Roadha Mihaaru
ސީލައިފްގެ ބަދަލު ދިނުން މަޑުޖައްސާލަން އަންގައިފި

ސީލައިފަށް ދައުވާކުރި މީހުންނަށް ބަދަލު ދިނުން މަޑުޖައްސާލަން އަންގައިފި

17 ޖުލައި 2019

ހުޅުމާލޭގައި 3،000 ފްލެޓް އަޅަން ބުކިން ފީގެ ގޮތުގައި ސީލައިފުން ފައިސާ ނެގުމަށް ފަހު މަސައްކަތް ކުރިއަށް ނުގެންދިއުމުން ގެއްލުންވި މީހުންނަށް ބަދަލު ދިނުން މަޑުޖައްސާލަން އެސެޓް ރިކަވަރީ ކޮމިޝަނުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް އަންގައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހުޅުމާލޭގައި 3،000 ފްލެޓް އަޅަން ބުކިން ފީގެ ގޮތުގައި ސީލައިފުން ފައިސާ ނެގުމަށް ފަހު މަސައްކަތް ކުރިއަށް ނުގެންދިއުމުން ގެއްލުންވި މީހުންނަށް ބަދަލު ދިނުން މަޑުޖައްސާލަން އެސެޓް ރިކަވަރީ ކޮމިޝަނުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް އަންގައިފި އެވެ.

އެނގިފައިވާ ގޮތުގައި ސީލައިފަށް ބަދަލު ދިނުމުގައި އެޗްޑީސީން އަޅަން ނިންމި ފިޔަވަޅުތައް ބަލައި ނިމެންދެން، ބަދަލު ދިނުމުގެ މަސައްކަތް ކުރިއަށް ނުގެންދަން ކޮމިޝަނުން އިއްޔެ އެންގި އިރު އޮތީ ސެޓްލްމަންޓް އެގްރީމަންޓް ހަދައި ސޮއިކޮށްފަ އެވެ. މިދިޔަ ހޯމަ ދުވަހު އެ އެއްބަސްވުން ހެދީ އެޗްޑީސީ އާއި އިކޮނޮމިކް މިނިސްޓްރީ އާއި ސީލައިފާ ދެކޮޅަށް ދައުވާކޮށްފައިިވާ މީހުންގެ މެދުގަ އެވެ.

އެ އެއްބަސްވުމާ އެއްގޮތަށް ބަދަލު ދިނުމުގެ ކަންކަން ކުރިއަށް ގެންދަން ސިވިލް ކޯޓުން ހުކުމް ކުރީ، ދައުވާކުރި މީހުންނާއި ދައުވާ ލިބޭ ފަރާތްތަކުން ކޯޓުގެ ޑިސްޕިއުޓް މަރުހަލާގައި އެގޮތަށް އެއްބަސްވުމުންނެވެ. ޑިސްޕިއުޓް މަރުހަލާގައި، މައްސަލާގައި ހިމެނޭ ފަރާތްތަކުން ވަކި ގޮތަކަށް އެއްބަސްވާ ނަމަ އެގޮތަކަށް އަމަލުކުރަން އަންގައި ހުކުމްކުރާނެ އެވެ. ޑިސްޕިއުޓްގައި ހޯމަ ދުވަހު މެންދުރު ފަހު އޮތް އަޑުއެހުންތައް ނިންމައި ހުކުމް ކުރީ އެނގިފައިވާ ގޮތުގައި، އެ ރޭ 11:00 ހާއިރެވެ.

ބަދަލު ދިނުމަށް ހެދި އެ އެއްބަސްވުމުގެ ތަފްސީލެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ. އެހެންވެ ސީލައިފަށް ދައުވާކުރި މީހުންނަށް ބަދަލު ދޭން ނިންމާފައި ވަނީ ސީލައިފް ގްލޯބަލް އިން ޕާފޯމަންސް ގެރެންޓީގެ ގޮތުގައި އެޗްޑީސީ އަށް ދެއްކި އެއް މިލިއަން ޑޮލަރުން ކަމެއް ނުވަތަ އެ ނޫން ގޮތަކަށް އެއްބަސްވެގެން ކަމެއް ވެސް ސާފެއް ނޫނެވެ. ބަދަލުގެ ގޮތުގައި ދައުލަތުން އެއްބަސްވީ ކިހާ އަދަދެއް ކަމެއް ވެސް ސާފެއް ނޫނެވެ.

ސެޓްލްމަންޓް އެއްބަސްވުމުގެ ކުރިން އެޗްޑީސީން ބުނެފައިވާ ގޮތުގައި ބަދަލުގެ ގޮތުގައި ދޭންޖެހޭ ފައިސާގެ އަދަދު 24 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް އަންދާޒާ ކުރެވެ އެވެ.

ޚިޔާނާތާއި ދައުލަތަށް ގެއްލުނު ފައިސާ ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ކޮމިޝަނުން އެޗްޑީސީ އަށް އެންގީ އެ ކޮމިޝަނުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ވަކި ގޮތެއް އަންގަންދެން، ބަދަލު ދިނުން މަޑުޖައްސާލާށެވެ. ސީލައިފް މައްސަލައިގައި އެ ކުންފުންޏާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކޮށްފައިވާ މުއާމަލާތްތައް އަންނަނީ ބަލަމުންނެވެ.

