Roadha Mihaaru
އެފްއޭއެމް ރިފޯމްކުރުމުގެ އެޖެންޑާގެ ތަރުތީބު ގޯސް!

އެފްއޭއެމް ރިފޯމްކުރުމުގެ އެޖެންޑާގެ ތަރުތީބު ގޯސް!

16 ޑިސެމްބަރ 2023

ފުޓްބޯޅަ އާއި އެފްއޭއެމް އިސްލާހު ކުރަން ޖެހޭ ކަމަށް ފާޑު ކިޔާ މީހުން އަބަދު ވެސް ދިޔައީ ވަކާލާތުކުރަމުންނެވެ. ފަސް އަހަރު ކުރިން، އެ ވާހަކަތަކުގެ ޖޯޝުގައި ޖެހި ވަޑައިގެން ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް އިސްނަންގަވައިގެން، އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިތުބާރު ނެތްކަމަށް، ކްލަބްތައް ލައިވައި ސޮއިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ނަމުގައި ހުށަހެޅި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ފުޓްބޯޅަ އާއި އެފްއޭއެމް އިސްލާހު ކުރަން ޖެހޭ ކަމަށް ފާޑު ކިޔާ މީހުން އަބަދު ވެސް ދިޔައީ ވަކާލާތުކުރަމުންނެވެ. ފަސް އަހަރު ކުރިން، އެ ވާހަކަތަކުގެ ޖޯޝުގައި ޖެހި ވަޑައިގެން ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް އިސްނަންގަވައިގެން، އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިތުބާރު ނެތްކަމަށް، ކްލަބްތައް ލައިވައި ސޮއިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ނަމުގައި ހުށަހެޅި އެވެ.

ފަސް އަހަރު ފަހުން އަނެއްކާ ވެސް ބައްސާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދަން ކްލަބްތަކުގެ ސޮއި ހޯދަން ފަށައިފި އެވެ. މިފަހަރު އެ މަސައްކަތުގައި އުޅުއްވަނީ، އެފްއޭއެމްގެ ކުރީގެ ރައީސް އަދި މަޖިލީހުގައި ސަރުކާރު ތަމްސީލުކުރައްވާ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގެވެ. އަންނަ އަހަރު ބާއްވާ އިންތިހާބުގައި އެ އެސޯސިއޭޝަނުގެ ރައީސް ކަމަށް ކުރިމަތިލައްވާނެކަން ވެސް އޭނާ ވަނީ އިއުލާން ކުރައްވައިފަ އެވެ.

ބައްސާމް ގިނަ ގޯސްތަކެއް ހައްދަވައިފި އެވެ. އެފްއޭއެމްގެ ފައިސާއިން ނަހަމަ ބޭނުން ކުރައްވާފައިވާކަން، އޭނާގެ މައްޗަށް ތުހުމަތު ކުރެވެ އެވެ. އެފްއޭއެމްގައި މައްސަލަތައް އޮތީ ފުނިޖެހިފަ އެވެ. ފުޓްބޯޅަ އޮތީ ހުއްޓިފަ އެވެ. ދިވެހި ލީގާއި ފުޓްބޯޅަ އޮތީ މާލެ އަށް އެކަނި ތޮއްޖައްސައި ފިއްތާ ބާރުކޮށްލައިފަ އެވެ.

ފުޓްބޯޅަ ހުއްޓިފައި އޮތް އިރު އެފްއޭއެމްގެ އަސާސީ ގަވާއިދު އިސްލާހުކޮށްގެން ނޫނީ ހައްލުވާން ނެތް މައްސަލަތައް ވެސް ގިނަ އެވެ. ފުޓްބޯޅަ ހުއްޓޭ ގޮތް ވެފައި އޮތަސް، އަސާސީ ގަވާއިދު އިސްލާހު ކުރަން ޖެހޭ ކަމަށް ވަކާލާތުކުރާ އަޑު މަޑެވެ. ގިނަ އިން ގޮވަނީ ބައްސާމްގެ އިސްތިއުފާ އަށެވެ. އެކަމަކު އޭނާ މަގާމުން ދުރު ކުރިއަސް، ފުނިޖެހިފައި ހުރި ބޮޑެތި މައްސަލަތައް ހައްލުވާނެ ކަމުގެ ނިޝާނެއް އަދި ނުފެނެ އެވެ. ސަބަބަކީ އެ މައްސަލަތައް ހައްލުވާން އޮތީ އެފްއޭއެމްގެ އަސާސީ ގަވާއިދު އިސްލާހުކޮށްގެން ކަމަށް ވާތީ އެވެ.

