Roadha Mihaaru
ރީޑިން ނެގުމާ ގުޅޭ ތުހުމަތު ސްޓެލްކޯ އިން ދޮގުކޮށްފި

ރީޑިން ނެގުމާ ގުޅޭ ތުހުމަތުތައް ސްޓެލްކޯ އިން ދޮގުކޮށްފި

15 ސެޕްޓެމްބަރ 2024

ސްޓެލްކޯއިން ރީޑިން ނަގާ ގޮތާއި ގޭގެއަށް ބިލްކުރާ ގޮތާ ގުޅޭ ގޮތުން އެ ކުންފުންޏަށް އަމާޒުކުރި ތުހުމަތުތަކަށް ރައްދު ދީފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ސްޓެލްކޯއިން ރީޑިން ނަގާ ގޮތާއި ގޭގެއަށް ބިލްކުރާ ގޮތާ ގުޅޭ ގޮތުން އެ ކުންފުންޏަށް އަމާޒުކުރި ތުހުމަތުތަކަށް ރައްދު ދީފި އެވެ.

ހިދުމަތަށް ބިލް ކުރުމުގައި ސްޓެލްކޯ އިން ގާނޫނާ ޚިލާފުވާ ކަމަށް ތުހުމަތުކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެވެ.

ޔާމީންގެ ނަން ނުހިމަނައި ސްޓެލްކޯއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ކަރަންޓު އުފެއްދުމަށާއި ކަރަންޓު ފޯރުކޮށްދިނުމަށް އެ ކުންފުނީގެ މުވައްޒަފުން 24 ގަޑިއިރު މެދު ނުކެނޑި މަސައްކަތްކުރާ ކަމަށެވެ. އަދި ކޮންމެ މަހަކު ކަސްޓަމަރުންގެ ގެތަކަށް ގޮސް މީޓަރުތަކުގެ ރީޑިން ނަގައި، ބިލްތައް ތައްޔާރުކޮށް، އެ ބިލްތައް ފޮނުވުމުގެ މަސައްކަތްކުރާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ކަރަންޓު ބިލަށް ފައިސާ ބަލައިގަނެ، ކަސްޓަމަރުން ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދޭން އެ ކުންފުނީގެ މުވައްޒަފުން ކެނޑިނޭޅި ކުރާ މަސައްކަތްތަކަކީ، ހެދިފައިވާ ހަރުދަނާ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ކުރާ ވަރަށް ބުރަބޮޑު މަސައްކަތެއް ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.

"މި ދެންނެވި އުސޫލުތަކާއި ހިލާފަށް މި ކުންފުނިން އަމަލު ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަމާއި އިތުބާރު ރައްޔިތުންނަށް އަރުވަން،" ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯއިން ވަނީ އެ ކުންފުންޏަށް ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ގެއްލޭ ގޮތަށް ފަތުރާ ވާހަކަަތައް ކުށްވެރިކޮށްފަ އެވެ.

"ސްޓެލްކޯގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ވެސް ކުންފުނީގެ ކަސްޓަމަރުންކަމުން އެ މުވައްޒަފުންނަކީ ވެސް އެހެނިހެން ކަސްޓަމަރުންނާއި އެއް އުސޫލަކުން ރީޑިން ނަގައި އެ ރީޑިންއަށް ބިލް ކުރެވޭ ބައެއް ކަން ފާހަގަކުރަން،" އެ ކުންފުނިން ބުންޏެވެ.

ރީޑިން ނެގުމަކާ ނުލައި އެއްވެސް ބަޔަކަށް ބިލް ނުކުރާނެ ކަމުގެ ޔަގީންކަން ވެސް އެ ކުންފުނިން ދިނެވެ. އަދި އެ ނޫން އުސޫލަކުން ބިލްކުރޭތޯ ބެލުމަށް ކަމާ ގުޅުންހުރި އެންމެހާ މުއައްސަސާތަކަށާއި ފަރާތްތަކަށް އެ ކުންފުނިން ވަނީ ދައުވަތު ދީފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފްގެ ޖަގަހާގައި ބޭއްވި ޖަލްސާއެއްގައި ޔާމީން ތުހުމަތު ކުރެއްވި ގޮތުގައި، ސްޓެލްކޯއިން ރީޑިން ނަގަން މިހާރު ގޭގެއަކަށް ނުދެ އެވެ. މާލޭގައި ކަރަންޓު ބޭނުންކުރާ ނިސްބަތަށް ކޮންމެ އަހަރަކު އިތުރުވާ އިތުރުވުން ބަހާލަނީ އާންމު ގެތަކުގެ ބިލްތަކަށް ކަމަށާއި އެ މައްސަލަ ކޯޓަށް ހުށަހަޅައިގެން ބަލަން ޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ.