11 ޑިސެމްބަރ 2023
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު ސިއްހީ ދާއިރާއަށް ހިދުމަތްކޮށްދެއްވަން ބޭނުންފުޅުވާތީ ސިވިލް ސާވިސްއާ އެކު ކޮންޓްރެކްޓެއް ހަދަނީ ހާއްސަ އުސޫލަކުން ނޫން ކަމަށާއި އެއީ އެހެން މީހުންނަށް ވެސް ދޭ ފުރުސަތެއް ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު ސިއްހީ ދާއިރާއަށް ހިދުމަތްކޮށްދެއްވަން ބޭނުންފުޅުވާތީ ސިވިލް ސާވިސްއާ އެކު ކޮންޓްރެކްޓެއް ހަދަނީ ހާއްސަ އުސޫލަކުން ނޫން ކަމަށާއި އެއީ އެހެން މީހުންނަށް ވެސް ދޭ ފުރުސަތެއް ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފި އެވެ.
ސާޖިދާ އަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ސީނިއާ ސައިންޓިފިކް އޮފިސަރެވެ. ފަސްޓްލޭޑީ ކަމަށް ވަޑައިގަތީ ވަޒީފާއިން ހަތަރު އަހަރު ދުވަހަށް ނޯޕޭ ލީވް ނެންގެވުމަށް ފަހު އެވެ. ނަމަވެސް ހެލްތު މިނިސްޓްރީން ސާޖިދާގެ ފަންނީ އެހީތެރިކަން ބޭނުންވާ ކަމަށް އަންގައި، ކޮންޓްރެކްޓް އުސޫލުން ސާޖިދާގެ ކޮންސަލްޓެންސީ ލިބޭނެ ގޮތް ހަދައިދޭން ކޮމިޝަންގައި އެދިވަޑައިގަތުމުން އެކަން ވަނީ ހަމަޖައްސައިފަ އެވެ.
އެކަމާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަނުން ވަނީ ސާޖިދާއާ އެކު ކޮންޓްރެކްޓެއް ހަދަން ނިންމައިފަ އެވެ. އެއީ މަސައްކަތަށް ވަޑައިގަންނަވާ ކޮންމެ ގަޑިއިރަކަށް 75ރ. ގެ އެލަވަންސެއް ލިބޭ ގޮތަށެވެ. އެއީ މަހަކު 40 ގަޑިއިރު މަސައްކަތްކުރާ ގޮތަށެވެ.
ފަސްޓްލޭޑީގެ ހައިސިއްޔަތުން ވެސް ސާޖިދާއަށް ރައީސުލްޖުމްހޫރިއްޔާގެ މުސާރައިގެ ތިންބައިކުޅަ އެއްބައި މުސާރަ ލިބިވަޑައިގަންނަވަ އެވެ. އެހެންވެ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ސީއެސްސީ މިއަދު ހާޒިރުކުރީ އެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން: ސީއެސްސީ އިން ވަނީ ފަސްޓްލޭޑީއަށް ހެދީ ހާއްސަ އުސޫލެއް ނޫން ކަމަށް ބުނެފައި
ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވީ ފުރަތަމަ އެދިވަޑައިގަތީ ދާއިމީ ވަޒީފާގައި ހުންނަވައިގެން ލުއިތަކެއް ދިނުމަށް ކަމަށާއި ނަމަވެސް، އެގޮތަށް ލުއިތަކެއް ދިނުމަށް ގަވައިދުން ތަން ނުދޭ ކަމަށެވެ. ހަމައެކަނި އޮތް ގޮތަކީ ވަޒީފާއިން މުސާރަ ނުލިބޭ ގޮތަށް ވީއްލުމަށް ފަހު، ކޮންޓްރެކްޓް އުސޫލުން ހިދުމަތްކޮށް ދިނުން ކަމަށް ލަފާ ދީފައިވާނެ ކަމަށް ނާސިހު ވިދާޅުވި އެވެ.
