Roadha Mihaaru
އާ ގާނޫނުން ދެން އެކަކަށް ވެސް ކުންފުނި ހެދޭނެ

ކުންފުނީގެ އާ ގާނޫނުން ދެން އެކަކަށް ވެސް ކުންފުނި ހެދޭނެ

07 ޑިސެމްބަރ 2023

މިދިޔަ އަންގާރަ ދުވަހު ފާސްކުރި ކުންފުންޏާ ބެހޭ އާ ގާނޫނާ އެކު، ކުންފުނިތަކުގެ ހިންގުމަށް ބޮޑު ބަދަލެއް އަންނާނެ އެވެ. ކުރިއާ ހިލާފަށް އެންމެ މީހަކަށް ވެސް ދެން ކުންފުނި އުފެއްދިދާނެ އެވެ. އަދި، ކުންފުނި އުފެއްދުމަށް ޓަކައި ދައްކާ ފީތަކަށް ވެސް ވަނީ ބަދަލުތަކެއް އައިސްފަ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިދިޔަ އަންގާރަ ދުވަހު ފާސްކުރި ކުންފުންޏާ ބެހޭ އާ ގާނޫނާ އެކު، ކުންފުނިތަކުގެ ހިންގުމަށް ބޮޑު ބަދަލެއް އަންނާނެ އެވެ. ކުރިއާ ހިލާފަށް އެންމެ މީހަކަށް ވެސް ދެން ކުންފުނި އުފެއްދިދާނެ އެވެ. އަދި، ކުންފުނި އުފެއްދުމަށް ޓަކައި ދައްކާ ފީތަކަށް ވެސް ވަނީ ބަދަލުތަކެއް އައިސްފަ އެވެ.

ކުރިން ކުންފުންޏެއް ރަޖިސްޓާ ކުރެވޭނީ އެކަކަށް ވުރެ ގިނަ މީހުން ގުޅިގެންނެވެ. އެކެއްގެ ނަމުގައި ވިޔަފާރިއެއް ރަޖިސްޓާ ކުރާ ނަމަ އެކަން ކުރަން ޖެހޭނީ ސޯލް ޕްރޮޕްރައިޓާއެއްގެ ގޮތުގަ އެވެ.

އެންމެ މީހަކަށް ވެސް ކުންފުންޏެއް އުފެއްދޭ ގޮތަށް ކުންފުންޏާ ބެހޭ އާ ބިލް މިދިޔަ އަންގާރަ ދުވަހު މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އަދި އެ ގާނޫނަށް އަމަލު ކުރާނީ ގެޒެޓުގައި އާންމުކުރުމުންނެވެ.

ޕްރައިވެޓް ކުންފުންޏެއްގައި 1-100 އާ ދެމެދުގެ އަދަދަކަށް ހިއްސާދާރުން ގެންގުޅެވޭނެ އެވެ. އެއަށް ވުރެ ގިނަ ހިއްސާދާރުން ހިމަނާ ނަމަ ޖެހޭނީ ޕަބްލިކް ކުންފުންޏަކަށް ބަދަލު ކުރާށެވެ.

އާ ގާނޫނުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަށް ކުންފުންޏެއް އުފެއްދުމުގެ ބާރު އޮތުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގާނޫނަކުން ވެސް ކުންފުންޏެއް އުފެއްދޭނެ އެވެ. އެފަދަ ކުންފުނިތަކަށް ހިނގާނީ އެ ކުންފުނި އުފައްދާ ގާނޫނުގެ އުސޫލުތަކެވެ.

އޭގެ އިތުރުން ދައުލަތުގެ ކުންފުނިތަކުގެ ދަރަންޏަށް ސަރުކާރުން ޒިންމާ ވާން ޖެހޭނީ އެ ކުންފުންޏެއްގެ ރައުސުލްމާލު އެކުލެވިގެންވާ ހިއްސާގެ ތެރެއިން އެއްވެސް މިންވަރެއް ސަރުކާރުން އެ ކުންފުންޏަށް ދައްކާފައިނުވާ ނަމަ އެވެ.

ކުންފުނި ރަޖިސްޓާ ކުރާ އިރު ދައްކަން ޖެހެނީ 2،000ރ. އެވެ. އަދި އަހަރީ ފީ ދައްކަން ދެން ނުޖެހޭނެ އެވެ. އަދި ކުންފުނި ރަޖިސްޓާ ކުރާ އިރު ގެންނަ ވަކިވަކި ބައެއް ބަދަލުތަކަށް ފީތަކެއް ދައްކަން ޖެހޭނެ އެވެ.

އިތުރަށް ދައްކަން ޖެހޭ ބައެއް ފީތައް

- ހިންގާ ގަވައިދު ބަދަލު ކުރަން: 100ރ.

- ރަޖިސްޓްރީ އެޑްރެސް ބަދަލު ކުރަން: 100ރ.

- ކުންފުނީގެ ރައުސުލްމާލު ބަދަލު ކުރުމަށް ރަޖިސްޓާ ކުރުން: 100ރ.

- ކުންފުނީގެ ސިއްކަ ރަޖިސްޓްރީ ކުރުމުގެ ފީ: 100ރ.