Roadha Mihaaru
ވިނަރެސްގެ ބާކީ މައްސަލަ ޖެހުނު ފްލެޓްތަކުގެ ވެރިންނަށް

ވިނަރެސްގެ ބާކީ ފްލެޓްތައް، މައްސަލަ ޖެހިފައިވާ ފްލެޓްތަކުގެ ވެރިންނަށް ދިނުމުގެ ވިސްނުން

07 ޑިސެމްބަރ 2023

ވިނަރެސްގެ ނުވިކި ހުރި ފްލެޓްތައް ދިނުމުގައި، ހުޅުމާލޭގައި މިހާރު ހިންގަމުން އަންނަ ހައުސިންގެ އެހެން މަޝްރޫއުތަކުގެ ތެރެއިން މައްސަލަ ޖެހިފައިވާ މަޝްރޫއުތަކުގައި ފްލެޓް ގަނެފައި ތިބި މީހުންނަށް އިސްކަންދިނުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އާބަންކޯގެ އާ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އިއްޔެ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ވިނަރެސްގެ ނުވިކި ހުރި ފްލެޓްތައް ދިނުމުގައި، ހުޅުމާލޭގައި މިހާރު ހިންގަމުން އަންނަ ހައުސިންގެ އެހެން މަޝްރޫއުތަކުގެ ތެރެއިން މައްސަލަ ޖެހިފައިވާ މަޝްރޫއުތަކުގައި ފްލެޓް ގަނެފައި ތިބި މީހުންނަށް އިސްކަންދިނުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އާބަންކޯގެ އާ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އިއްޔެ ވިދާޅުވެއްޖެ އެވެ.

ހިޔާ ފްލެޓާއި ވިނަރެސް ފްލެޓްގެ ކުއްޔަށް ގެނައި ބަދަލާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އާބަންކޯ އިން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި "މިހާރު" އިން ކުރި ސުވާލަށް ދިން ޖަވާބުގައި ފަޒުލް ވިދާޅުވީ މައްސަލަ ޖެހިފައިވާ ހައުސިން މަޝްރޫއުތަކަށް ދައުލަތުން ނުވަތަ އާބަންކޯ އިން ޒިންމާވާން ޖެހޭ ކަންތައްތަކެއް ހުރި ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ.

ސީލައިފް އާއި އެގޮތަށް ހުރި މައްސަލަތައް ފާހަގަކުރައްވައި ފަޒުލް ވިދާޅުވީ ވިނަރެސްގެ ނުވިކި ހުރި ފްލެޓްތަކަށް ކުރިމަތިލާން އަލުން ހުޅުވާލުމުގެ ކުރިން އެ ކަންކަމަށް ވިސްނަވާ ގޮތެއް ނިންމަވާނެ ކަމަށެވެ.

ސީލައިފް މަޝްރޫއުގެ ހިމެނޭ މީހުންނަށް ވިނަރެސް ފްލެޓް ގަތުމުގެ ފުރުސަތު ކުރިން ވެސް ހުޅުވާލި އެވެ. އެ ފުރުސަތުގައި އެ މަޝްރޫއުގައި ހިމެނޭ ބައެއް މީހުން ވަނީ ވިނަރެސް ފްލެޓް ގަނެފަ އެވެ.

"[ވިނަރެސްގެ] ބާކީ ފްލެޓްތައް މި ވަގުތު އެ އޮތީ ޕާކް ކޮށްފައި. އެ ޕާކިން އިން ރިލީޒްވިހާ އަވަހަކަށް އަޅުގަނޑުމެން އެކަމާ ދޭތެރޭގައި އަމަލުކުރާނެ ގޮތެއް އަންގާނަން. އެއީ އިއުލާންކުރާނީތޯ ނޫނިއްޔާ އަޅުގަނޑުމެން މި ދެންނެވިހެން އަޅުގަނޑުމެން ކުރިން މައްސަލަ ޖެހިފައި ހުރި ފްލެޓްތަކުގެ ވެރިންނަށް އެ ދޭނީތޯ،" ފަޒުލް ވިދާޅުވި އެވެ.

