Roadha Mihaaru
ސީލައިފަށް ދައުވާކުރި މީހުންނަށް ދައުލަތުން ބަދަލުދެނީ

ސީލައިފަށް ދައުވާކުރި މީހުންނަށް ދައުލަތުން ބަދަލު ދޭން ސެޓްލްމަންޓް އެގްރީމެންޓެއް

16 ޖުލައި 2019

ހުޅުމާލޭގައި 3،000 ފްލެޓް އަޅަން ބުކިން ފީގެ ގޮތުގައި ސީ ލައިފުން ފައިސާ ނެގުމަށް ފަހު މަސައްކަތް ކުރިއަށް ނުގެންދިއުމުން ގެއްލުންވި މީހުންނަށް ދައުލަތުން މާލީ ބަދަލު ދޭ ގޮތަށް ސެޓްލްމަންޓް އެގްރީމެންޓެއް އިއްޔެ ހަދައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހުޅުމާލޭގައި 3،000 ފްލެޓް އަޅަން ބުކިން ފީގެ ގޮތުގައި ސީ ލައިފުން ފައިސާ ނެގުމަށް ފަހު މަސައްކަތް ކުރިއަށް ނުގެންދިއުމުން ގެއްލުންވި މީހުންނަށް ދައުލަތުން މާލީ ބަދަލު ދޭ ގޮތަށް ސެޓްލްމަންޓް އެގްރީމެންޓެއް އިއްޔެ ހަދައިފި އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އިކޮނޮމިކް މިނިސްޓްރީ އާއި ސީލައިފާ ދެކޮޅަށް ދައުވާކޮށްފައިިވާ މީހުންނާ އެކު މި އެއްބަސްވުމުގައި ސޮއިކުރުމުން، މިއީ ކޯޓުން ބޭރުގައި ހައްލުވެފައިވާ މައްސަލައަކަށް ވާތީ ސިވިލް ކޯޓުގެ ޑިސްޕިއުޓް ރެޒޮލިއުޝަން ޑިވިޝަނުން ވަނީ އެ އެއްބަސްވުމަށް އަމަލުކުރުމަށް ރޭ ހުކުމް ކޮށްފަ އެވެ.

އެ ހުކުމުގައިވާ ގޮތުން ސެޓްލްމަންޓް އެގްރީމެންޓެއް ހެދީ ސީ ލައިފް މައްސަލައިގައި ދައުވާ ކުރާ މީހުންނާއި ސަރުކާރާއި އެޗްޑީސީއާ އެކު ކުރި މަޝްވަރާތަކަށް ފަހު އެވެ. ގެއްލުމުގެ ބަދަލު ހޯދަން ސީ ލައިފްގެ މައްޗަށް ދައުވާ ކުރަނީ 203 މީހެކެވެ.

މި އެއްބަސްވުމުގެ ތަފްސީލެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.

އެކަމަކު އެނގިފައިވާ ގޮތުގައި ސީ ލައިފްގެ މައްޗަށް ދައުވާކުރާ މީހުންނަށް ބަދަލުދޭން އެއްބަސްވީ، ދައުލަތުން ސީ ލައިފަށް ދައްކަން ޖެހޭ 12 މިލިއަން ޑޮލަރުންނެވެ. އެ ފައިސާ އަކީ އެމްޑީޕީގެ ވެރިކަމުގައި 80 ހައުސިން ޔުނިޓް އެޅުމަށް އެ ކުންފުންޏާ ހަވާލުކުރުމަށް ފަހު، އެ އެއްބަސްވުން 2011 ގައި އުވައިލުމުން ސީ ލައިފުން ދައުލަތާ ދެކޮޅަށް ކުރި ދައުވާއަކާ ގުޅިގެން ހެދި ސެޓްލްމަންޓް އެއްބަސްވުމެއްގެ ދަށުން ދޭންޖެހޭ ފައިސާ އެވެ.

ސީ ލައިފަށް 12 މިލިއަން ޑޮލަރު ދިނުމަށް އެއްބަސްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. މި ފައިސާ އިން ރީފަންޑު ދިނުމުގެ އިތުރުން ފްލެޓް ބޭނުންވާ މީހުންނަށް ދެ އަހަރުގެ ތެރޭގައި ފްލެޓް ހަމަޖައްސައިދޭން ވެސް ސަރުކާރުން ވަނީ އެއްބަސްވެފަ އެވެ.

ބުކިން ފީގެ ގޮތުގައި ނެގި ފައިސާ އެއީ ދައްކަން ޖެހޭ އެއްޗެއްގެ ގޮތުގައި ސީ ލައިފުން އިއުތިރާފްވެފައިވާ ކަން ސިވިލް ކޯޓުގެ ހުކުމްގައި ވެސް ފާހަގަކޮށްފައިވެ އެވެ. އެހެންވެ، ސީ ލައިފާ ދެކޮޅަށް ހުށަހެޅި މައްސަލަތަކުގައި ކޯޓުން ނަގައިދޭ ބަދަލު ދައުލަތަށް ލިބޭ ގޮތަށް ވެސް ސެޓްލްމަންޓް އެގްރީމެންޓުގައި އޮތީ އެއްބަސްވެފަ އެވެ.

ސީ ލައިފުން ނެގި ފައިސާ އަނބުރާ ދޭން ޖެހޭނެ ކަމަށް އެ ކުންފުނިން ގަބޫލުކުރިއަސް މީ މައްސަލައިގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ (އައްމަޓީ) ފަރުދީ ގޮތުން ޒިންމާ ނަގަން ނުޖެހޭނެ ކަމަކަށް އޭނާ ބުނެފައިވާ ކަމަށް ސިވިލް ކޯޓުގެ ހުކުމުގައިވެ އެވެ.

ހައުސިންގެ ބޮޑު މަޝްރޫއެއް، ކުރީގެ ސަރުކާރުގެ އިސް ބޭފުޅުންތަކެއްގެ ނުފޫޒާ އެކު ސީ ލައިފްއާ ހަވާލުކުރީ އެ ކުންފުނި އެކަމަށް ގާބިލް ނޫން ކަން އެނގި ތިބެ އެވެ. ހުޅުމާލޭގައި 3،000 ފްލެޓް އަޅަން ސަރުކާރުން ހުޅުވާލުމުން އެހެން ކުންފުނިތަކަކުން ވެސް ކުރިމަތިލި އެވެ.

އެ ކުންފުނިތަކުގެ ތެރެއިން، ސީ ލައިފް އަކީ މާލީ ގޮތުން ގާބިލް ކުންފުންޏެއް ނޫން ކަން އެޗްޑީސީގެ މުވައްޒަފުން ހެދި ޑިއު ޑެލިޖަންސް ރިޕޯޓުން ވެސް އޮތީ ފެންނާށެވެ. ޑައުން ޕޭމަންޓުގެ ގޮތުގައި ސީ ލައިފުން ބޮޑެތި އަދަދުތަކުން ފައިސާ ނެގީ ވެސް އޮޅުވާލައިގެންނެވެ.

އެ ކުންފުންޏާއި އެޗްޑީސީއާ އެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން، މަޝްރޫއުގެ 20 ޕަސެންޓް ނުނިމެނީސް ބުކިން ފީގެ ގޮތުގައި 50،000ރ. ގެ އިތުރުން އެއްވެސް ފައިސާއެއް ނުނެގޭނެ އެވެ. އެކަމަކު އެއްބަސްވުމާ ޚިލާފަށް ފައިސާ ނެގުމުން ވެސް ކަމާބެހޭ އެއްވެސް އިދާރާއަކުން ފިޔަވަޅެއް ނާޅަ އެވެ.