ބޭރު ގައުމުތަކުގައި ކޮށްފައިވާ ދިރާސާތަކުން ދައްކަނީ ރާއްޖެއަށް އާއްމުކޮށް ބިދޭސީން ގެންނަ އިންޑިއާ އަދި ބަންގްލަދޭޝްގައި، ގައިންގަޔަށް އަރާ ބަލިތަކުގައި އެންމެ ގިނަ މީހުން މަރުވަނީ ޓީބީގައި ކަމެވެ. އެކަމަކު، ރާއްޖޭގައި މަރުވާ 70 ޕަސެންޓަކީ، ގައިންގަޔަށް ނާރާ ބަލިތަކުގައި މަރުވާ މީހުންނެވެ.

އެފަދަ ކަންކަމާ ހެދި، ބިދޭސީން ރާއްޖެ ގެންނައިރު މި ފަހަކާ ޖެހެންދެން ވެސް ވަރަށް ހަރުކަށިކޮށް މެޑިކަލް ސްކްރީނަށް ބަލަ އެވެ.

ރާއްޖެ އަށް ބިދޭސީ މަސައްކަތު މީހުން ގެނައުމުގެ ގަވައިދުގައިވާ ގޮތުން ރާއްޖެ އަށް މަސައްކަތްކުރަން އެތެރެވާ ބިދޭސީން އަހަރަކު އެއްފަހަރު މެޑިކަލް ހުށަހަޅަން ޖެހެ އެވެ. އެހެން ނޫނީ، ވޯކް ޕާމިޓް އާ ކޮށެއް ނުދެ އެވެ. ރާއްޖެ އެތެރެވުމުގެ ކުރިން އެ މީހެއްގެ ޕޮލިސް ރިޕޯޓު ހުށަހަޅައި އެޕްރޫވަލް ހޯދުމަށްފަހު ރާއްޖެ އެތެރެވާތާ ތިން މަސް ދުވަސް ތެރޭގައި ސަރުކާރުން އެޕްރޫވް ކޮށްފައިވާ ކްލިނިކަކުން ނުވަތަ ހޮސްޕިޓަލަކުން މެޑިކަލް ރިޕޯޓެއް ހުށަހަޅަން ޖެހެ އެވެ.

ބިދޭސީންގެ މެޑިކަލްގައި މިހާތަނަށް ބެލީ މައިގަނޑު ހަތް ކަމަކަށެވެ. އެއީ؛

- ވީޑީއާރުއެލް: ޖިންސީ ގުޅުމުގެ ސަބަބުން އަރާ ސިފިލިސް ނަމަކަށް ކިޔާ ބައްޔަށް ޓެސްޓުކުރަން. - އެޗްބީއެސްއޭބީ: ހެޕަޓައިޓިޓިސް ބީ އަށް ޓެސްޓުކުރަން. - އެޗްއައިވީ. - ޓީސީ. - ޓީބީ ހުރިތޯ ބަލަން މޭގެ އެކްސްރޭ. - ފިޒިކަލް އެގްޒަމިނޭޝަން.

އެ ގަވައިދު އޮތް ގޮތަށް މިހާރު ވެސް އެބައޮތެވެ. އެކަމަކު، ގަވައިދު ބަދަލުނުކުރިޔަސް، މެޑިކަލް ރިޕޯޓު ހުށަނޭޅިޔަސް ސަރުކާރުން ގެންދަނީ ވޯކްޕާމިޓް ދޫކުރަމުންނެވެ. އެހެން ގޮތަކަށް ބުނާނަމަ، ގަވައިދު ބަދަލުނުކޮށް، މެޑިކަލް ހުށަހެޅުން އިހުތިޔާރީ ކަމަކަށް ދޫކޮށްލީ އެވެ.

އައިޖީއެމްއެޗްގައި މަސައްކަތްކުރާ އެހެން ޑޮކްޓަރަކު ވިދާޅުވި ގޮތުގައި، ރާއްޖެ އެތެރެވުމަށްފަހު، ހަފުތާއެއް ތެރޭގައި ބިދޭސީންގެ ޓެސްޓު ހަދާއިރު، މޭގައި ބޮޑެތި ތަންތަންގަނޑު ހުރެ އެވެ. އެއީ، ޓީބީ ޖެހިފައިވާކަން އެނގޭ އެއް ގޮތެވެ. މާނައަކީ، އެ މީހާ ރާއްޖެ އަށް އައިސްފައި ވަނީ، ޓީބީ ޖެހިފައިވަނިކޮށް، ފޭކް މެޑިކަލް ސްކްރީނިން ހުށަހަޅައިގެން ކަމެވެ.

