Roadha Mihaaru
ޖޫރިމަނާ ނުދައްކާ، ގަސް ފިހާރަ ބަންދުކުރުމާ ދިމާއަށް؟

ދެން އަޅާނެ ފިޔަވަޅަކީ ގަސް ފިހާރަ ބަންދުކުރުން: މިނިސްޓްރީ

21 ނޮވެމްބަރ 2022

ހުއްދަ ނުނަގައި ގަސް ވިއްކުމުގެ ވިޔަފާރިކުރާ ކަމަށް ބުނެ މާލެ ސިޓީ ކައުންސިލް ކޮށްފައިވާ ޖޫރިމަނާ ނުދައްކާ ނަމަ އެ ފިހާރަ ބަންދު ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހުއްދަ ނުނަގައި ގަސް ވިއްކުމުގެ ވިޔަފާރިކުރާ ކަމަށް ބުނެ މާލެ ސިޓީ ކައުންސިލް ކޮށްފައިވާ ޖޫރިމަނާ ނުދައްކާ ނަމަ އެ ފިހާރަ ބަންދު ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

މިދިޔަ މަހުގެ 8 ގައި ހުޅުވި އެ ގަސް ފިހާރައިގެ މައްސަލާގައި ސިޓީ ކައުންސިލް 10،000ރ. އިން އެ މަހުގެ 18 ވަނަ ދުވަހު ޖޫރިމަނާކުރީ ހަތް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކާ ގޮތަށެވެ.

އިކޮނޮމިކް މިނިސްޓްރީން އޭރު ބުނީ، ސިޓީ ކައުންސިލަށް ވިޔަފާރި ކުރެވޭނީ ލޯކަލް އޮތޯރިޓީ ކުންފުނި އުފައްދައިގެން ކަމަށެވެ. ނަމަވެސް ގަހާއި ގަސްކާނާ ވިއްކާ ފިހާރަ އެ ކައުންސިލުން ހުޅުވީ އެފަދަ އެއްވެސް ކަމެއް ނުކޮށް ކަމަށް މިނިސްޓްރީ ބުނެފައި ވެ އެވެ.

އެ މައްސަލާގައި އިކޮނޮމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް މާއިޒް "މިހާރު" އަށް ވިދާޅުވީ ޖޫރިމަނާ ފައިސާ އަދިވެސް ނުލިބޭ ކަމަށެވެ. އެހެންވެ، އިތުރު ފިޔަވަޅު އެޅުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށައި އޮންނަ އުސޫލުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުރަތަަމަ މަރުލަހާ އަކީ އެކަމެއް ހުއްޓުވުން ނުވަތަ އެކަމާ ދެކޮޅަށް ފިޔަވަޅު އަޅަން އޮންނަ އެކި މަރުހަލާތައް. އެގޮތުން ފުރަތަމަ މަރުހަލާ އަކީ ވޯނިން އެއް ދީފައި، ތަން ބަނދު ކުރަން އެންގުމާއި ޖޫރިމަނާ ކުރުން. އެކަން މިހާރު އަޅުގަނޑުމެން ކޮށްފިން،" މާއިޒް ވިދާޅުވި އެވެ.

"ދެން އޭގެ ފަހުން ޖޫރިމަނާ ދެއްކުމާއި އެ ކަންކަން ކުރަމުން ނުދާ ކަމަށް ވަންޏާ އުސޫލެއްގެ ގޮތުން ދެން އޮންނާނެ ގޮތަަކީ ތަން ބަންދު ކުރުވަން ކުރަން ޖެހޭ ކަންކަން ކުރުން."

މާއިޒް ވިދާޅުވީ، ގަސް ފިހާރަ ބަންދުކުރަން ސަރުކާރުން އަދި ނިންމާފައި ނުވި ނަމަވެސް "އުސޫލެއްގެ ގޮތުން ދެން އަަޅާނެ ފިޔަވަޅަކީ ތަން ބަންދު ކުރުން" ކަމަށެވެ.

މާލެ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް، މަރިޔަމް ޝިއުނާ "މިހާރު" އަށް ވިދާޅުވީ ސިޓީ ކައުންސިލުން ގާނޫނާ ހިލާފު ކަމެއް ނުކުރާ ކަމަށެވެ.

"ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ލިބިދޭ ބާރުގެ ދަށުން، އުސޫލުގެ ތެރެއިން ކޮށްފައި އިން ކަމެއް އެއީ. އެހެންވީމާ ލީގަލް ޓީމުން އެކަމާ މެދު ގޮތެއް ނިންމުމަށް މަޝްވަރާ ކުރެވެމުން ދަނީ،" އޭނާ ވިދާޅުވި އެވެ.

ޖޫރިމަނަ ކުރި މައްސަަލާގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްްޒު ވިދާޅުވެފައި ވަނީ ކައުންސިލަށް ލިބޭ އާމްދަނީ އިތުރުކުރަން ވިޔަފާރީގެ ޕްލޭންތަކާއެކު، ކުންފުނި ރަޖިސްޓަރީ ކުރަން އިކޮނޮމިކް މިނިސްޓްރީ އަށް ހުށަހެޅި ކަމަށެވެ. އެކަމަކު، އެއްވެސް ޖަވާބެއް ނުދީ، އެ ލިޔެކިޔުންތައް 8 މަސް ދުވަސް ވަންދެން ބޭއްވުމަށް ފަހު، ކުންފުނިތަކަށް ވިޔަފާރި ކުރެވޭ ގަވައިދަށް ބަދަލު ގެނައީ ކަމަށް އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި، ކުންފުނި ރަޖިސްޓަރީ ނުކޮށް ވެސް ކައުންސިލަށް އާމްދަނީ ހޯދޭނެ ގޮތްތައް އެބަހުއްޓެވެ. އެކަމަކު ވެސް ސިޓީ ކައުންސިލަށް ގާނޫނާއި ގަވާއިދާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.