އޭގެ ތެރެއިން އެއް މައްސަލައަކީ، ދިވެހި ލީގަށް ވުރެ ފޯރި ގަދަވާނެ ކަމަށް ތަޖުރިބާކާރު ކޯޗުން ބުނާ ދެވަނަ ޑިވިޝަނުގެ މުބާރާތާ ގުޅިގެން ފެންމަތިވެގެން އުޅޭ މައްސަލަތަކެވެ. މިފަހަރުގެ ދެވަނަ ޑިވިޝަން މުބާރާތުގެ ޓީމުތަކުގެ އަދަދާއި އެފްއޭއެމްގެ އަސާސީ ގަވާއީދުގައި ބުނެފައިވާ އަދަދާ ހިލާފެއް އެބައުޅެ އެވެ. އެ މުބާރާތުން، އެއްވަނަ ޑިވިޝަނަށް ކޮލިފައި ވާނީ ކިތައް ޓީމު ކަމެއް ކަށަވަރެއް ނުވެ އެވެ. އެއްވަނަ ޑިވިޝަނުން، މިފަހަރު އެއް ވެސް ޓީމެއް ރެލިގޭޓް ނުވާނެކަން އެފްއޭއެމުން ދިން ޔަގީން ކަމާ އެކު، އެ ޑިވިޝަނުގެ ކްލަބްތަކުން ތިބީ ގަބޫލުކޮށްގެންނެވެ.

ދެވަނަ ޑިވިޝަނާ ގުޅިގެން އުފެދިފައިވާ ހިލާފުތައް

1. އަސާސީ ގަވާއިދުގައި ބުނެފައިވާ އަދަދަށް ވުރެ މިފަހަރު ދެވަނަ ޑިވިޝަނުގައި ޓީމުތަކުގެ އަދަދު އިތުރުވުން

2. ދެވަނަ ޑިވިޝަނުން އެއްވަނަ ޑިވިޝަނަށް ޕްރޮމޯޓް ވާނީ ކިތައް ޓީމުކަން ސާފު ނުވުން

3. ފުރަތަމަ ޑިވިޝަނުން އެއްވެސް ޓީމެއް ރެލިގޭޓެ ނުކޮށް، ދެވަނަ ޑިވިޝަނުން ޓީމު ޕްރޮމޯޓް ކުރަން ކުރާ މަސައްކަތް

ދެވަނަ ޑިވިޝަނުގެ ކްލަބްތަކުގެ އޮފިޝަލުން ސްޕޯޓްސް މިނިސްޓްރީގައި: ކްލަބްތަކުން ވަނީ ކަންބޮޑުވުންތައް މިނިސްޓަރާ ހިއްސާކޮށްފަ --- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ދެވަނަ ޑިވިޝަނުގެ ކްލަބްތަކުގެ އޮފިޝަލުން ސްޕޯޓްސް މިނިސްޓްރީގައި: ކްލަބްތަކުން ވަނީ ކަންބޮޑުވުންތައް މިނިސްޓަރާ ހިއްސާކޮށްފަ --- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

އަސާސީ ގަވާއިދު އިސްލާހު ކުރުން މަޖުބޫރުވާ ހާލަތަކަށް

އެފްއޭއެމްގެ އަސާސީ ގާވާއިދުގެ 10 ވަނަ މާއްދާގައި ބުނެފައި ވަނީ، ދެވަނަ ޑިވިޝަނުގެ ކްލަބްތަކުގެ އަދަދަކީ 10 ކަމަށެވެ. އެކަމަކު ފަށާނެ ތާރީހެއް ވެސް އެނގިފައި ނެތް، މިފަހަރުގެ ދެވަނަ ޑިވިޝަނުގައި 15 ޓީމު އެބައޮތެވެ. އަސާސީ ގަވާއިދާ ހިލާފެވެ.

