Roadha Mihaaru
"36 އަހަރު ނުލިބުނު ހައްލު މި ސަރުކާރުން ލިބޭނެ"

36 އަހަރު ނުލިބުނު މުސާރައިގެ ހައްލު މި ސަރުކާރުން ލިބޭނެ: ޔައުގޫބު

20 ސެޕްޓެމްބަރ 2021

ސިވިލް ސާވަންޓުންނަށް މިދިޔަ 36 އަހަރުގެ ތެރޭގައި ނުލިބުނު މުސާރައިގެ ހައްލު މި ސަރުކާރުން ހޯދައިދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

ސިވިލް ސާވަންޓުންނަށް މިދިޔަ 36 އަހަރުގެ ތެރޭގައި ނުލިބުނު މުސާރައިގެ ހައްލު މި ސަރުކާރުން ހޯދައިދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ، ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދިނުމަށް އެދި އިއްޔެ ބައެއް މުވައްޒަފުން ކަޅު ހެދުމުގައި ކުރި އިހުތިޖާޖުގެ ތެރެއިން، ހިދުމަތުގައި 36 އަހަރު ހޭދަކުރިއިރު ވެސް މުސާރަ ހުރީ 4،465ރ ގައި ކަމަށް ބުނެ މީހަކު ހިފައިގެން ހުރި ޕޯސްޓަރެއްގެ ވާހަކަ ރައްޔިތުންގެ މަޖިލީހުގެ އެހެން މެމްބަރަކު މިއަދުގެ ޖަލްސާގައި ނެންގެވުމުން އެ އަށް ރައްދު ދެއްވަމުންނެވެ.

ސިވިލް ސާވެންޓުންގެ މުސާރަ އަށް ހެޔޮ ބަދަލެއް ގެނެސްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި އެ މުވައްޒަފުގެ އުދާސްތަކާ ގުޅުވައިގެން ޔައުގޫބު ވިދާޅުވީ، އެތައްއެތައް ސަރުކާރެއް ފާއިތުވެގެން ދިޔަ 36 އަހަރުގެ ތެރޭގައި ނުލިބުނު މުސާރައިގެ ހައްލު މި ސަރުކާރު ހޯދައިދޭނެ ކަމަށެވެ.

އެ ކަންކަން ހައްލު ކުރުމަށް ޕޭ ކޮމިޝަނާ މިހާރު ހަވާލުކޮށްފައިވާ މަސައްކަތް، ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު މަޖިލީހަށް ހުށަހެޅުމުގެ ކުރިން ނިންމައި ގެންނަން ފެންނަ ބަދަލުތައް ބަޖެޓުގައި ހިމަނައިގެން މަޖިލީހަށް ހުށަހެޅުމަށް ޔައުގޫބް އެދިވަޑައިގަތެވެ. އަދި އެކަން އެގޮތަށް ނުކުރެވޭ ނަމަ މުސާރަ ރަނގަޅު ކުރުމަށް އިތުރު ވަސީލަތްތައް ބޭނުން ކުރުމަށް ޔައުގޫބު ގޮވައިލެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ޔައުގޫބް ވާހަކަ ދައްކަވަނީ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ޔައުގޫބް ވާހަކަ ދައްކަވަނީ.

ޔައުގޫބު ވިދާޅުވިގޮތުގައި، ސިވިލް ސާވިސް މުވައްޒަފުންގެ ތެރޭގައި ހިމެނޭ ޓީޗަރުންގެ މުސާރަ އަށް ވެސް ވަރަށް ބޮޑަށް ފާރަވެރިވެ، ރަނގަޅު ބަދަލެއް ގެންނަންޖެހެ އެވެ. ޓީޗަރުންގެ މިހާރުގެ މުސާރައަކީ އެ މީހުން ކުރާ މަސައްކަތާ ނުބައްދަލު އަދަދެއްކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ހަމަ އެއާއެއްކޮށް އަޅުގަނޑު ޝުކުރުވެރިވަން ޓީޗަރުންގެ ސެޓްފިކެޓް އެލަވަންސް އެ ހިފެހެއްޓިފައި އޮތް ހިފެހެއްޓުން ދޫކޮށްދެއްވީތީ. އަދި މީގެ ކުރިން ޓީޗަރުންގެ ސެޓްފިކެޓް އެލަވަންސަށް ލިބެމުން އައި އެ އެލަވަންސް ހިފެހެއްޓިފައި އޮތް މުއްދަތައް ވާ ފައިސާ ވެސް ވީހާ ވެސް އަވަހަކަށް ޓީޗަރުންނަށް އަނބުރާ ލިބޭނެ ގޮތް ހައްދަވައި ދެއްވުމަށް ފިނޭންސް މިނިސްޓަރަށް ދަންނަވަން،" ޔައުގޫބު ވިދާޅުވި އެވެ.

ދައުލަތުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ގޮވާލައި ކަޅުހެދުމުގައި އިއްޔެ އިހުތިޖާޖު ކޮށްފައިވާއިރު، ބައެއް ސިވިލް ސާވަންޓުން މިއަދު އޮފީހަށް ނުނިކުމެ ބައެއް އޮފީސްތައް ވަނީ ހުއްޓިފަ އެވެ.

ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންގެ މެދުގައި މުސާރައިގެ ފަރަގު ނައްތާލައި، އެއް ހަމައަކުން މުސާރަ އާއި އިނާޔަތްތައް ދެވޭނެ އޮނިގަނޑެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ އޮނިގަނޑަށް މުއައްޒަފުން ބަދަލު ކުރުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް ނޭޝަނަލް ޕޭ ކޮމިޝަނުން މިއަދު ބުނެފައި ވެ އެވެ.