"ކުރިން ވެސް ފާހަގަކޮށްލިން ސީލައިފްގެ މައްސަލަ އާއި މިހެން ހުރި ބައިވަރު މައްސަލަތައް އެބަހުއްޓޭ، އެހެންވީމަ މިއީ ޖުމްލަ ގޮތެއްގައި ދައުލަތުން ނުވަތަ އެޗްޑީސީން ޒިންމާވާ ކަންތައްތަކެއް އެބަހުރި ކަމަށް އަޅުގަނޑު ވެސް ގަބޫލުކުރަން. އެހެންވީމަ މި ކަންކަމަށް ފެސިލިޓޭޓް ކުރުމުގެ ގޮތުން އިސްކަމެއް ދޭނެ."

ހިޔާ ފްލެޓާއި ވިނަރެސް ފްލެޓްގެ ކުއްޔަށް ގެނައި ބަދަލާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އާބަންކޯ އިން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ކުންފުނީގެ އެމްޑީ ފަޒުލް ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހިޔާ ފްލެޓާއި ވިނަރެސް ފްލެޓްގެ ކުއްޔަށް ގެނައި ބަދަލާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އާބަންކޯ އިން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ކުންފުނީގެ އެމްޑީ ފަޒުލް ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ވިނަރެސްގެ ބާކީ ހުރި ފްލެޓްތައް ވިއްކާލަން މިދިޔަ މަހު ހައެއްގައި ހުޅުވާލި އެވެ. ނަމަވެސް، އޮންލައިން ޕޯޓަލަށް ވަނުމަށް ދިމާވި ޓެކްނިކަލް މައްސަލަތަކާ ހެދި، އެ މައްސަލަ ހައްލު ކުރެވެންދެން އިތުރަށް އެ ޕޯޓަލް މެދުވެރިކޮށް ވިނަރެސް ފްލެޓަށް އެދުމުގެ ފުރުސަތު ޖެހިގެން އައި ދުވަހު މަޑުޖައްސާލި އެވެ. އެކަމަކު، އެ ފުރުސަތު އަލުން ހުޅުވާލާނެ ދުވަހެއް ނުބުނެ އެވެ.

ވިނަރެސް އަކީ 13 ބުރީގެ 10 ޓަވަރު ހިމެނޭ ގޮތަށް ތިން ކޮޓަރީގެ 1،344 ފްލެޓް ހިމެނޭ ހައުސިން މަޝްރޫއެކެވެ. އޭގެ ތެރެއިން އަދި ނުވިކި ހުރީ 120 ފްލެޓެވެ.

ފަޒުލް އިއްޔެ ވިދާޅުވި ގޮތުގައި، ކުރިން ވިނަރެސް ފްލެޓް ގަތް މީހުންގެ ތެރެއިން 600 އެއްހާ މީހުން މިހާރު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

ވިނަރެސްގެ ކުލި ކުޑަކުރަން ނިންމައި މިދިޔަ އަންގާރަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެކަން އިއުލާންކުރައްވައިފަ އެވެ.

ރައީސް ވިދާޅުވީ ވިނަރެސްގެ ފްލެޓްތަކުގެ ޑައުންޕޭމަންޓާއި މަހު ކުލި ވެސް ކުޑަކުރަން ނިންމާފައިވާ ކަމަށެވެ. ޑައުންޕޭމަންޓަށް ދައްކާ އަދަދު 50 ޕަސެންޓް ކުޑަކުރުމަށާއި މިހާރު މަހު ކުލީގެ ގޮތުގައި ދައްކާ އަދަދު އެވްރެޖްކޮށް 4،200ރ. އުނިވާ ގޮތަށް ކުޑަކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.