Roadha Mihaaru
ވިނަރެސްގެ ބާކީ ފްލެޓްތައް ދިނީ ފޭކް ލިޔުން ހަދައިގެން

ވިނަރެސްގެ ބާކީ ފްލެޓްތައް ދިނީ ސީލައިފަށް ފައިސާ ދެއްކި ކަމުގެ ފޭކް ލިޔުން ހަދައިގެން

21 ޑިސެމްބަރ 2024

ސީލައިފްގެ ފެއިލްވި ފްލެޓް މަޝްރޫއުގައި ފައިސާ ދައްކާފައިވާ މީހުންނަށް ފްލެޓް ދޭން ހެދި ސެޓުލްމަންޓް އެގްރީމެންޓްގެ ދަށުން ވިނަރެސް ފްލެޓް ލިބޭ މީހުންގެ ލިސްޓުގެ ބޭރުން އެތައް ބަޔަކަށް އެޗްޑީސީން ފްލެޓް ވިއްކާފައިވާކަން ވެސް ހާމަވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ސީލައިފްގެ ފެއިލްވި ފްލެޓް މަޝްރޫއުގައި ފައިސާ ދައްކާފައިވާ މީހުންނަށް ފްލެޓް ދޭން ހެދި ސެޓުލްމަންޓް އެގްރީމެންޓްގެ ދަށުން ވިނަރެސް ފްލެޓް ލިބޭ މީހުންގެ ލިސްޓުގެ ބޭރުން އެތައް ބަޔަކަށް އެޗްޑީސީން ފްލެޓް ވިއްކާފައިވާކަން ވެސް ހާމަވެއްޖެ އެވެ.

ވިނަރެސް މަޝްރޫއުގެ ދަށުން އިމާރާތްކުރި 13 ބުރީގެ 10 ޓަވަރުގައި ހިމެނޭ 1،344 ފްލެޓްގެ ތެރެއިން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ދައުރު ހަމަވިއިރު ބާކީ ދޫނުކުރެވި ގާތްގަނޑަކަށް 400 ފްލެޓް ހުއްޓެވެ.

މި ސަރުކާރު އައި ފަހުން އެ ފްލެޓްތައް ދޫކުރަން އެޗްޑީސީން އިއުލާނެއް ކުރުމަށް ފަހު އެ ބާތިލްކުރި އެވެ. ބާކީ ހުރި ފްލެޓްތައް ދޫކުރަނީ ސީލައިފުން އަޅަން ބުނި ފްލެޓްތަކަށް ފައިސާ ދައްކައިގެން ގެއްލުންވި މީހުންގެ ތެރެއިން ސަރުކާރާ އެކު އެއްބަސްވުން ހަދާފައިވާ މީހުންނަށް ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ. ގުޅިފަޅު ފްލެޓް ގެއްލުނު މީހުންގެ ތެރެއިން ފްލެޓް ބޭނުންވާ މީހުންނަށް ވެސް ވިނަރެސް ދޭން ނިންމާފައިވެ އެވެ.

ނަމަވެސް، އިތުރުބާރު ހުރި ގޮތަކުން "މިހާރު" އަށް އެނގިފައިވާ ގޮތުގައި އާންމުކޮށް އިއުލާންކޮށްފައި ނުވާ ސީލައިފްގެ ލިސްޓާ އެޗްޑީސީން ވަނީ ކުޅެފަ އެވެ. ސީލައިފްގެ ލިސްޓުގައި ނެތް މީހުން އެ ލިސްޓަށް އިތުރު ކޮށްފައިވަނީ އެއީ ސީލައިފުން ފްލެޓް ގަންނަން ފައިސާ ދެއްކި މީހުން ކަމުގެ ފޭކް ލިޔުންތައް ހަދައި ހުށަހަޅައިގެން ކަމަށް މި ކަމުގެ މައުލޫމާތު އެނގޭ މީހުން ކިޔައިދިނެވެ.