ގަވާއިދާ ހިލާފޭ ބުނެ، ޓީމުތައް މުބާރާތަށް ތައްޔާރުވެ، މުބާރާތް ނުފަށައިގެން އިންތިޒާރުގައި ތިބި ދަނޑިވަޅެއްގައި ފަސް ޓީމެއް ބޭރުކޮށް މަގުމައްޗަށް ނެރެ އެއްލާލައިފި ނަމަ، ހަމަނުޖެހުތަކެއް ހިންގައިފާނެ ކަމުގެ ބިރު އެބައޮތް ކަމަށް ތަޖުރިބާކާރަކު ބުންޏެވެ.

ދެވަނަ ޑިވިޝަނުގައި ވާދަކުރާ ނިއު ރޭޑިއަންޓްގެ ޗެއާމަން އަހްމަދު ވާސިފް ކުރިން ވިދާޅުވެފައި ވަނީ، އެ ޑިވިޝަނުން ގަދަ ތިން ޓީމު އެއްވަނަ ޑިވިޝަނަށް ޕްރޮމޯޓް ކުރާނެ ކަމަށް، ބައްސާމް ޔަގީންކަން ދެއްވާފައިވާ ކަމަށެވެ. އެހެން ނަމަވެސް މިހާރު އެފްއޭއެމްގެ ވާހަކަ ބަދަލުވެއްޖެ އެވެ. މިހާރު ވިސްނުން ގެންގުޅެނީ އެންމެ ޓީމެއް ޕްރޮމޯޓް ވާނެ ގޮތް ހެދުމަށެވެ. ބައްސާމް ދެއްވި "ޔަގީންކަން" ބަދަލުވެދާނެ ކަމަށް ބެލެވިފައި ވުމުން، ދެވަނަ ޑިވިޝަނުގެ ކްލަބްތަކުން ތިބީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފަ އެވެ. މައްސަލަތައް ހިފައިގެން ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުގެ އަރިހަށް ވެސް ދިޔަ އެވެ.

އެންމެ މަތީ ދެ ޑިވިޝަނުގެ ޓީމުތަކުގެ އަދަދާ މެދު އަސާސީ ގަވާއިދުގައި ވަކިގޮތަކަށް ކަނޑައަޅާފައި ވަނިކޮށް، އެ ދެ ޑިވިޝަނަށް ޓީމުތަކުގެ އަދަދު އިތުރުކޮށް އުނިކުރުމުގެ ބާރެއް، ބައްސާމަށް އަދި އޭނާގެ އެކްސްކޯ އަށް ވެސް ލިބިގެނެއް ނުވެ އެވެ. އަސާސީ ގަވާއިދު އިސްލާހު ގެނެސްގެން ނޫނީ ޑިވިޝަންތަކުގެ ޓީމުތަކުގެ އަދަދު މަތިކޮށް ދަށް ކުރެވޭނެ ގޮތެއް ނެތެވެ. އަސާސީ ގަވާއިދު އިސްލާހު ކުރުމުގެ ބާރު އޮތީ އެފްއޭއެމްގެ ކޮންގްރެސް އަށެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް (ވ) އާއި ނައިބުރައީސް އަލީ އުމަރު: އެފްއޭއެމުން ވަނީ އަސާސީ ގަވާއިދާ ހިލާފަށް ދެވަނަ ޑިވިޝަންގެ އަދަދު އިތުރުކޮށްފަ --- ފޮޓޯ: ނިޝާން އަލީ | މިހާރު

އެފްއޭއެމްގެ ރައީސް ބައްސާމް (ވ) އާއި ނައިބުރައީސް އަލީ އުމަރު: އެފްއޭއެމުން ވަނީ އަސާސީ ގަވާއިދާ ހިލާފަށް ދެވަނަ ޑިވިޝަންގެ އަދަދު އިތުރުކޮށްފަ --- ފޮޓޯ: ނިޝާން އަލީ | މިހާރު

