Roadha Mihaaru
ބޭރުގައި ތިބި ސިއްހީ ފަންނުވެރިންގެ އެހީއަށް އެދިއްޖެ

ބޭރުގައި ތިބި ދިވެހި ހުރިހާ ސިއްހީ ފަންނުވެރިންގެ އެހީއަށް މިނިސްޓަރު އަމީން އެދިވަޑައިގެންފި

21 މާޗް 2020

ރާއްޖެ އިން ކޮރޯނާވައިރަސް ފެނި، އެ ވައިރަސް އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތްތަކަށް، ބޭރުގެ ގައުމުތަކުގައި ތިބި ދިވެހި ހުރިހާ ސިއްހީ ފަންނުވެރިން އެހީތެރިވުމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު އެދިވަޑައިގެންފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖެ އިން ކޮރޯނާވައިރަސް ފެނި، އެ ވައިރަސް އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތްތަކަށް، ބޭރުގެ ގައުމުތަކުގައި ތިބި ދިވެހި ހުރިހާ ސިއްހީ ފަންނުވެރިން އެހީތެރިވުމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު އެދިވަޑައިގެންފި އެވެ.

ހެލްތު މިނިސްޓްރީން ކުރި ޓްވީޓުގައި ބުނީ، ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތުގައި، ބޭރުގައި ތިބި ދިވެހި ޑޮކްޓަރުންނާއި ސިއްހީ އެހެން ދާއިރާތަކުގެ މަސައްކަތްތެރިން ގުޅުމަށް މިނިސްޓަރު އަމީން އެދިވަޑައިގެންފައިވާ ކަމަށެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި، ކޮވިޑް-19 އިމަޖެންސީ ރެސްޕޮންސް ޓީމަށް އެހީތެރިވުމަށް، ނޭޕާލުގައި މެޑިސިން ކިޔަވާ އަދި މަސައްކަތް ކުރާ ދިވެހި ޑޮކްޓަރުން ރާއްޖެ ގެންނަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން އެއް ޓީމު މިރޭ އަދި އަނެއް ޓީމު މާދަމާ އަންނާނެ އެވެ.

ނޭޕާލުގައި ތިބި މިހާރު ކިޔަވަން ތިބި ޑޮކްޓަރުންގެ ތެރެއިން، ޑޮކްޓަރުކަމުގެ ލައިސަންސް އޮތް އަދި ސްޕެޝަލައިޒް ވުމަށް ކިޔަވާ 40 އަށް ވުރެ ގިނަ ޑޮކްޓަރުން އެބަ ތިއްބެވެ. އަދި މެޑިސިން ކިޔަވައި ނިންމައި އިންޓާންޝިޕް ހަދާ ދަރިވަރުން ވެސް ހިމެނެ އެވެ.

ހެލްތު މިނިސްޓްރީގެ ޓުވީޓް

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވަނީ ނޭޕާލްގައި ދިވެހި ދަރިވަރުންނާއި ޑޮކްޓަރުން މަސައްކަތް ކުރާ ޔުނިވާސިޓީތަކަށް، އެ ދަރިވަރުންނަށް "އިމަޖެންސީ ލީވް" ފޯރުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.

އެކަމަށް އެދި އޭނާ ފޮނުއްވި ސިޓީގައި ވިދާޅުވީ، ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގައި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާނުކޮށްފައިވާ ކަމަށެވެ. އަދި ރާއްޖެ އޮތް ހާލަތުންނާއި އެކަމުގެ ސަބަބުން ކޮށްފާނެ އަސަރަށް ވިސްނައި ސިއްހީ ހުރިހާ ފަންނުވެރިން ހިދުމަތަށް ނުކުތުމަށް ރާއްޖެއިން ގޮވައިލާ ކަމަށް ވިދާޅުވި އެވެ.

ނޭޕާލްގައި ތިބި ދިވެހިން ރާއްޖެ އަންނަން ފުރަން ހަމަޖައްސާފައިވަނީ އެ ގައުމުގެ ގަޑިން މިރޭ 9:00 ގަ އެވެ.

ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކޮވިޑް-19 ރާއްޖޭގައި ފެތުރުން ހުއްޓުވަން ކުރާ މަސައްކަތުގައި ސިއްހީ ހުރިހާ މަސައްކަތްތެރިން ބައިވެރިވުމަށް މިނިސްޓަރު އަމީން ވަނީ މީގެ ކުރިން ވެސް ގޮވާލައްވައިފަ އެވެ.

އޭނާ ވިދާޅުވީ ބަލި ފެތުރުން ހުއްޓުވަން ކުރާ މަސައްކަތުގެ އެންމެ ބޮޑު ކާމިޔާބީއަކަށް ވާނީ އެ ބަލި ފެތުރޭ މިންވަރު ލަސްކުރުން ކަމަށެވެ. އެކަމުގައި މިހާރު ވަޒީފާގައި ތިބި އަދި ސިއްހީ ދާއިރާއިން ދުރަށް ޖެހިފައި ތިބި މީހުން ވެސް ނުކުތުމަށް އޭނާ އެދިވަޑައިގަތެވެ.

ކޮވިޑް-19 އާ ގުޅިގެން އުފައްދާފައިވާ ޓާސްކް ފޯހުގެ ބޭފުޅުންނާ ހެލްތު މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ.

ކޮވިޑް-19 އާ ގުޅިގެން އުފައްދާފައިވާ ޓާސްކް ފޯހުގެ ބޭފުޅުންނާ ހެލްތު މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ.

އަމިއްލަ އެންމެ ބޮޑު ހޮސްޕިޓަލް، އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވެސް ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާނުކޮށްފައިވާ މި ދަނޑިވަޅުގައި، ވަޒީފާ އަދާނުކޮށް ގޭގައި ތިބި ސިއްހީ ފަންނުވެރިން، ދަރުމަވެރިންގެ ގޮތުގައި ނުކުމެ ޚިދުމަތްކުރުން ވަރަށް މުހިއްމު ކަމަށް ވިދާޅުވެފަ އެވެ.

ރާއްޖެއިން ކޮވިޑް-19 ގެ ބަލީގެ 13 މީހަކު ފެނިފައިވާއިރު އޭގެ ތެރެއިން ތިން މީހަކު މިހާރު ވަނީ ރަނގަޅުވެފަ އެވެ. އެހެންވެ އެ ބަލީގައި މިހާރު ފަރުވާ ފެމުން އަންނަނީ 10 މީހަކަށެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.

އަދި އެއްވެސް ފަރުވާއެއް ހޯދިފައިނުވާ ކޮވިޑަށް ރާްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން ފުރަތަމަ ދެ މީހުން ރަނގަޅުވިކަން ސަރުކާރުން އިއުލާންކުރީ ރޭގަ އެވެ. ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުން އައި އިޓަލީގެ އެ ޓޫރިސްޓު ދެމަފިރިންގެ ތެރެއިން އެންމެ ބޮޑަށް ހާލު ގޯސްވީ އުމުރުން 72 އަހަރުގެ ފިރިހެން މީހާ އެވެ. ބަތަލާ އައިލެންޑް ރިސޯޓުގެ ދެ ޓޫރިސްޓުން ރަނގަޅު ވިޔަސް އިތުރަށް މޮނީޓާ ކުރުމަށް އައިސޮލޭޝަންގައި ބައިތިއްބަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

އެ ބަލި 185 ގައުމަކަށް ފެތުރިފައިވާއިރު މިހާތަނަށް 282،742 މީހުންނަށް ޗައިނާގައި އުފަންވި ރޯގާ ޖެހިފައި ވެ އެވެ. އޭގެ ތެރެއިން 93،450 މީހުން ބަލިން ރަނގަޅުވެފައިވާއިރު 11،820 މީހުން މަރުވެފައި ވެ އެވެ.