Roadha Mihaaru
ބައްސާމުގެ އިތުބާރު ނެތްކަމަށް ޓީމުތަކުގެ ސޮއި ހޯދަނީ

ބައްސާމުގެ އިތުބާރު ނެތްކަމަށް ކްލަބްތަކުގެ ސޮއި ހޯދުމުގެ މަސައްކަތް ޓޮމް ފައްޓަވައިފި

13 ޑިސެމްބަރ 2023

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ އިތުބާރު ނެއްތްކަމުގެ މައްސަލަ ހުށަހަޅަން، އެ އެސޯސިއޭޝަނުގެ މެންބަރު ކްލަބްތަކުގެ ސޮއި ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ އިތުބާރު ނެއްތްކަމުގެ މައްސަލަ ހުށަހަޅަން، އެ އެސޯސިއޭޝަނުގެ މެންބަރު ކްލަބްތަކުގެ ސޮއި ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

މި މަސައްކަތް ފެއްޓެވީ، އެ އިދާރާގެ ކުރީގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު (ޓޮމް) އެވެ.

"އެފްއޭއެމްގެ ރައީސް ބައްސާމުގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ކުލަބުތަކުގެ ސޮއި ހޯދުމުގެ މަސައްކަތްވަނީ ފެށިފައި، ސޯޝަލް މީޑިއާގައި ތޯރިގު ވިދާޅުވި އެވެ.

"ފުޓްބޯޅައަށް ކިރިޔާ ވެސް ކުލުނެއް ހުރިނަމަ ރީތިގޮތަކީ އިސްތިއުފާދިނުން."

އެފްއޭއެމްގެ އަސާސީ ގަވާއިދުގައި ބުނެފައި ވަނީ، އެ އެސޯސިއޭޝަނުގެ މެންބަރު ކްލަބްތަކުގެ ތެރެއިން ތިންބައިކުޅަ ދެ ބައި ކްލަބުތަކުން، ހުށަހަޅައިފިނަމަ އިތުބާރު ނެތްކަމުގެ މައްސަލައިގައި ވޯޓް ނެގުމަށް ކޮންގްރެސްއެއް ބާއްވައި އިތުބާރު ނެތް ކަމަށް ފެނޭތޯ ވޯޓަށް އަހަން ޖެހޭނެ ކަމަށެވެ.

ބައްސާމްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ކްލަބްތަކުގެ ސޮއި ހޯދަން، މަސައްކަތް ފެށި އިރު، އަންނަ އަހަރު ބާއްވާ އިންތިހާބުގައި އެފްއޭއެމްގެ ރައީސްކަމަށް ވާދަ ކުރައްވަން، ކްލަބް އީގަލްސްގެ ނައިބު ރައީސް ކަން ވެސް ކުރިން ކުރެއްވި ތޯރިގު ވަނީ އިއުލާން ކުރައްވަފައި އެވެ.

މިހާރު ކުރިއަށްދާ ބައްސާމްގެ ދައުރު ނިމެން ބާކީ ދެން އޯތީ ހަ މަސް ދުވަހެވެ. އޭނާގެ މި ދައުރު ހަމަވާނީ އަންނަ އަހަރު ޖުލައި ދެވަނަ ދުވަހު އެވެ. އޭގެ ކުރިން އިންތިހާބު ބާއްވަން ޖެހޭނެ އެވެ.

މިއީ ބައްސާމްގެ އިތުބާރު ނެތް ކަމަށް ހުށަހަޅަން މަސައްކަތް ކުރާ ދެވަނަ ފަހަރެވެ. ބައްސާމްގެ ފުރަތަމަ ދައުރުގައި، 2018 ވަނަ އަހަރު ޑިސެމްބަރު މަހު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން އޭނާގެ އިތުބާރު ނެތް ކަމަށް ހުށަހަޅަން އުޅުމުން، ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި އެފްއޭއެމުން އެ ކްލަބް ސަސްޕެންޑް ކުރި އެވެ. ނިއު ސަސްޕެންޑް ކުރުމުން ދެން އެ މަސައްކަތުގައި އުޅުނީ ވިކްޓަރީ ސްޕޯޓްސް ކްލްބެވެ.

ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހުލޫފް ފަހަތުގައި ހުންނަވައިގެން، ކްލަބްތައް ލައްވައި ސޮއިކޮށް އިތުބާރު ނެތް ކަމުގެ މައްސަލަ އެފްއޭއެމް އަށް ހުށަހެޅުއްވީ ވިކްޓަރީގެ ކުރީގެ ޗެއާޕާސަން، ޑރ. އިބްރާހިމް ނާޝިދު (ނާޝް) އެވެ.

އެކަމަކު އެ މައްސަލަ ކުރިއަށް ނުދިޔައީ، ސޮއި ކުރި ބައެއް ކްލަބްތަކުން ނަން އަނބުރާ ގެންދިއުމުންނެވެ. ސޮއި ކުރި ބައެއް ކްލަބްތަކުގެ ތެރޭގައި، ބައްސާމް އަށް ފަހުން އެންމެ ބޮޑަށް ތާއިދު ކުރި، މާޒިޔާ އާއި ގްރީން ސްޓްރީޓްސް، ޓީސީ އާއި ޔުނައިޓެޑް ވިކްޓަރީ ވެސް ހިމެނެ އެވެ. އެ ހަތަރު ކްލަބުން ވެސް ސޮއި އަނބުރާ ގެންދިޔަ އެވެ.