Roadha Mihaaru
އަހަރީ ފީ އާއި ޖޫރިމަނާގެ 197 މިލިއަން ނުލިބޭ:މީރާ

އަހަރީ ފީ އާއި ޖޫރިމަނާގެ 197 މިލިއަން ރުފިޔާ ނުލިބޭ: މީރާ

18 ޖެނުއަރީ 2019

އަހަރީ ފީ އާއި ޖޫރިމަނާގެ ގޮތުގައި އެކި ކުންފުނިތަކުން ދައުލަތަށް ލިބެންޖެހޭ 197.9 މިލިއަން ރުފިޔާ މިހާތަނަށް ދައްކާފައި ނުވާ ކަމަށް ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އިއްޔެ ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އަހަރީ ފީ އާއި ޖޫރިމަނާގެ ގޮތުގައި އެކި ކުންފުނިތަކުން ދައުލަތަށް ލިބެންޖެހޭ 197.9 މިލިއަން ރުފިޔާ މިހާތަނަށް ދައްކާފައި ނުވާ ކަމަށް ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އިއްޔެ ބުނެފި އެވެ.

އެ އިދާރާ އިން ބުނީ މިދިޔަ އަހަރުގެ ނިޔަލަށް 7،089 ކުންފުންޏަކުން އަހަރީ ފީ އާއި ޖޫރިމަނާ ދައްކާފައި ނުވާ ކަމަށެވެ.

މީގެ ތެރޭގައި މިދިޔަ އަހަރު ރަޖިސްޓްރާ އޮފް ކޮމްޕެނީސް އިން އުވައިލުމަށް ނިންމާފައިވާ 5،772 ކުންފުންޏެއް ހިމެނެ އެވެ. އެ ކުންފުނިތަކުން ދައްކަންޖެހޭ 189.6 މިލިއަން ރުފިޔާ ހިމެނޭ ކަމަށް މީރާ އިން ބުނެ އެވެ. އަދި އުވައިލުމަށް ނިންމާފައި ނުވާ 1،317 ކުންފުންޏަކުން ދައްކަންޖެހޭ 8.2 މިލިއަން ރުފިޔާ ވެސް ނުލިބޭ ކަމަށް ޓެކްސް އިދާރާ އިން ބުންޏެވެ.

ކުންފުނީގެ އަހަރީ ފީގެ އިތުރުން، ވިޔަފާރީގެ ފައިދާ އިން ޓެކްސް ނެގުމުގެ ގާނޫނުގައި ވާ ގޮތުން، ކުންފުނިތަކުން އެއްވެސް ވިޔަފާރިއެއް ނުކުރި ނަމަވެސް ގާނޫނުގައި ބުނާ ޓެކްސް ބަޔާން ހުށަހަޅަން ޖެހެ އެވެ. އެކަން ނުކޮށްފި ނަމަ ގާނޫނުގެ ދަށުން ޖޫރިމަނާ ކުރާނެ އެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގައި ވާ ގޮތުން، ޓެކްސް ދައްކާ ފަރާތްތަކުގެ ރަޖިސްޓަރީން ކުންފުންޏެއް އުނި ކުރެވޭނީ ކުންފުނިތަކާ ބެހޭ ރަޖިސްޓްރާ އެ ކުންފުންޏެއް އުވައިލުމުންނެވެ.

ވިޔަފާރި ނުކުރާ، އުވައިލަން ބޭނުންވާ ކުންފުނިތައް، ކުންފުންޏާ ބެހޭ ގާނޫނުގައި ކަނޑައަޅައިފައިވާ އުސޫލުގެ މަތިން ރަޖިސްޓްރާ އޮފް ކޮންޕެނީޒަށް ހުށަހަޅައިގެން އެ ކަންކަން ކުރިއަށް ގެންދިއުމަށް މީރާ އިން އިލްތިމާސް ކުރެ އެވެ.

އަމިއްލަ ފަރުދުން މީރާ ގައި ރަޖިސްޓަރީ ކުރުމާއި ޓެކްސް ބަޔާން ހުށަހެޅުމާ ގުޅޭގޮތުން މިދިޔަ އަހަރު އެ އިދާރާ އިން ވަނީ ލުއިތަކެއް ދީފަ އެވެ. ނަމަވެސް، ޓެކްސްއާ ގުޅޭ ގާނޫނުގައި ވަކި ގޮތަކަށް ކަނޑައަޅާފައި ވާތީ، މި ލުއިތައް އެންމެ ފުރިހަމަ ގޮތުގައި ނުދެވެ އެވެ.

އެކަމަކު، ކުދި ވިޔަފާރިތަކުން ހިސާބުތައް ތައްޔާރު ކުރުމާއި އޮޑިޓް ކުރުމާ ގުޅޭގޮތުން ދީފައިވާ ލުއިތަކަކީ ކުންފުނިތަކަށް ވެސް ރައްދުވާ ލުއިތަކެއް ކަމަށް މީރާ އިން ބުނެފައިވެ އެވެ.

މި ސަރުކާރުން ވަނީ ކުރިއަށް އޮތްތަނުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޓެކްސް ދެއްކުމުގައި އެކަށީގެންވާ ލުއިތަކެއް ހަމަޖައްސާނެ ކަމަށް ވައުދުވެފަ އެވެ. ކުންފުނީގެ އަހަރީ ފީ ނުދައްކައި ގިނަ ކުންފުނިތަކެއް ހިމެނޭ އިރު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އަންނަނީ ފާޅުގައި މީރާ އަށް ފާޑު ވިދާޅުވަމުންނެވެ.

އިކޮނޮމިކް މިނިސްޓަ ފައްޔާޒު އިސްމާިލް ކުރައްވާފައިވާ ޓްވީޓް

އެގޮތުން، ޓެކްސް ދެއްކުމަށް ރަޖިސްޓަރީ ކުރަން ނުޖެހޭ ތަންތަން ރަޖިސްޓަރީ ކޮށްފައިވަނީ މީރާ އިން އަމިއްލަ އަށް އެ ތަންތަނަށް ގޮސް އެފަދަ ފަރާތްތަކަށް ނުރަނގަޅު ތަސައްވުރެއް ދައްކައިގެން ކަމަށް ފައްޔާޒް ވިދާޅުވެފައި ވެ އެވެ. މީގެ އިތުރުން، ވިޔަފާރިތަކަށް އޮތް އެންމެ ބޮޑު ގެއްލުމަކީ މީރާ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެ އެވެ.

ޓެކްސް ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ސަރުކާރުގެ އިސްވެރިންނާއި އަމިއްލަ ފަރާތްތަކާއި ގާނޫނީ ވަކީލުންގެ އިތުރުން އޮޑިޓަރުން ހިމެނޭ ކޮމިޓީއެއް އިކޮނޮމިކް މިނިސްޓްރީން މިހާރު ވަނީ އެކުލަވައިލައިފަ އެވެ.