Roadha Mihaaru
ޔާމީން ސިޔާސީ ކަންކަމުގައި؛ އަނެއްކާ މައްސަލަ ބަލަނީ

ޔާމީން ސިޔާސީ ކަންކަމުގައި އުޅުއްވާ މައްސަލަ ކަރެކްޝަނުން އަނެއްކާވެސް ބަލަނީ

11 ޑިސެމްބަރ 2023

މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސިޔާސީ ހަރަކާތްތަކުގައި އުޅުއްވުން މަނާކޮށްފައި ވަނިކޮށް، އެ މަނިކުފާނު އިސްވެ އުފައްދަވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އޮފީހަށް ރޭ ވަޑައިގަތް މައްސަލަ ކަރެކްޝަންސް އިން ބަލަން ފަށައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސިޔާސީ ހަރަކާތްތަކުގައި އުޅުއްވުން މަނާކޮށްފައި ވަނިކޮށް، އެ މަނިކުފާނު އިސްވެ އުފައްދަވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އޮފީހަށް ރޭ ވަޑައިގަތް މައްސަލަ ކަރެކްޝަންސް އިން ބަލަން ފަށައިފި އެވެ.

ޔާމީން ޕީއެންއެފްގެ އޮފީހަށް ވަޑައިގަތީ އެ ޕާޓީއަށް ސޮއިކުރައްވާށެވެ. އެކަމަށްޓަކައި ހާއްސަ ރަސްމިއްޔާތެއް ރޭ ޕާޓީ އޮފީހުގައި ބާއްވައި، މީޑިއާ ކަވަރޭޖަށް ވެސް ޕާޓީން ދައުވަތު ދިނެވެ.

ކަރެކްޝަނުގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން އަހުމަދު ވިދާޅުވީ ޔާމީނު ޕީއެންއެފް އޮފީހަށް ރޭ ވަޑައިގަތް މައްސަލަ ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އޭގެ އިތުރު ތަފުސީލެއް ނުދެއްވަ އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހުށަހެޅުމާއި މަނީ ލޯންޑަރިން ހިންގި ކަމުގެ ކުށުގައި ޖަލު ހުކުމް ތަންފީޒުކުރަމުން ދަނިކޮށް ޔާމީން ގެއަށް ބަދަލުކުރީ، މިދިޔަ ސެޕްޓެމްބަރު 30 ވަނަ ދުވަހު ބޭއްވި އިންތިހާބު ރައީސް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބުކުރެއްވި ފަހުންނެވެ.

ގެއަށް ބަދަލުކުރި ފަހުން ޕީޕީއެމްގެ އޮފީހަށް ވަޑައިގެން ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ގެންދެވީ ސިޔާސީ އެއްވުންތައް ބާވަމުންނެވެ. ނަމަވެސް، އެއީ، ޖަލުތަކާއި ޕެރޯލްގެ ގާނޫނާ ހިލާފު ކަމަކަށް ވާތީ ކަރެކްޝަންސް އިން އޮތީ އިގުރާރާ ހިލާފުވާ ނަމަ ލުއިތައް އުވާލާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.

މީއީ ޔާމީންގެ މައްސަލަ ބަލާ ކަމަށް ކަރެކްޝަނުން ބުނި ދެވަނަ ފަހަރެވެ. މީގެ ކުރިން ވެސް ޕާޓީ އޮފީހަށް ވަޑައިގެން މައްސަލަ ބަލަމުންދާ ކަމަށް ކަރެކްޝަނުން ބުންޏެވެ. ނަމަވެސް ފިޔަވަޅެއް އެޅިކަން ނުވަތަ ނޫނަކަން ހާމައެއް ނުކުރެ އެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން ސިޔާސީ ޕާޓީ އާއި ޖަމިއްޔާތަކަށް އާންމު މެންބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު، ހުކުމެއް ތަންފީޒު ކުރުމަށްޓަކައި ޖަލުގައި ބަންދުކޮށްފައި ހުންނަ މުއްދަތުގައި ލިބިގެނެއްނުވެ އެވެ.