Roadha Mihaaru
ކުންފުނި ހަދަން ކައުންސިލަށް ހުއްދަ ނުދޭތީ ފާޑުކިޔައިފި

ކުންފުނި ހަދަން މާލޭ ސިޓީ ކައުންސިލަށް ހުއްދަ ނުދޭތީ ކަންބޮޑުވުން ފާޅުކޮށްފި

21 ޑިސެމްބަރ 2022

ލާމަރުކަޒީ ގާނޫނުގެ ދަށުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމުގެ ހުއްދައަށް މާލޭ ސިޓީ ކައުންސިލުން އެދުނުތާ އަހަރެއްވީއިރު އަދިވެސް އެ ހުއްދަ ނުދޭތީ އެ ކައުންސިލުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ލާމަރުކަޒީ ގާނޫނުގެ ދަށުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމުގެ ހުއްދައަށް މާލޭ ސިޓީ ކައުންސިލުން އެދުނުތާ އަހަރެއްވީއިރު އަދިވެސް އެ ހުއްދަ ނުދޭތީ އެ ކައުންސިލުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލުން ބޭއްވި އާންމު ޖަލްސާގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ލާމަރުކަޒީ ގާނޫނުގައިވާ ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމަށް ފުރިހަމަކުރަންޖެހޭ ހުރިހާ އިޖުރާއަތްތަކެއް އެންމެ ފުރަތަމަ ފުރިހަމަކުރީ އެ ކައުންސިލުން ކަމަށެވެ. ނަމަވެސް އިކޮނޮމިކް މިނިސްޓްރީން ސިޓީ ކައުންސިލަށް އެ ހުއްދަ އަދިވެސް ނުދޭ ކަމަށް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވިގޮތުގައި، ސިޓީ ކައުންސިލުން ކުންފުނި އުފެއްދުމަށް ހުށަހެޅީ ގަވާއިދާ އެއްގޮތަށެވެ. އެކަމަކު މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލުން ކުންފުނި އުފެއްދުމަށް ހުށަހެޅިތާ އަށް މަސްދުވަސް ފަހުން ގަވާއިދު ބަދަލުކުރި ކަމަށެވެ.

މިދިޔަ އަހަރު އިކޮނޮމިކް މިިނިސްޓްރީން ވަނީ ލަމާރުކަޒީ ގާނޫނުގެ ދަށުން، ކައުންސިލުތަކަށް ލޯކަލް އޮތޯރިޓީ ކުންފުނި ރަޖިސްޓްރީކޮށްދިނުމުގެ އުސޫލެއް ހަދައި އާންމުކޮށްފަ އެވެ.

މާލޭ ސިޓީ ކައުންސިލުގެ އާންމު ޖަލްސާގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ -- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލުގެ އާންމު ޖަލްސާގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ -- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

މިއަދުގެ ޖަލްސާގައި މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ ކުންފުނި އުފެއްދުމުގެ ކަންކަމުގައި ސިޓީ ކައުންސިލުން އިކޮނޮމިކް މިނިސްޓްރީ އާއި ރެޖިސްޓްރާ އޮފް ކޮމްޕެނީސް އާއި ފިނޭންސް މިނިސްޓްރީ އަދި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އާ ބައްދަލުކޮށްފައިވާ ކަމަށާއި އެ އިދާރާތަކުން އެންގި ގޮތަށް ލިޔެކިއުންތަކަށް ބަދަލުތައް ވެސް ގެނެސްފައިވާނެ ކަމަށެވެ.

"ނަމަވެސް ސަރުކާރުން އެކަން މާލެ ސިޓީ ކައުންސިލަށް ނުކޮށްދިން،" ނަރީޝް ވިދާޅުވި އެވެ.

ނަރީޝް ވިދާޅުވި ގޮތުގައި ސަރުކާރުން ސިޓީ ކައުންސިލަށް އެކަން ނުކޮށްދީގެން އުޅެނީ ސިޔާސީ ބޭނުމަކަށެވެ.

އެކަމަށް ފާޑުވިދާޅުވެ، ސިޓީ ކައުންސިލުގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ ތަމްސީލުކުރައްވާ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހު ވިދާޅުވީ ރާއްޖޭގެ 187 ރަށް އޮތްއިރު އޭގެ ތެރެއިން އެންމެ ރަށެއްގެ ކައުންސިލަށް ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމަށް ފުރުސަތު ދިނުމަކީ ސަރުކާރުން ހާސިލުކުރި މޮޅުކަމެއްގެ ގޮތުގައި ބުނެވެން ނެތް ކަމަށެވެ.

"ރާއްޖޭގެ އާބާދީގެ 40 އިންސައްތަ ދިރިއުޅެމުންދާ މާލޭ ސިޓީގެ ކައުންސިލަށް ކުންފުނި ރަޖިސްޓްރީ ކުރުމަށް، ސަރުކާރުން ގެނައި ގަވާއިދުތަކުގެ ބަދަލުތަކުގެ ސަބަބުން ފުރުސަތު ނެތް،" އޭނާ ވިދާޅުވި އެވެ.

ކުންފުނި ހަދަން ސިޓީ ކައުންސިލަށް ހުއްދަ ނުދީގެން އެކަމުގެ ކަންބޮޑުވުން މި ފާޅުކުރީ އއ. ތޮއްޑޫ ކައުންސިލަށް މިދިޔަ ހޯމަ ދުވަހު ފިނޭންސް މިނިސްޓްރީ އެ ހުއްދަ ދިނުމުންނެވެ. އެއީ ލަމާރުކަޒީ ގާނޫނުގެ ދަށުން ކުންފުންޏެއް ހަދަން ހުއްދަ ދިން ފުރަތަމަ ކައުންސިލެވެ. އެހެން ބައެއް ކައުންސިލުތަކުން ވެސް ވަނީ އިކޮނޮމިކް މިނިސްޓްރީގައި އެކަމުގެ ހުއްދައަށް އެދިފަ އެވެ.