Roadha Mihaaru
ކުންފުނިތަކުގެ އިސްލާހުގެ މަސައްކަތްތައް ނިންމާލައިފި

ކުންފުނިތަކުގެ ބޯޑާ ގުޅޭ އިސްލާހުގެ މަސައްކަތްތައް ނިންމާލައިފި

16 ސެޕްޓެމްބަރ 2024

ކުންފުނިތަކުގެ ބޯޑަށް މެނޭޖިން ޑިރެކްޓަރުންނާއި ޑިރެކްޓަރުން އައްޔަން ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ކުރުކުރަން ކުންފުނިތަކާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގެ މަސައްކަތްތައް މިއަދު ނިންމާލައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ކުންފުނިތަކުގެ ބޯޑަށް މެނޭޖިން ޑިރެކްޓަރުންނާއި ޑިރެކްޓަރުން އައްޔަން ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ކުރުކުރަން ކުންފުނިތަކާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގެ މަސައްކަތްތައް މިއަދު ނިންމާލައިފި އެވެ.

ސަރުކާރުގެ ފަރާތުން ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްލާއިލް ނިޒާރު މަޖިލީހަށް ހުށަހެޅުއްވި އިސްލާހާ މެދު ބަހުސް ކުރަން މިއަދު ވަނީ ދައުރުން ބޭރު ޖަލްސާއެއް ބާއްވައިފަ އެވެ. އެ ޖަލްސާ ގަޑިއެއްހާ އިރު ތެރޭ ނިންމާލަން ޖެހުނީ ބަހުސް ކުރާނެ މެމްބަރުން ނެތިގެންނެވެ.

އެ ބިލަށް ވޯޓަށް އެހުމުން، ބަލައިގަންނަން ފާސްކޮށް، ދިރާސާކުރަން ފޮނުވީ އިގްތިސާދީ ކޮމިޓީއަށެވެ. ބިލް ފާސްކުރިތާ 30 މިނެޓްގެ ތެރޭގައި ކޮމިޓީގެ ބައްދަލުވުން ބޭއްވި އެވެ. ގާތްގަނޑަކަށް 10 މިނެޓަށް ކުރިއަށް ދިޔަ ކޮމިޓީގެ ބައްދަލުވުމުގައި ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ވަނީ ފާސްކޮށްފަ އެވެ.

ކޮމިޓީ މަރުހަލާއަށް ފަހު، ކުންފުނިތަކުގެ ބޯޑާ ގުޅޭ އިސްލާހު ފާސްކުރަން މިހާރު ކޮމިޓީން ވަނީ ތަޅުމަށް ފޮނުވައިފަ އެވެ. މި ބިލް ފާސްކުރަން ދައުރުން ބޭރު ތިން ވަނަ ޖަލްސާ މާދަމާ ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ.

މި ބިލްގެ އިތުރުން ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމަށް އައްބާސް ޝަރީފް އައްޔަން ކުރަން ފާސްކުރަން ވޯޓަށް އެހުން ވެސް މާދަމާ އޮންނާނެ ކަމަށް ބެލެވެ އެވެ.

ގާނޫނު މިހާރު އޮންނަ ގޮތުން ޕަބްލިކް ކުންފުނިތަކާއި ޕްރައިވެޓް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި ޑިރެކްޓަރުންގެ މަގާމު ހުސްވެއްޖެ ނަމަ އެ މަގާމަށް 30 ދުވަސް ތެރޭގައި މީހުން އައްޔަން ކުރަން އެންގުމުގެ ބާރު ރަޖިސްޓްރާ އޮފް ކޮމްޕެނީސްއަށް އޮވެ އެވެ.

ނަމަވެސް އާ އިސްލާހުގައި ހުށަހަޅާފައިވަނީ އެ މުއްދަތު 10 ދުވަހަށް ކުރު ކުރުމަށެވެ.

މީގެ އިތުރުން ކުންފުނިތަކުގެ އާންމު ޖަލްސާ ބާއްވަން ޖެހޭ މުއްދަތު ކުރުކުރަން އެ އިސްލާހު ހިމަނާފައިވެ އެވެ. މިހާރު ގާނޫނު އޮންނަ ގޮތުން އެފަދަ ޖަލްސާއެއްގެ ނޯޓިސް ފޮނުވަން ޖެހެނީ އެކަމަށް އެދި ހުށަހަޅާތާ 21 ދުވަސް ތެރޭގައި ކަމަށް ވިޔަސް، އާ އިސްލާހުގައި ވަނީ އެ މުއްދަތު ތިން ދުވަހަށް ކުރު ކުރުމަށެވެ.

މިހާރު ގާނޫނު އޮންނަ ގޮތުން ހާއްސަ އާންމު ޖަލްސާއެއް ބޭއްވުމުގެ ނޯޓިސް ފޮނުވަން ޖެހެނީ 14 ދުވަސް ކުރިންނެވެ. ނަމަވެސް ސަރުކާރުން ހުށަހަޅާފައިވާ އާ އިސްލާހުގައި ހުށަހަޅާފައިވަނީ އެ މުއްދަތު ވެސް ހަތް ދުވަހަށް ކުރު ކުރުމަށެވެ.