Roadha Mihaaru
އެއް ނަމެއްގައި ދެ ކުންފުނި ރަޖިސްޓަރީ ކުރުމުން ކޯޓަށް

އެއް ނަމެއްގައި ދެ ކުންފުންޏެއް ރަޖިސްޓަރީ ކޮށްދިން މައްސަލައެއް ކޯޓަށް

16 ޑިސެމްބަރ 2021

އިކޮނޮމިކް މިނިސްޓްރީން އެއް ނަމެއްގައި ދެ ކުންފުންޏެއް ރަޖިސްޓަރީ ކޮށްދިނުމުގެ ސަބަބުން ދެބަސްވުމެއް އުފެދި، އެ މައްސަލައިގައި ހިމެނޭ އެއް ކުންފުނިން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އިކޮނޮމިކް މިނިސްޓްރީން އެއް ނަމެއްގައި ދެ ކުންފުންޏެއް ރަޖިސްޓަރީ ކޮށްދިނުމުގެ ސަބަބުން ދެބަސްވުމެއް އުފެދި، އެ މައްސަލައިގައި ހިމެނޭ އެއް ކުންފުނިން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

"ދިވެހި ޗެމްބާސް އެލްއެލްޕީ" ގެ ނަމުގައި 2020 ގައި ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އެ ކުންފުނީގެ ނަން ބަދަލުކުރަން އަންގައި، އެ ނަން ބަދަލު ނުކުރާ ނަމަ ރަޖިސްޓަރީ ބާތިލު ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން އެންގުމުންނެވެ.

ކުރީގެ ގާޒީ މަރިޔަމް ނިހާޔަތާއި ދައުލަތުގެ ވަކީލުކަން ކުރިން ކުރެއްވި އާއިޝަތު ފަޒްނާގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ދިވެހި ޗެމްބާސް އެލްއެލްޕީން ސިވިލް ކޯޓަށް ހުށަހެޅި އެ މައްސަަލައާ ގުޅިގެން، އިކޮނޮމިކް މިނިސްޓްރީގެ އެންގުން ތަންފީޒު ކުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއް އެ ކޯޓުން އިއްޔެ ނެރުނެވެ. އެ އަމުރުގައިވާ ގޮތުން، މައްސަލައިގައި ގޮތެއް ނިމުމުގެ ކުރިން، ދިވެހި ޗެމްބާސް އެލްއެލްޕީގެ ރަޖިސްޓަރީ ބާތިލެއް ނުކުރެވޭނެ އެވެ.

އެ އަމުރުން އެނގޭ ގޮތުގައި ދިވެހި ޗެމްބާސް އެލްްއެލްޕީގެ ނަމުގައި ނިހާޔަތާއި ފަޒްނާ އަށް 2020 ވަނަ އަހަރު ކުންފުންޏެއް ރަޖިސްޓަރީ ކޮށްދިނުމުގެ ކުރިން 2019 ވަނަ އަހަރު، "ދިވެހިޗެމްބާސް" މި ނަމުގައި އެހެން ފަރާތަކަށްް ވިޔަފާރި ނަމެއް އޮތީ ރަޖިސްޓަރީ ކޮށްދީފަ އެވެ.

ރެޖިސްޓްރާ އޮފް ކޮމްޕެނީސް، މަރްޔަމް ވިޝާމް. އެއް ނަމެއްގައި ރަޖިސްޓްރީ ކުރި ދެކުންފުނީގެ ތެރެއިން އެއް ކުންފުނީގެ ނަން ބަދަލުކުރަން އެންގެވި.

ރެޖިސްޓްރާ އޮފް ކޮމްޕެނީސް، މަރްޔަމް ވިޝާމް. އެއް ނަމެއްގައި ރަޖިސްޓްރީ ކުރި ދެކުންފުނީގެ ތެރެއިން އެއް ކުންފުނީގެ ނަން ބަދަލުކުރަން އެންގެވި.

ވިޔަފާރި ނަމެއްގެ ގޮތުގައި އެ ނަން ރަޖިސްޓަރީ ކުރި އަލީ ރިޒާ އިސްމާއީލާއި ސާނިޔާ އިބްރާހީމަށް، "ދިވެހި ޗެމްބާސް އެލްއެލްޕީ" ގެ ނަމުގައި އިކޮނޮމިކް މިނިސްޓްރީން ޕާޓްނަޝިޕެއް ރަޖިސްޓަރީ ކޮށްދިނީ އެހެން ނަމަވެސް ނިހާޔަތާއި ފަޒްނާގެ ޕާޓްނަޝިޕް ރަޖިސްޓަރީ ކޮށް ދިންތާ އަހަރެއްހާ ދުވަސް ފަހުން މި އަހަރުގެ ސެޕްޓެމްބަރު މަހު ކަން ކޯޓު އަމުރުން އެނގެ އެވެ.

މި އަރައިރުން އުފެދުނީ "ދިވެހި ޗެމްބާސް" ރަޖިސްޓަރީ ކޮށްދީފައި އޮއްވައި، ނިހާޔަތާއި ފަޒްނާ އަށް، "ދިވެހި ޗެމްބާސް އެލްއެލްޕީ"ގެ ނަމުގައި ވިޔަފާރި ނަމަކާއި އަދި އޭގެ ފަހުން ޕާޓްނަޝިޕް ވެސް ރަޖިސްޓަރީ ކޮށްދީ، ހަަމަ އެ ނަމުގައި "ދިވެހި ޗެމްބާސް" ގެ ވެރިންނަށް މާ ފަހުން ޕާޓްނަޝިޕް ރަޖިސްޓަރީ ކޮށްދިނުމުންނެވެ.

ދިވެހި ޗެމްބާސް އެލްއެލްޕީގެ ނަން ބަދަލުކުރަން ރެޖިސްޓްރާ އޮފް ކޮމްޕެނީސް އެންގެވީ، އެ ނަމާ އެއް ގޮތް ނަމެއް، އެހެން ފަރާތަކަށް ރަޖިސްޓަރީ ކޮށްދީފައި އޮތުމުން، ރެޖިސްޓްރާ އަށް އޮންނަ ގާނޫނީ އިޚުތިޔާރުގެ ދަށުން ކަން ކޯޓު އަމުރުން އެނގެ އެވެ.