ސީލައިފްގެ ލިސްޓުގައި ހިމެނުނު ބައެއް މީހުންނަށް ބޭންކުން ލޯނު ހަމަނުޖެހި ފައިސާ ދެއްކޭނެ ގޮތެއް ނުވުމުން އެ މީހުން ލިސްޓުން އުނިކުރުމަށް ފަހު، ފޭކް ލިޔުންތަކާ އެކު އެހެން ބަޔަކު އެ ސްލޮޓްތަކަށް އިތުރުކުރަނީ އެވެ. މީގެ ސައްހަ ނޫން ބައެއް ލިޔުންތައް ކޯޓަށް ހުށަހަޅައިގެން ހުކުމްތައް ނެރެފައިވެ އެވެ.

މިގޮތަށް ހަމަޖައްސައިދެނީ އެޗްޑީސީގެ ވަކި ބަޔަކަށް ފައިސާ ދިނުމުން ކަމަށާއި އެކަން ކުރަން ވަކި ޓީމެއް އޮންނަ ކަމަށް ވަނީ އެނގިފަ އެވެ.

ނަމަވެސް ސީލައިފްގެ އޮފިޝަލަކު މިއަދު ވިދާޅުވީ، އެ ކުންފުނީގެ ނަން ބޭނުންކޮށްގެން ފޭކް ލިޔުންތަކެއް ހަދައިގެން އުޅޭ ބައެއް މިހާތަނަށް އެނގިފައި ނުވާ ކަމަށެވެ. އެކަމުގައި ސީލައިފްގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން 2018 އިން ފެށިގެން އާ ސްލިޕެއް އެއްވެސް މީހަކަށް ދީފައެއް ނުވާނެ. އެޗްޑީސީން އެ އެއްބަސްވުން ޓާމިނޭޓް ކުރި ފަހުން އަޅުގަނޑުމެންނަކާ އެ ހިއްސާއެއް ނުކުރޭ. މިކޮޅުން ވެރިފައި ކޮށްފައި ނޫނީ ނުދޭން އޭރު ވެސް އަޅުގަނޑުމެން އެދުނިން،" ސީލައިފްގެ އޮފިޝަލް ވިދާޅުވި އެވެ.

އެޗްޑީސީގެ ކުރީގެ ޗެއާމަން އަހުމަދު ޒުހޫރު ވެސް ތުހުމަތުކުރައްވާފައިވާ ގޮތުގައި ވިނަރެސް ފްލެޓް ލިބުނީ ފައިސާ ދޭ މީހުންނަށެވެ. އެކި އަދަދުތަކުން ފައިސާ ނަގައިގެން ބިމާއި ފްލެޓް އަޅަން ފުރުސަތު ދޭ ކަމުގެ އަޑުތައް ވެސް އިވޭ ކަމަށް އޭނާގެ އާންމުވެފައިވާ ސިޓީއެއްގައި ވިދާޅުވެފައިވެ އެވެ. އިދިކޮޅު އެމްޑީޕީން ވެސް މީގެ ދުވަސްކޮޅެއް ކުރިން ވަނީ ވިނަރެސް ލިސްޓުގެ މައްސަލައިގައި ތުހުމަތުތަކެއް ކޮށްފަ އެވެ.

"ސީލައިފް މީހުންގެ ތެރެއިން އޭރު ވިނަރެސް ބޭނުން ވެގެން އެދުނު ހުރިހާ މީހުންނަށް ފްލެޓް ދީފައި ހުރީ. އެހެންވީމާ ދެން ބާކީ މި ހުރި އަދަދު އެއީ ކިހިނެއް، ކޮން ގޮތަކުން ދީފައި ހުރި އެއްޗެއްތޯ؟ ރޭގައި އެޗްޑީސީގެ އެމްޑީ ވިދާޅުވި ސީލައިފްގައި ވަރަށް ގިނަ މީހުން އުޅެއޭ، އެކަމަކު އެއީ ކޮން ބައެއް ކަމެއް ނޭނގޭ. މާނައަކީ ކޮންމެ ފަރާތަކީ ވެސް ސީލައިފްގެ މީހެއް ކަމަށް ބުނުމުން އެއެއް އަޅުގަނޑުމެންނަކަށް ނޭނގޭނެ،" ހައުސިން މިނިސްޓްރީގެ ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް އެމްޑީޕީގެ ޕްރެސް ކޮންފަރެންސެއްގައި ވިދާޅުވި އެވެ.