ދެވަނަ ޑިވިޝަނާ ގުޅިގެން އުފެދިފައި މި އޮތް ފުށުއެރުންތައް ހައްލު ކުރުމަށްޓަކައި، އެންމެ ކުޑަމިނުން އަސާސީ ގަވާއިދުގެ 10 ވަނަ މާއްދާ އަދި 22 ވަނަ މާއްދާ އިސްލާހު ކުރަން ޖެހޭ ކަމަށް އެފްއޭއެމްގައި ކުރިން މަސައްކަތް ކުރެއްވި ބޭފުޅަކު ވިދާޅުވި އެވެ. އެ ގަވާއިދުގައި 22 ވަނަ މާއްދާގައި އޮތީ ޑިވިޝަންތަކުގެ ޓީމުތަކުގެ އަދަދު ކަނޑައަޅައި، ކޮންގްރެސްގައި ވޯޓް ދިނުމުގެ އަދަދެވެ. އެ މާއްދާގައި ވެސް ވަނީ އެއްވަނަ ޑިވިޝަނުގެ އަދަދަކީ އަށް ކްލަބް ކަމަށެވެ. ކޮންމެ ކްލަބަކަށް ދެ ވޯޓެވެ. ދެވަނަ ޑިވިޝަނުގެ ޓީމުތަކުގެ އަދަދަކީ 10 ކަމަށެވެ. ކޮންމެ ކްލަބަކަށް އެއް ވޯޓެވެ.

މުޅި ރާއްޖެ އަށް ފުޓްބޯޅަ ފުޅާކުރުން

ފުޓްބޯޅަ ހިންގުމުގައި ކުރިން އުޅުއްވި ބޭފުޅުން ވިދާޅުވާ ގޮތުގައި ބައްސާމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފާސް ކުރުމަށް ފަހު، އަލުން އިންތިހާބަކަށް ދިއުމުގެ ކުރިން އެފްއޭއެމް ގެންދަންވީ އިންޓަރިމް ނުވަތަ ނޯމަލައިޒޭޝަންގެ ހާލަތަކަށެވެ.

އެ އިދާރާގެ ކުރީގެ ރައީސް އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ދެއްވި އިންޓަވިއުގައި ވިދާޅުވި ގޮތުގައި، މިހާރު ފުޓްބޯޅައިގެ ހާލަތު އޮތް ގޮތުން، އެފްއޭއެމްއާ އަލުން ހަވާލުވާ މީހަކަށް ފަސޭހައެއް ނުވާނެ އެވެ. އޭނާ ހިޔާލަކީ އެފްއޭއެމް އިންޓަރިމް ހާލަތަކަށް ގެންގޮސް ކަންކަން ހަމަޔަކަށް އެޅުވުމަށް ފަހު އަލުން އިންތިހާބަކަށް ދިއުމެވެ.

އަލީ އާޒިމް "މެދުސަފުހާ" އަށް އިންޓަވިއު ދެއްވަނީ: އޭނާ ވިދާޅުވީ އިންތިހާބުގެ ކުރިން އިންޓަރިމް ހާލަތަކަށް ގެންގޮސް ކަންކަން ހަމަޔަކަށް އަޅުވަން ޖެހޭ ކަމަށް -- ފޮޓޯ: ނިޝާން އަލީ | މިހާރު

އަލީ އާޒިމް "މެދުސަފުހާ" އަށް އިންޓަވިއު ދެއްވަނީ: އޭނާ ވިދާޅުވީ އިންތިހާބުގެ ކުރިން އިންޓަރިމް ހާލަތަކަށް ގެންގޮސް ކަންކަން ހަމަޔަކަށް އަޅުވަން ޖެހޭ ކަމަށް -- ފޮޓޯ: ނިޝާން އަލީ | މިހާރު