ސީ ލައިފަށް ބުކިން ފީ ދެއްކި މީހުންނަށް އެޗްޑީސީން ބަދަލު ދިނުމާ ގުޅޭ ގޮތުން އެ ކުންފުންޏަށް އެއްވެސް އެންގުމެއް އަންގާފައިވޭތޯ "މިހާރު" އިން ސުވާލުކުރުމުން އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދު ވިދާޅުވީ ސީލައިފްގެ މައްސަލަތަކެއް ކޮމިޝަނުން ބަލަމުން އަންނަ ކަމަށެވެ. ތަފްސީލު ނުދެއްވައި ވިދާޅުވީ ކޮމިޝަނުން ބަލަންޖެހޭ އެއްވެސް ކަމެއް ނުބަލައި ދޫކޮށް ނުލާނެ ކަމަށެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސުހެއިލް މިއަދު ވިދާޅުވީ ބަދަލު ދިނުން މަޑުޖައްސާލަން އެސެޓް ރިކަވަރީ ކޮމިޝަނުން އަންގާފައިވާ ކަމަށެވެ. އެކަމަކު ކޮމިޝަނުން އެގޮތަށް އެންގީ ސެޓްލްމަންޓް އެއްބަސްވުން އެކުލަވާލި ފަހުން ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެސެޓް ރިކަވަރީ ކޮމިޝަންގެ އެ އެންގުމާ ގުޅޭ ގޮތުން އެޗްޑީސީގެ ބޯޑު ބައްދަލުވުމެއް ބާއްވާނެ އެވެ.

ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އުފެއްދި ކޮމިޝަންގެ މެމްބަރުންނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކު.--- ފޮޓޯ: ރައީސް އޮފީސް

ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އުފެއްދި ކޮމިޝަންގެ މެމްބަރުންނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކު.--- ފޮޓޯ: ރައީސް އޮފީސް

އެސެޓް ރިކަވަރީ ކޮމިޝަނަށް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ސީލައިފްގެ މައްސަލަ ހުށަހެޅީ އެ ކުންފުންޏަށް ފައިސާ ދެއްކި 200 އަށް ވުރެ ގިނަ މީހުންގެ ފަރާތުންނެވެ. މަޝްރޫއު ހަވާލުކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވޭތޯ ބަލަން މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީ އަށް ވެސް އޮތީ ހުށަހަޅައިފަ އެވެ.

ކުރީގެ ސަރުކާރުން 2014 ގައި ސީލައިފްއާ ފްލެޓް އެޅުމުގެ މަޝްރޫއެއް ހަވާލުކުރީ އެވަރުގެ ކަމަކަށް މާލީ ގޮތުން އެ ކުންފުނީގެ ގާބިލް ނޫން ކަން އެނގި ތިބެ އެވެ. ކުންފުނީގެ ހާލަތު ދެނެގަތުމަށް އެޗްޑީސީން ހެދި ރިޕޯޓުގައި އެކަން އޮތީ ފެންނާށެވެ. ޑައުން ޕޭމަންޓުގެ ގޮތުގައި ސީލައިފުން ބޮޑެތި އަދަދުތަކުން ފައިސާ ނެގީ ވެސް އޮޅުވާލައިގެންނެވެ.

އެ ކުންފުންޏާއި އެޗްޑީސީއާ އެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން، މަޝްރޫއުގެ 20 ޕަސެންޓް ނުނިމެނީސް ބުކިން ފީގެ ގޮތުގައި 50،000ރ. ގެ އިތުރުން އެއްވެސް ފައިސާއެއް ނުނެގޭނެ އެވެ. އެކަމަކު އެއްބަސްވުމާ ޚިލާފަށް ފައިސާ ނެގުމުން ވެސް ކަމާބެހޭ އެއްވެސް އިދާރާއަކުން ފިޔަވަޅެއް ނާޅަ އެވެ.

ފުރަތަމަ ފިޔަވަހީގައި ސީލައިފުން 300 އެޕާޓްމަންޓް ހަދަން ހުޅުވައިލުމުން 280 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 50،000ރ ވަނީ ދައްކައިފަ އެވެ. އޭގެ އިތުރުން ބައެއް މީހުން ޑައުންޕޭމަންޓްގެ ގޮތުގައި 20 ޕަސެންޓަށް ވާ ފައިސާ ވެސް ދެއްކި އެވެ.

ސީލައިފުން ބުނެފައިވާ ގޮތުގައި އެ ކުންފުންޏަށް މަޝްރޫއު ކުރިއަށް ނުގެންދެވުނީ އެޗްޑީސީގެ އިހުމާލާ ހެދި އެވެ. އޭގެތެރޭގައި އެ ކުންފުންޏަށް ދޭން ޖެހޭ ހުއްދަތަކާއި ބިންތައް ނުދީ ލަސްކުރުމުގެ އިތުރުން ކުރިން ކޮށްފައިވާ އެތައް މަސައްކަތެއް އަލުން ކުރަން މަޖުބޫރުކުރުން ހިމެނެ އެވެ.

އެކަމަކު ސެޓްލްމަންޓް އެގްރިމެންޓާ ގުޅިގެން އެޗްޑީސީން ރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސީލައިފްގެ މައްސަލައިގައި ސަރުކާރާއި އެޗްޑީސީގެ އިހުމާލެއް ނެތް ކަމަށް ދެ ފަރާތަށް ގަބޫލުކުރެވުނު ކަމުގައި ވިއަސް، އެކަމުގެ ސަބަބުން ގިނަ ބަޔަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. ބަދަލު ދިނުމުގެ އެއްބަސްވުން ހެދީ އެ ފަރާތްތަކަށް އިންސާފު ހޯދައިދީ ގެއްލުން ކުޑަކުރަން ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

ސީލައިފްއާ އެކު އެޗްޑީސީން ވީ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ލިބޭ ގެއްލުމުގެ ބަދަލު ހޯދާނެ ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފަ އެވެ.