ނާސިހު ވިދާޅުވީ ކޮންޓްރެކްޓް އުސޫލުން ހިދުމަތް ކުރައްވަން ފަސްޓްލޭޑީ ފުރަތަމަ ނިންމެވީ އެއްވެސް އުޖޫރައެއް ނުނަންގަވާ ގޮތަށް ކަމަށާއި ނަމަވެސް، ކޮންމެވެސް އުޖޫރައެއް ހަމަޖެއްސުމަކީ ކޮމިޝަނަށް ލާޒިމް ކަމަކަށްވާތީ، މި މަހުގެ ހަތް ވަނަ ދުވަހު ކޮންޓްރެކްޓް ހަދައި ސޮއިކޮށްފައިވާނެ ކަމަށެވެ. ކޮންޓްރެކްޓްގައިވާ ގޮތުން ފަސްޓްލޭޑީގެ މަސްއޫލިއްޔަތަކީ ފަންނީ ލަފާ ދެއްވުމާއި މުވައްޒަފުން ތަމްރީނުކުރުމާއި އުސޫލުތައް ހެދުމުގައި އެހީތެރިކަން ދެއްވުމެވެ.
ކޮމިޝަންގެ ރައީސް ވިދާޅުވީ މިއީ ފަސްޓްލޭޑީއަށް ވުމުން ހަމަޖައްސައިދިން ގޮތެއް ނޫން ކަމަށާއި މިގޮތަށް އިންތިޒާމް އެހެން އިދާރާތަކުގެ ބައެއް މުވައްޒަފުންނަށް ވެސް ހަމަޖައްސައިދީފައިވާނެ ކަމަށެވެ. މިނިސްޓްރީތަކުގެ ދާއިމީ ވަޒީފާތަކުގައި ތިބި މުވައްޒަފުން، މިނިސްޓްރީތަކުގެ ބައެއް ޕްރޮޖެކްޓްތަކުގެ މަސައްކަތަކަށް ކޮންޓްރެކްޓް އުސޫލުން ހަމަޖައްސައި، ވަޒީފާއިން ވީއްލާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެގޮތުން އަޅުގަނޑު ދަންނަވާލާ ކަމަށްވާ ނަމަ ފިނޭންސް މިނިސްޓްރީގައި ވެސް 2018 ގައި ފެށިގެން މިހާތަނަށް އެބަހުރި ފަސް މުވައްޒަފަކަށް މި ފުރުސަތު ދެއްވާފައި. އެންވަޔަރަމެންޓް މިނިސްޓްރީގެ ވެސް ދެ މުވައްޒަފަކު އެބަ ތިއްބެވި. މުއްދަތު ތަފާތުވެދާނެ ކަމަކު މި އުސޫލުން ފުރުސަތު ދީގެން މަސައްކަތް ކުރުވާފައި އެބަހުރި. ހައުސިން މިނިސްޓްރީގެ ވެސް ތިން މުވައްޒަފަކު އެބަ އުޅޭ،" ނާސިހު ވިދާޅުވި އެވެ.
ކޮމިޓީގެ ބައެއް މެންބަރުން ވަނީ ފަސްޓްލޭޑީއަށް އެ ފުރުސަތު ދެއްވުމުން މަސްލަހަތު ފުށުއަރާކަން ވަރަށް ބޮޑަށް ފާހަގަކުރައްވައި، އެކަމާ ގުޅޭ ގޮތުން ސީއެސްސީން ދެކޭ ގޮތް އައްސަވައިފަ އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވީ ފަސްޓްލޭޑީއެއް ސިވިލް ސާވިސް ތެރެއިން މަސައްކަތް ކުރައްވާއިރު ރިޕޯޓް ކުރައްވަން ޖެހޭނީ ހެލްތު މިނިސްޓަރަށް ކަމަށާއި ހެލްތު މިނިސްޓަރަކީ ފަސްޓް ލޭޑީގެ ފިރިކަލުން، ރައިސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. އެކަމުން އެކަނި ވެސް މި މައްސަލާގައި މަސްލަހަތު ފުށުއަރާ މިންވަރު ސާފުވާ ކަމަށް މެންބަރު ވިދާޅުވި އެވެ.