އެ އެސޯސިއޭޝަނުގެ ކުރީގެ ޖެނަރަލް ސެކްރެޓަރީ، ހާމިދު އަބްދުލް ގަފޫރު ވިދާޅުވީ، އާ އިންތިހާބަކަށް ދިއުމުގެ ކުރިން އަސާސީ ގަވާއިދު އިސްލާހުކޮށް، މުޅި ރާއްޖެ ޝާމިލުވާ ގޮތަށް ކޮންގްރެސްގައި ވޯޓް ލުމުގެ ހައްގާއި ދިވެހި ޕްރިމިއާ ލީގު ހޯމް އެންޑް އަވޭ އުސޫލުން ކުޅެވޭ ގޮތަށް ބަދަލުކުރަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ބައްސާމްގެ އިތުބާރު ނެތް ކަމަށް ކްލަބްތައް ލައްވައި ސޮއި ކުރުވާ ގޮތަށް، އެ އިސްލާހުތައް އަސާސީ ގަވާއިދަށް ގެނައުމަށް ވެސް ކްލަބްތަކަށް ވިސްނައި ދޭން ޖެހޭ ކަމަށެވެ.

މާލެ އަށް ބޮޑު ބާރެއް ލިބޭ ގޮތަށް، މާލޭ ސަރަހައްދުގައި ކުޅޭ 18 ކްލަބުން 26 ވޯޓް ދެވޭ ގޮތަށް އޮތް 22 ވަނަ މާއްދާ އިސްލާހު ކުރުމުގެ ގޮތުން، އެ 18 ކްލަބްގެ ތެރެއަށް ނުވަ ޒޯނުގެ ތެރެއިން ކޮންމެ ޒޯނަކުން ހަ ޓީމަށް ވޯޓްގެ ހައްގު ލިބޭ ގޮތަށް، އަސާސީ ގަވާއިދަށް އިސްލާހު ހުށަހަޅާނެ ކްލަބެއް ބޭނުންވާ ކަމަށް ހާމިދު ވިދާޅުވި އެވެ.

"މާލޭގެ 18 ކްލަބްގެ ތެރެއަށް ޒޯނަކުން ހަ ކްލަބް، ނުވަ ޒޯން. ޒޯންތަކުން 54 ޓީމަށް ވޯޓް ލުމުގެ ހައްގު ލިބޭގޮތަށް އެފްއޭއެމްގެ ގަވާއިދު އިސްލާހު ކުރަން ހުށަހަޅާނެ ކްލަބެއް ބޭނުންވޭ،" ހާމިދު ވިދާޅުވި އެވެ.

"މާލެ އަށް 18 ކްލަބް އަދި ޒޯންތަކަށް 54 ކްލަބްގެ ޖާގައެއް ދިނުމުން އެފްއޭއެމްގެ ކޮންގްރެސްގައި ވޯޓް ލާ 72 ކްލަބް އޮންނާނެ. މިއީ ފެއާ ޑިސްޓްރަބިއުޝަނެއް ކަމަށް ވާނެ."

މާލެ އަށް ސުޕަ މެޖޯރިޓީ ލިބޭ ގޮތަށް އަސާސީ ގަވާއިދު ބާއްވައިގެން، އިންތިހާބަކަށް ހިނގައްޖެ ނަމަ، ދެން އިންތިހާބު ވާ ރައީސްއަކަށް ވެސް މަޖުބޫރު ވާނީ، މިހާރު ވެސް ހަދާހެން މާލޭގެ ކްލަބްތަކަށް އެކަނި އެފްއޭއެމްގެ ބަޖެޓް ބަހާލުން ކަމަށް ހާމިދު ވިދާޅުވި އެވެ.