"ޕަބްލިކް ޑޮމެއިންގައި ސީލައިފްގެ ލިސްޓް ނެތީމާ މިހާރު އެ ފްލެޓްތައް ދީފައިވަނީ އޭގެ ތެރެއިން ބަޔަކަށް ކަމެއް އަޅުގަނޑުމެންނަށް އެނގޭނެ ގޮތެއް ނެތް."

ނުހައްގުން ގޯތިތަކެއް ދޫކުރި ކަމުގެ މައްސަލަ ފެންމަތިވުމުން އެޗްޑީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިހާރު ސަސްޕެންޑްކޮށްފައިވާ ފަޒުލް ރަޝީދު ވިދާޅުވެފައިވަނީ ސީލައިފްގެ 376 މީހެއްގެ މައްސަލަ އުޅޭ ކަމަށާއި އޭގެ ތެރެއިން ބައެއް މީހުންނަށް ވިނަރެސް ފްލެޓް ހަމަޖައްސައިދީފައިވާ ކަމަށެވެ. ގާތްގަނޑަކަށް 203 މީހުންގެ މައްސަލަ ކޯޓުގައި އޮތް ކަމަށް ފަޒުލް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަތުގައި ހުރި ވިނަރެސްގެ ފްލެޓްތަކުން އިސްކަން ދިނީ ކޯޓުގައި އޮތް މީހުންގެ މައްސަލަތައް ހައްލު ކުރަން. އަޅުގަނޑުމެން މިތަނަށް އައިސް މިކުރާ ކަމަކީ މައްސަލަތައް ހައްލު ކުރުން. އެ ޔަގީންކަން މި އަރުވަނީ. އަޅުގަނޑުމެން މި ތަނުން އެއްޗެހި ބަހަނީއެއް ނޫން،" ފަޒުލް ވިދާޅުވި އެވެ.

ފަޒުލް ވިދާޅުވި ގޮތުގައި ސީލައިފްގެ 75-80 މީހުންނަށް އަދިވެސް ހައްލެއް ހޯދައެއް ނުދެވެ އެވެ.

ވިނަރެސް ފްލެޓްތައް ދޫކުރުމުގައި ޝައްކުތަކެއް އެކުލެވޭކަން ފާހަގަކުރެވޭތީ، މި ސަރުކާރުގައި އިއުލާން ނުކޮށް ދޫކުރި ވިނަރެސް ފްލެޓްތަކުގެ އަދަދާއި އޭގެ ތަފްސީލު ހޯދުމަށް "މިހާރު"ގެ ފަރާތުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެދުމުން އެޗްޑީސީން މީގެ ކުރިން ވަނީ އެ މައުލޫމާތު ދޭން އިންކާރުކޮށްފަ އެވެ.

މި މައްސަލާގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި ބޭއްވި އަޑުއެހުމުގައި އެޗްޑީސީން ބުނެފައިވަނީ ވިނަރެސް ފްލެޓްތައް ދޫކުރީ ސަރުކާރުން ސެޓުލްމަންޓް އެގްރިމެންޓް ހަދާފައިވާ މީހުންނަށް ކަމަށެވެ. ނަމަވެސް، ފްލެޓްތައް ދޫކުރި މީހުންގެ ވަނަވަރަކީ ޒާތީ މައުލޫމާތެއް ކަމަށާއި އެފަދަ މައުލޫމާތު އާންމު ކުރުމަކީ އެޗްޑީސީން އަމަލުކުރާ ގޮތެއް ނޫން ކަމަށް ބުނެފައިވެ އެވެ.

ސެޓްލްމަންޓް އެގްރީމެންޓް ހެދީ ސީލައިފްގެ ސަބަބުން ގެއްލުންވި މީހުންގެ ތެރެއިން 203 މީހަކު ދައުލަތާ ދެކޮޅަށް ދައުވާކުރުމުންނެވެ. ދައުވާކުރި މީހުންނަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅައި އަދި ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓް ގަތުމަށް އެ މީހުންނަށް ފުރުސަތު ދޭ ގޮތަށް އެގްރިމެންޓް ހަދައި އެޗްޑީސީން ވަނީ ކޯޓުން ބޭރުގައި މައްސަލަ ނިންމައިފަ އެވެ.