Roadha Mihaaru
ޔާމީން، އާ ޕާޓީގެ އޮފީހަށް ދިޔަ މައްސަލަ ބަލަނީ

ޔާމީން، އާ ޕާޓީގެ އޮފީހަށް ވަޑައިގެންނެވި މައްސަލަ ކަރެކްޝަންސް އިން ބަލަނީ

27 ނޮވެމްބަރ 2023

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފައްދަން މަސައްކަތް ކުރާ އާ ޕާޓީގެ އޮފީހަށް ރޭ ވަޑައިގެންނެވި މައްސަލަ ކަރެކްޝަނަލް ސާވިސް އިން ބަލަން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފައްދަން މަސައްކަތް ކުރާ އާ ޕާޓީގެ އޮފީހަށް ރޭ ވަޑައިގެންނެވި މައްސަލަ ކަރެކްޝަނަލް ސާވިސް އިން ބަލަން ފަށައިފި އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހުށަހެޅުމާއި މަނީ ލޯންޑަރިން ހިންގި ކަމުގެ ކުށުގައި ޖަލު ހުކުމް ތަންފީޒުކުރަމުން ދަނިކޮށް ޔާމީން ގެއަށް ބަދަލުކުރީ، މިދިޔަ ސެޕްޓެމްބަރު 30 ވަނަ ދުވަހު ބޭއްވި އިންތިހާބު ރައީސް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބުކުރެއްވި ފަހުންނެވެ.

އެ މަނިކުފާނު ގެއަށް ބަދަލުކުރި ފަހުން ޕީޕީއެމްގެ އޮފީހަށް ވަޑައިގެން ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ގެންދެވީ ސިޔާސީ އެއްވުންތައް ބާވަމުންނެވެ. ނަމަވެސް، އެއީ، ޖަލުތަކާއި ޕެރޯލްގެ ގާނޫނާ ހިލާފު ކަމަކަށް ވުމުން ކަރެކްޝަންސް އިން އޮތީ އިގުރާރާ ހިލާފުވާ ނަމަ ލުއިތައް އުވާލާނެ ކަމުގެ އިންޒާރު ދީފަ އެވެ. އެ އިންޒާރާ އެކު، ސިޔާސީ ބައްދަލުވުންތައް ބޭއްވުމާއި ސިޔާސީ ވާހަކަތައް ދެއްކެވުން ޔާމީން އޭރު ހުއްޓާލެއްވި އެވެ.

އެކަމަކު، ޕީޕީއެމްގެ ލީޑަޝިޕާ މެދު ހިތްހަމަނުޖެހުންތައް އުފެދި، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެ ޕާޓީން ވަކިވެވަޑައިގެންނެވި ފަހުން އަނެއްކާ ވެސް ސިޔާސީ ކަންކަމުގައި ބައިވެރިވެވަޑައިގަންނަވަން ޔާމީން ވަނީ ފައްޓަވައިފަ އެވެ. ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެން، އެ ޕާޓީގެ އޮފީސް ހިންގަން ހަމަޖައްސާފައިވާ ހ. ހުރަފާ އަށް ރޭ ވަޑައިގެން، ޕީއެންއެފް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުންނާ ބައްދަލުކުރެއްވި އެވެ.

އެހެންވެ، ޔާމީން އެ އޮފީހަށް ވަޑައިގެންނެވި މައްސަލަ ބަލަމުން އަންނަ ކަމަށާއި އެ އަށް ފަހު ފިޔަވަޅު އަޅާނެ ކަމަށް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުންޏެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން ސިޔާސީ ޕާޓީ އާއި ޖަމިއްޔާތަކަށް އާންމު މެންބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު، ހުކުމެއް ތަންފީޒު ކުރުމަށްޓަކައި ޖަލުގައި ބަންދުކޮށްފައި ހުންނަ މުއްދަތުގައި ލިބިގެނެއްނުވެ އެވެ.