Roadha Mihaaru
ސާޖިދާގެ ކޮންޓްރެކްޓް ބާތިލުކުރަން ކުއްލި މައްސަލައެއް

ސާޖިދާ އާ އެކު ހެދި ކޮންޓްރެކްޓް ބާތިލުކުރަން ކުއްލި މައްސަލައެއް

13 ޑިސެމްބަރ 2023

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އަދާކުރައްވަމުން ގެންދެވި ވަޒީފާގައި ދެމިހުންނެވުމަށް ހެލްތު މިނިސްޓްރީ އާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލުކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އަދާކުރައްވަމުން ގެންދެވި ވަޒީފާގައި ދެމިހުންނެވުމަށް ހެލްތު މިނިސްޓްރީ އާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލުކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

ސާޖިދާއަކީ ހެލްތު މިނިސްޓްރީގެ ދަށުން ހިންގަމުންދާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ސީނިއާ ސައިންޓިފިކް އޮފިސަރެވެ. ފަސްޓްލޭޑީ ކަމަށް ވަޑައިގެންނެވި އިރު، ސާޖިދާ ވަނީ ވަޒީފާއިން ހަތަރު އަހަރު ދުވަހަށް ނޯޕޭ ލީވް ނަންގަވައިފަ އެވެ.

ނަމަވެސް ހެލްތު މިނިސްޓްރީން ސާޖިދާގެ ފަންނީ އެހީތެރިކަން ބޭނުންވާ ކަމަށް އަންގައި، ކޮންޓްރެކްޓް އުސޫލުން ސާޖިދާގެ ކޮންސަލްޓެންސީ ލިބޭނެ ގޮތް ހަދައިދޭން ސިވިލް ސާވިސް ކޮމިޝަންގައި އެދިވަޑައިގަތުމުން އެކަން ވަނީ ހަމަޖައްސައިފަ އެވެ.

އެކަމާ ދެކޮޅަށް ދާންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔައުގޫބު އަބްދުﷲ ހުށަހެޅުއްވި ކުއްލި މައްސަލާގައި ވިދާޅުވީ ގާނޫނާ ހިލާފަށް ހާއްސަ އުސޫލަކުން ސާޖިދާ އަށް ކޮންޓްރެކްޓެއް ދީފައިވަނީ ސިވިލް ސާވިސްގައި މަސައްކަތްކުރާ އެތަކެއް ހާސް މުވައްޒަފުންގެ ހައްގުތައް ގެއްލޭ ގޮތަށް ކަމަށެވެ.

ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަ ދައްކަވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ

ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަ ދައްކަވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ

އެހެންކަމުން، އޭނާ ވަނީ އެ ކޮންޓްރެކްޓު ބާތިލުކުރުމަށް އެ ކުއްލި މައްސަލާގައި ގޮވާލައްވައިފަ އެވެ.

އެ މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސް ފަށާފައިވަނީ، އެ ކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 21 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ކުއްލި މައްސަލަ ބަލައިނުގަންނަން ހަތަރު މެމްބަރަކު ވޯޓު ދެއްވި އެވެ.

ބަހުސްގައި ވާހަކަ ދައްކަވަމުން، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ އުސޫލާ ހިލާފަށް ސާޖިދާ އަށް ކޮންޓްރެކްޓު ދިން ކަމުގެ ޝަކުވާތައް ލިބިވަޑައިގެންފައިވާ ކަމަށެވެ.

ރޮޒެއިނާ ވިދާޅުވި ގޮތުގައި، އާއިލީ ކަމެއްގައި ދެވޭ ގޮތަށް އޮންނަ ނޯޕޭ ވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ވީތީ ސާޖިދާ އަށް ދެވޭނެ ކަމަށް ގަބޫލުނުކުރެއްވެ އެވެ.

ޒާތީ ގޮތުން ފުރައްސާރަކުރާކަމުގެ ތުހުމަތު އެމްޑީޕީއަށް!

މަޖިލީހުގައި މުހިންމު މަސައްކަތްތަކެއް ހުއްޓައި، ކުއްލި މައްސަލައެއް ހުށަހަޅައިގެން މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން މަސައްކަތް ކުރަނީ ޒާތީ ގޮތުން ފުރައްސާރަ ކުރަން ކަމަށް އެހެން ޕާޓީތަކުގެ ބައެއް މެމްބަރުން ވިދާޅުވި އެވެ.

އުނގޫފާރު ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ މި ކަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބަލަމުންދަނިކޮށް، ކުއްލި މައްސަލައެއްގެ ސިފާގައި މި ކަން މަޖިލީހުގެ ތަޅުމަށް ގެނައީ، ހައްލެއް ހޯދުމުގެ ބަދަލުގައި ސާޖިދާ އާ ޒާތީ ގޮތުން ދިމާކުރަން ކަމަށެވެ.