"އެތަނުގެ މުވައްޒަފުންނަށް ދެން ހެލްތު މިނިސްޓަރެއްގެ ގޮތުގައި ހަގީގަތުގައި ފެންނާނީ ފަސްޓްލޭޑީ ނޫން ކަމެއް ވެސް ނޭނގެ، ޕަވާ އިން ބެލެންސެއް އެބަ އުޅޭ. އެހެންވީމާ އުސޫލަށް ނުބައްލަވާ ކޭސް ބައި ކޭސް ކޮމިޝަނުން ގޮތް ނިންމާއިރު އެތިކަލް ކޮންސިޑަރޭޝަނަށް ބައްލަވައިގެން ކަމަށް މިފަދަ ނިންމެވުންތައް ނިންމަވަންވާނީ،" މީކާއިލް ވިދާޅުވި އެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން: ސީއެސްސީ އިން ވަނީ ފަސްޓްލޭޑީއަށް ހެދީ ހާއްސަ އުސޫލެއް ނޫން ކަމަށް ބުނެފައި
އެ ސުވާލަށް ޖަވާބު ދެއްވަމުން ނާސިހު ވިދާޅުވީ ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއަށް ބަލާއިރު އެމެރިކާގެ ފަސްޓްލޭޑީ މިހާރު ވެސް ކުޑަކުދިންނަށް ކިޔަވައިދިނުމުގެ މަސައްކަތް ކުރައްވާ ކަމަށާއި އެ ގައުމުގައި އެއީ ގާނޫނުން މަނާ ކަމެއް ވެސް ނޫން ކަމަށެވެ. ރާއްޖޭގައި ވެސް އެކަން ގާނޫނުން މަނާކޮށްފައިނުވާއިރު ކޮމިޝަނުން އަބަދުވެސް އަމަލު ކުރަން ޖެހޭނީ ގާނޫނަށް ކަން އޭނާ ފާހަގަކުރެއްވި އެވެ.
"ގާނޫނުން ހުރަހެއް ނެތް ކަމަށްވާ ނަމަ އެ މުވައްޒަފަށް އަމަލު ކުރަން ޖެހޭނީ، މިހާރު އެއީ ފަސްޓްލޭޑީއަށް ވިޔަސް އަމަލުކުރަން ޖެހޭނީ އެއް ހަމައަކުން. އަޅުގަނޑަށް އެނގޭ މިއަށްފަހު މި ދިމާވާ މައްސަލަތަކަށް ހައްލެއް ގާނޫނު ހަދާ މަޖިލީހުން ކުރިއަށް އޮތް ތަނުގައި ރެސްޓްރިކްޝަންތަކެއް ގެންނަން ބޭނުންވާ ކަމަށްވާ ނަމަ އެކަން ކުރަންވީ، އެކަމަކު މިހާރު ގާނޫނީ ގޮތުން ހުރަހެއް ނެތް،" ނާސިހު ވިދާޅުވި އެވެ.
ނާސިހު ވިދާޅުވީ މަސްލަހަތު ފުށުއަރާ ކަންކަަމަކީ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން އެ ބޭފުޅުން އަމިއްލައަށް ވެސް ސަމާލުކަން ދޭން ޖެހޭ ކަންތައްތަކެއް ކަމަށާއި ހުރިހާ ކަމަކީ ގާނޫނެއްގައި ލިޔެވޭނެ ކަންކަމެއް ނޫން ކަމަށެވެ.
މިއަދުގެ ކޮމިޓީގެ ބައްދަލުވުން ނިންމަވާލައްވަމުން މުގައްރިރު ރޮޒައިނާ އާދަމް ވިދާޅުވީ މި މައްސަލައަކީ ރައްޔިތުންގެ ފަރާތުން ކަންބޮޑުވުން އޮތް މައްސަލައަކަށްވާތީ އެކަންކަން ކޮމިޓީން ދިރާސާކޮށް ގާނޫނަށް ބަދަލުތަކެއް ގެންނަން ފެންނަ ނަމަ، އެކަމެއް ނިންމާނެ ކަމަށެވެ.
ކުއްލި މައްސަލައެއް ނޫން، ފުރައްސާރަކުރުމެއް!
ސާޖިދާއާ "ޒާތީވުމުން" އެމްޑީޕީ އަށް ނުރުހުން
ސާޖިދާގެ ކޮންޓްރެކްޓް ބާތިލުކުރަން ކުއްލި މައްސަލައެއް
ފަސްޓްލޭޑީއަށް ހެދި އުސޫލާ ގުޅިގެން ސީއެސްސީ ކޮމިޓީއަށް
ތުހުމަތު ސާބިތުނުވާތީ ސީއެސްސީގެ ރައީސް ވަތްކެއް ނުކުރި
މެންބަރުން ވަކިކުރަނީ ނުފޫޒަށް ލެނބުމުން
ބައެއް ކޮމިޝަންތަކުގެ މެމްބަރުން ވަކިކުރަނީ
ސިވިލް ސާވިސް ކޮމިޝަނަށް ހަބީބާ އައްޔަންކުރަންފާސްކޮށްފި
މަޖިލީހަށް ގާބިލު މީހުން ދާން އޮތް ދޮރު ބަންދު!
މަޖިލީހަށް ވާދަކުރާ ސިވިލް ސާވަންޓުންގެ ވަޒީފާ ގެއްލޭނެ