އެފްއޭއެމްގެ ކުރީގެ ޖެނަރަލް ސެކްރެޓަރީ ހާމީދު އަބްދުލް ގަފޫރު: އޭނާ ވިދާޅުވީ އަތޮޅުތަކުގެ ޓީމުތަކަށް ދިވެހި ޕްރިމިއާ ލީގުގައި ވާދަ ކުރުމުގެ ފުރުސަތު ނުދީ އަދި ވޯޓްލުމުގެ ހައްގު ނުދީ އިންތިހާބަކަށް ދިއުން ރަނގަޅު ނޫން ކަމަށް --- ފޮޓޯ: ނިޝާން އަލީ | މިހާރު

އެފްއޭއެމްގެ ކުރީގެ ޖެނަރަލް ސެކްރެޓަރީ ހާމީދު އަބްދުލް ގަފޫރު: އޭނާ ވިދާޅުވީ އަތޮޅުތަކުގެ ޓީމުތަކަށް ދިވެހި ޕްރިމިއާ ލީގުގައި ވާދަ ކުރުމުގެ ފުރުސަތު ނުދީ އަދި ވޯޓްލުމުގެ ހައްގު ނުދީ އިންތިހާބަކަށް ދިއުން ރަނގަޅު ނޫން ކަމަށް --- ފޮޓޯ: ނިޝާން އަލީ | މިހާރު

އަސާސީ ގަވާއިދު މިހާރު އޮތްގޮތަށް އޮތުމުން، ދިވެހި ޕްރިމިއާ ލީގު މާލެ އަށް ހަނިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޒޯންތަކުގައި ދަނޑުތައް ހުރެ، ޓްރާންސްޕޯޓް ނިޒާމަކާއި ގެސްޓް ހައުސް ސިނާއަތެއް އުފެދުނު އިރު ވެސް. މި ޒޯންތަކުގެ ޓީމުތަކަށް ޕްރިމިއާ ލީގުން ފުރުސަތެއް ނުލިބި، (ފުޓްބޯޅަ ކުރި ނާރައި) އަހަރުތަކެއް ގެއްލިގެން ހިނގައްޖެ،" ސޭވް އެފްއޭއެމްގެ ގުރޫޕްގައި ހާމިދު ލިޔުއްވާފައި ވެއެވެ.

"ޕްރިމިއާ ލީގު ޒޯންތަކަށް ހުޅުވާލައިގެން ނޫނީ، ހަގީގީ ގައުމީ ލީގެއްގެ އުންސުރު ވެސް ހަމަ ނުކުރެވޭނެ. ލީގުގެ ކޮމާޝަލް ޕޮޓެންޝިއަލް ވެސް ޓެޕް ނުކުރެވޭނެ. ދަނޑުތައް ވެސް ފުރައެއް ނުލެވޭނެ."

އޭނާ ވިދާޅުވީ، ލީގު ޒޯންތަކަށް ގެންދާނެ ގޮތަކާ މެދު ގިނަ ބައެއްގެ ހިޔާލާއި މަޝްވަރާ ހޯދަން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑުގެ ވިސްނުމަކީ މާލެއިން އުތުރުން ހަތަރު ޓީމު، މާލެއިން ދެކުނަށް ހަތަރު ޓީމު އަދި މާލެއިން ހަތަރު ޓީމު ޕްރިމިއާ ލީގަށް ގެންދިއުން. އެކަމަކު މީގައި ގިނަ މީހުންގެ މަޝްވަރާ އާއެކު ގޮތެއް ނިންމަން ޖެހޭ. އެހެން ބޭފުޅަކު ގެންގުޅެފާނެ މިއަށް ވުރެ މާ ރަނގަޅު ހިޔާލެއް ވެސް."

މުޅި ރާއްޖެ އަށް ލީގު ފުޅާކޮށް އެފްއޭއެމްގެ ކޮންގްރެސްގައި ވޯޓް ދިނުމުގެ ހައްގު ވެސް މުޅި ރާއްޖެ ތަމްސީލުވާ ގޮތަށް ހޯދައި ދޭން، އަސާސީ ގަވާއިދު އިސްލާހު ކުރުމަށް ފަހު ނޫނީ، އެފްއޭއެމްގެ އިންތިހާބަށް ދިއުން، ރާއްޖޭގެ މަސްލަހަތު މިހާރު ތަން ނުދޭ ކަމަށް ތަޖުރިބާކާރު އެހެން ބޭފުޅުން ވެސް ވިދާޅުވެ އެވެ.