"...ސިވިލް ސާވިސްގެ އުސޫލުތަކާއި ގާނޫނާ ހިލާފަށް މި ކަން ކޮށްފަ އޮވެއްޖެ ކަމަށް ވަންޏާ، އަޅުގަނޑަށް ހީވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހަޅުއްވައިގެން ސިވިލް ސާވިސް ގެންނަވައިގެން ހައްލު ކުރެވޭނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ފޮނަދޫ ދާއިރާގެ ޕީއެންސީ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ ސިވިލް ސާވިސް ކޮމިޝަނަށް ނުފޫޒު ފޯރުވައިގެން އުޅޭ ކަމަށް އެމްޑީޕީން ތުހުމަތު ކުރާ ނަމަ، އެ ކަން ވެސް ބެލޭނެ ވަރުގެ މެޖޯރިޓީއެއް އެމްޑީޕީއަށް އެބަ އޮތް ކަމަށެވެ.

އޭގެ ބަދަލުގައި، ކުއްލި މައްސަލައެއް ހުށަހަޅައިގެން ސާޖިދާ އަށް އެކި ތުހުމަތުތައް އަމާޒުކުރަމުންދިޔުމުން، މި މައްސަލަ ހައްލުކުރަން އެމްޑީޕީގެ އިހުލާސްތެރިކަމެއް ނެތް ކަން ހާމަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ މިހާރު ދިމާވެގެން މި އުޅެނީ ސިވިލް ސާވިސް ކޮމިޝަނުން ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއް ކަމަށެވެ.

"ކުއްލި މައްސަލައެއް ލައިގެން ރައްޔިތުންގެ ސަމާލުކަމަށް ގެނެސް މިކަމާ ބަހުސް ކުރަންޖެހޭ ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ،" އީވާ ވިދާޅުވި އެވެ.

ހާއްސަ އުސޫލެއް ނޫން، ދެ މުސާރަ ނުނަންގަވާނެ!

ސާޖިދާ އާ އެކު ކޮންޓްރެކްޓެއް ހެދީ ހާއްސަ އުސޫލަކުން ނޫން ކަމަށާއި އެއީ އެހެން މީހުންނަށް ވެސް ދޭ ފުރުސަތެއް ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އެ ކޮންޓްރެކްޓުގައިވާ ގޮތުން މަސައްކަތަށް ވަޑައިގަންނަވާ ކޮންމެ ގަޑިއިރަކަށް 75ރ. ގެ އެލަވަންސެއް ލިބޭނެ އެވެ. އެއީ މަހަކު 40 ގަޑިއިރު މަސައްކަތްކުރާ ގޮތަށް ކަމަށްވާތީ މަހަކު ލިބިވަޑައިގަންނަވާނީ 3،000ރ. އެވެ.

ފަސްޓްލޭޑީގެ ހައިސިއްޔަތުން ވެސް ސާޖިދާއަށް ރައީސުލްޖުމްހޫރިއްޔާގެ މުސާރައިގެ ތިންބައިކުޅަ އެއްބައި މުސާރަ ލިބިވަޑައިގަންނަވަ އެވެ. އެހެންވެ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ސީއެސްސީ ވަނީ ހާޒިރުކޮށްފަ އެވެ.

ދައުލަތުން ދެ މުސާރަ ނަންގަވާތީ ފާޑުކިޔުން އަމާޒުވުމުން، އެ ކަން އެ ގޮތަށް ނުކުރައްވައި، ހެލްތު މިނިސްޓްރީން ދޭ މުސާރަ ޑޮނޭޓު ކުރައްވާނެ ކަމަށް ސާޖިދާ ވަނީ ވިދާޅުވެފަ އެވެ.

ސާޖިދާ ވިދާޅުވީ އޭނާ މަސައްކަތް ކުރައްވާ ދާއިރާއަކީ ފަންނީ މީހުން ވަރަށް މަދު ދާއިރާއެއް ކަމަށާއި އޭނާއާ ގުޅޭ ދާއިރާއަކުން ވެސް މުޅި ރާއްޖެއިން ކިޔަވާފައި ވަނީ ތިން ހަތަރު މީހުން ކަމަށެވެ. އެހެންވެ އެ މީހުންނަށް އެހީތެރިކަން ދެއްވައި، ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދެއްވަން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

ސާޖިދާ ވިދާޅުވި ގޮތުގައި ދުވާލަކު ދެތިން ގަޑިއިރު އެމްއެފްޑީއޭގައި މަސައްކަތްކުރެއްވިޔަސް ބާކީ އޮތް ވަގުތުތަކުގައި އިޖުތިމާއީ ގިނަ މަސައްކަތްތަކެއް ކުރެއްވޭނެ އެވެ.