Roadha Mihaaru
ލިބޭ ގެއްލުމުގެ ބަދަލު ސީ ލައިފުން ހޯދާނަން: އެޗްޑީސީ

ކުންފުންޏަށް ލިބޭ ގެއްލުމުގެ ބަދަލު ސީ ލައިފް އަތުން ހޯދާނަން: އެޗްޑީސީ

16 ޖުލައި 2019

ސީ ލައިފް ގްލޯބަލް އިން ފައިސާ ނެގި މީހުންނަށް ބަދަލުދޭން ނިންމި ނިންމުމުގެ ސަބަބުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން މަސައްކަތްކުރާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސީ ލައިފް ގްލޯބަލް އިން ފައިސާ ނެގި މީހުންނަށް ބަދަލުދޭން ނިންމި ނިންމުމުގެ ސަބަބުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން މަސައްކަތްކުރާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ހުޅުމާލޭގައި 3،000 ފްލެޓް އަޅަން ބުކިން ފީގެ ގޮތުގައި ސީ ލައިފުން ފައިސާ ނެގުމަށްފަހު މަސައްކަތް ކުރިއަށް ނުގެންދިއުމުން ގެއްލުންވި މީހުންނަށް ދައުލަތުން މާލީ ބަދަލު ދޭ ގޮތަށް އިއްޔެ ވަނީ ސެޓްލްމަންޓް އެގްރިމެންޓް ހަދައިފަ އެވެ.

ސެޓްލްމަންޓް އެގްރީމެންޓެއް ހެދީ ސީ ލައިފް މައްސަލައިގައި ދައުވާ ކުރާ މީހުންނާއި ސަރުކާރާއި އެޗްޑީސީއާ އެކު ކުރި މަޝްވަރާތަކަށް ފަހު އެވެ. ގެއްލުމުގެ ބަދަލު ހޯދަން ސީ ލައިފްގެ މައްޗަށް ދައުވާ ކުރަނީ 203 މީހެކެވެ.

އެ މައްސަަލައާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ސީ ލައިފްގެ މައްސަލައިގައި ސަރުކާރާއި އެޗްޑީސީގެ އިހުމާލެއް ނެތް ކަމަށް ދެ ފަރާތަށް ގަބޫލުކުރެވުނު ކަމުގައި ވިއަސް، އެކަމުގެ ސަބަބުން ގިނަ ބަޔަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އެހެންވެ އެއީ ގެއްލުން ކުޑަ ކުރުމުގެ ގޮތުން އެ ފަރާތްތަކަށް އިންސާފު ހޯދައިދޭން ވެފައިވާ އެއްބަސްވުމެއް ކަމަށް އެޗްޑީސީން ބުންޏެވެ.

ސީލައިފް ގްލޯބަލް އިން ހުޅުމާލޭގައި ފްލެޓް އަޅަން ލަންކާ ކޮރަލް ހޯލްޑިންގްސްއާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އައްމަޓީ (ވ-2) އަށް ބައިވެރިވަނީ. -- ފޮޓޯ: މިހާރު

"މި އެއްބަސްވުމުގެ ދަށުން މި ކުންފުންޏަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ލިބޭ ގެއްލުމުގެ ބަދަލު ސީ ލައިފް ގްލޯބަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހޯދުމަށް މި ކުންފުނިން މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ،" ބަޔާނުގައި ބުންޏެވެ.

ސީ ލައިފްގެ މައްޗަށް ދައުވާކުރާ މީހުންނަށް ބަދަލުދޭން އެއްބަސްވީ، ދައުލަތުން ސީ ލައިފަށް ދައްކަން ޖެހޭ 12 މިލިއަން ޑޮލަރުންނެވެ. އެ ފައިސާ އަކީ އެމްޑީޕީގެ ވެރިކަމުގައި 80 ހައުސިން ޔުނިޓް އެޅުމަށް އެ ކުންފުންޏާ ހަވާލުކުރުމަށް ފަހު، އެ އެއްބަސްވުން 2011 ގައި އުވައިލުމުން ސީ ލައިފުން ދައުލަތާ ދެކޮޅަށް ކުރި ދައުވާއަކާ ގުޅިގެން ހެދި ސެޓްލްމަންޓް އެއްބަސްވުމެއްގެ ދަށުން ދޭންޖެހޭ ފައިސާ އެވެ.

ސީ ލައިފަށް 12 މިލިއަން ޑޮލަރު ދިނުމަށް އެއްބަސްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. މި ފައިސާ އިން ރީފަންޑު ދިނުމުގެ އިތުރުން ފްލެޓް ބޭނުންވާ މީހުންނަށް ދެ އަހަރުގެ ތެރޭގައި ފްލެޓް ހަމަޖައްސައިދޭން ވެސް ސަރުކާރުން ވަނީ އެއްބަސްވެފަ އެވެ. އެއީ ސަރުކާރުން ކަނޑައަޅާ ހައުސިން ސްކީމެއްގެ ދަށުންނެވެ.