Roadha Mihaaru
ކުންފުނިތަކުގެ ބިލަށް ބަދަލެއް ނުގެނެސް ފާސްކޮށްފި

ކުންފުނިތަކުގެ ބޯޑަށް މެންބަރުން އައްޔަން ކުރުމުގެ މުއްދަތު ކުރު ކުރަން ފާސްކޮށްފި

17 ސެޕްޓެމްބަރ 2024

ކުންފުނިތަކުގެ ބޯޑަށް މެނޭޖިން ޑިރެކްޓަރުންނާއި ޑިރެކްޓަރުންނާއި އައްޔަން ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ކުރުކުރަން ކުންފުނިތަކާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ކުންފުނިތަކުގެ ބޯޑަށް މެނޭޖިން ޑިރެކްޓަރުންނާއި ޑިރެކްޓަރުންނާއި އައްޔަން ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ކުރުކުރަން ކުންފުނިތަކާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބޭއްވި ތިން ވަނަ ޖަލްސާގައި މި ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 85 މެންބަރުންގެ އިއްތިފާގުންނެވެ.

ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްލާއިލް ނިޒާރު ހުށަހެޅުއްވި ބިލު ފާސްކޮށްފައިވަނީ ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް އެވެ.

މި ބިލަށް ބަހުސް ކުރަން ދައުރުން ބޭރުން އިއްޔެ ޖަލްސާއެއް ބޭއްވި ނަމަވެސް، އެ ޖަލްސާ ގަޑިއެއްހާ އިރު ތެރޭ ނިންމާލަން ޖެހުނީ ބަހުސް ކުރާނެ މެމްބަރުން ނެތިގެންނެވެ. އެ ބިލަށް ވޯޓަށް އެހުމުން، ބަލައިގަންނަން ފާސްކޮށް، ދިރާސާކުރަން ފޮނުވީ އިގްތިސާދީ ކޮމިޓީއަށެވެ. ބިލް ފާސްކުރިތާ 30 މިނެޓްގެ ތެރޭގައި ކޮމިޓީގެ ބައްދަލުވުން ބޭއްވި އެވެ. ގާތްގަނޑަކަށް 10 މިނެޓަށް ކުރިއަށް ދިޔަ ކޮމިޓީގެ ބައްދަލުވުމުގައި ވެސް ބިލަށް އެއްވެސް ބަދަލެއް ނުގެނެ އެވެ.

ގާނޫނު މިހާރު އޮންނަ ގޮތުން ޕަބްލިކް ކުންފުނިތަކާއި ޕްރައިވެޓް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި ޑިރެކްޓަރުންގެ މަގާމު ހުސްވެއްޖެ ނަމަ އެ މަގާމަށް 30 ދުވަސް ތެރޭގައި މީހުން އައްޔަން ކުރަން އެންގުމުގެ ބާރު ރަޖިސްޓްރާ އޮފް ކޮމްޕެނީސްއަށް އޮވެ އެވެ.

ނަމަވެސް އާ އިސްލާހުގައި ހުށަހަޅާފައިވަނީ އެ މުއްދަތު 10 ދުވަހަށް ކުރު ކުރުމަށެވެ.

މީގެ އިތުރުން ކުންފުނިތަކުގެ އާންމު ޖަލްސާ ބާއްވަން ޖެހޭ މުއްދަތު ކުރުކުރަން އެ އިސްލާހު ހިމަނާފައިވެ އެވެ. މިހާރު ގާނޫނު އޮންނަ ގޮތުން އެފަދަ ޖަލްސާއެއްގެ ނޯޓިސް ފޮނުވަން ޖެހެނީ އެކަމަށް އެދި ހުށަހަޅާތާ 21 ދުވަސް ތެރޭގައި ކަމަށް ވިޔަސް، އާ އިސްލާހުގައި ވަނީ އެ މުއްދަތު ތިން ދުވަހަށް ކުރު ކުރުމަށެވެ.

މިހާރު ގާނޫނު އޮންނަ ގޮތުން ހާއްސަ އާންމު ޖަލްސާއެއް ބޭއްވުމުގެ ނޯޓިސް ފޮނުވަން ޖެހެނީ 14 ދުވަސް ކުރިންނެވެ. ނަމަވެސް ސަރުކާރުން ހުށަހަޅާފައިވާ އާ އިސްލާހުގައި ހުށަހަޅާފައިވަނީ އެ މުއްދަތު ވެސް ހަތް ދުވަހަށް ކުރު ކުރުމަށެވެ.