"އައިޖީއެމްއެޗްގެ ފުއްޕާމޭގެ ޑިޕާޓްމަންޓުން ނޫނީ ހުއްދައެއް ވެސް ނުދޭނެ މި ކަހަލަ ޕޭޝަންޓުންނަށް އިތުރަށް ބަލަންޖެހޭ ވަރަށް ބަލާފައި، ބޭސް ފަށަންޖެހޭ ވަރަށް ފަށާފައި ޓީބީ ނެތް ކަމަށް ނޫނީ، ބަލި މީހާގެ ފަރާތުން އެހެން މީހަކަށް ޓީބީ ނުޖެހޭނެކަން ޔަގީންކޮށްފައި ނޫނީ ބަލި މީހާއަށް، ވިސާ ހޯދަން ދޭންޖެހޭ ލިޔުމާ އެއްޗެހި ނުދޭނެ،"

"އެކަމަކު، ބައެއް ކްލިނިކްތަކުން، އަޅުގަނޑުމެން ހުއްދަ ނުދީ ހުއްޓައި، ހުއްދަ ކެންސަލް ކޮށްފައި ހުއްޓާ އެ ކްލިނިކްތަކުން، މި ޕޭޝަންޓަކީ އޯކޭ ޕޭޝަންޓެއް ގޮތަށް ހަދާ އަލުން އެ މީހުންނަށް ހުއްދަ ދޭ. އޭގެ މާނައަކީ ރާއްޖެއިން ބޭރުން އަންނައިރު ވެސް އަންނަނީ ފޭކު ޑޮކިއުމެންޓުތަކެއް ހިފައިގެންނޭ. މި ދައްކަނީ ޓީބީ ކަހަލަ އާއްމު ބަލިތަކުގެ ވާހަކަ. ދެން ވިސްނާލާ ފައިލޭރިއާ ކަހަލަ ޓެސްޓު ނުކުރާ ބަލިތައް ހުންނާނެ ވަރު." އެހެން ޑޮކްޓަރަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބިދޭސީން ޓެސްޓުނުކުރާތީ ގައިންގަޔަށް އަރާ ބަލިތަކާއެކު ރާއްޖެ އެތެރެވާ މީހުން ވަރަށް ގިނަ ކަމަށެވެ. އޭގެ ސަބަބުން މުޖުތަމައު ވެސް ވަރަށް ބޮޑު ނުރައްކަލަކަށް ވެއްޓިފައިވާކަން ފާހަގަކުރެއްވި އެވެ.

ރާއްޖޭގައި އުޅޭ ލަންކާ ބަޔަކު، މާލޭގައި މީގެ ކުރިން ބޭއްވި މުޒާހާރާއެއްގައި ބައިވެރިވަނީ--. ފޮޓޯ: ނިޝާން އަލީ/މިހާރު

ރާއްޖޭގައި އުޅޭ ލަންކާ ބަޔަކު، މާލޭގައި މީގެ ކުރިން ބޭއްވި މުޒާހާރާއެއްގައި ބައިވެރިވަނީ--. ފޮޓޯ: ނިޝާން އަލީ/މިހާރު

މި ފަހަރު ވެސް ދިމާވީ އެ ހާލަތެވެ. ރާއްޖެ އައިތާ ގިނަ ދުވަހެއް ނުވެ، ބިދޭސީންތަކެއްގެ ފަރާތުން ފެނުނީ، ރާއްޖެއިން ނައްތާލާފައިވާ ފައިލޭރިޔާ ޖެހިފައިވާ ތަނެވެ. އެ ބައްޔަކީ، ބިދޭސީންގެ މެޑިކަލް ސްކްރީނިންގައި މީގެ ކުރިން ބެލި ކަމެއް ނޫނެވެ.

ނަމަވެސް، ފައިލޭރިއާ ޖެހިފައި ތިބި 25 މީހުން މި ފަހަރު ފެނުނީ އެއިޑްސް ދުވަސް ފާހަގަކުރަން ސްކްރީނިން ހެދީމަ އެވެ. ފުއްމާޕެއަށް ޖެހޭ ނުރައްކާތެރި ބަލި، ޓީބީ ޖެހިފައިވާކަމެއް ވެސް އެނގޭނީ އެކަމަށް ޓެސްޓުތަކެއް ހެދީމަ އެވެ. ވިޔަފާރިވެރިންގެ ނުފޫޒާ ހެދި، ސަރުކާރުން ނިންމި މި ދޯހަޅި ނިންމުމާއެކު ދިވެހިން މިހާރު މި ތިބީ ނާޒުކު ފައްތަރެއްގަ އެވެ.

މިކަމުގައި އެޗްޕީއޭގެ ބަހެއް ފަހުން ނުލިބުނެވެ. އެ އެޖެންސީން ކުރިން ވާހަކަދެއްކެވި ސީނިއާ ޕަބްލިކް ހެލްތު އޮފިސަރު އަބްދުލް ހަމީދު ވިދާޅުވީ ސްކްރީނިން ނެތި ބިދޭސީން ރާއްޖެ އެތެރެވުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. ނަމަވެސް، ބިދޭސީންގެ ވިސާ އަދި ވޯކް ޕާމިޓަށް މެޑިކަލް ބޭނުން ނުވާ ކަމެއް އެ އެޖެންސީއަށް ކުރިން އެނގިފައި އޮތް ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެ އެވެ. މިއީ، އެޗްޕީއޭއަށް ވެސް އެނގިގެން ވަމުން ދިޔަ ކަމެއް ނަމަ، އާއްމުންގެ ސިއްހަތު ރައްކާކުރަން އުފެއްދި ގައުމީ އިދާރާއިން ވަނީ ވަރަށް ބޮޑު އިހުމާލެއްވެފަ އެވެ.