Roadha Mihaaru
ހިއްސާދާރުން މައްސަލަ ޖެހި، ގްލެމް ސެލޫން ބަންދުކޮށްފި

ހިއްސާދާރުންގެ މެދުގައި މައްސަލަ ޖެހި، ގްލެމް ސެލޫން ބަންދުކޮށްފި

02 އޮކްޓޯބަރ 2017

މަޝްހޫރު ގްލެމް ސެލޫން، އެތަނުގެ ދެ ހިއްސާދާރުންގެ މެދުގައި ޖެހުނު މައްސަލައެއްގައި، ބަންދުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މަޝްހޫރު ގްލެމް ސެލޫން، އެތަނުގެ ދެ ހިއްސާދާރުންގެ މެދުގައި ޖެހުނު މައްސަލައެއްގައި، ބަންދުކޮށްފި އެވެ.

ގްލެމް ސެލޫން ހިންގަމުން އައި ގްލެމް އިންވެސްޓްމަންޓަކީ ފާތިމަތު ނަދާ އާއި ނަޖުމާ މޫސާ އެއްވަރަށް ހިއްސާވާ ކުންފުންޏެކެވެ. ސެލޫން ބަންދުކުރީ ނަދާއާ ދެކޮޅަށް ނަޖުމާ ސިވިލް ކޯޓުގައި ދައުވާ ކޮށްފައި ވަނިކޮށް މިދިޔަ ހަފުތާގަ އެވެ. ކޯޓުން އިއްޔެ ވަނީ އެ މައްސަލަ ނަދާއާ އެއްކޮޅަށް ނިންމައިފަ އެވެ.

އެކަމަކު ހުކުމުގައި ބުނެފައި ވަނީ ނަޖުމާ ދައުވާކުރެއްވި ގޮތަށް ނަދާ އަތުން 400،000 އަށް ވުރެ ގިނަ ރުފިޔާ ނަގައިދެވެން ނެތް ނަމަވެސް، ދެ ހިއްސާދާރުން ގުޅިގެން ކުންފުނި ހިންގުމަށެވެ.

ނަޖުމާ ވިދާޅުވީ ހިނގަމުން އައި ކުންފުންޏެއް ކުއްލި ގޮތަކަށް ބަންދު ކުރެވިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި އެތަން ބަންދުކުރަން ކޯޓު ހުކުމުގައި އަންގާފައި ނެތް އިރު ނަދާއަށް އެ ތަން އެގޮތަށް ބަންދު ނުކުރެއްވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކޯޓުގެ ހުކުމުގައެއް ވެސް ނޯންނާނެ ތަން ބަންދު ކުރާކަށް. ހިއްސާދާރުން ގުޅިގެން ކުރިއަށް ގެންދާށޭ ހުކުމުގައި އޮތީ. އަދި ތަން ބަންދުކޮށް، ލިކިއުޑޭޓް ކުރަންޏާ ވެސް އޮޑިޓަރުން ގެންގޮސްގެން ކަންކަން ފުރިހަމަ ކުރުމަށް ފަހު ދެއްތޯ ތަން ބަންދުކުރެވޭނީ،" ނަޖުމާ ވިދާޅުވި އެވެ.

މި މައްސަލާގައި ނަދާ ވިދާޅުވީ ސެލޫން ބަންދުކުރީ ހިއްސާދާރުންގެ މެދުގައި އޮތް މައްސަލަތަކުގެ ސަބަބުން ކުންފުނި ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލުނުކުރެއްވޭތީ ކަމަށެވެ. ނަޖުމާގެ ފަރާތުން އޭނާއާ ދެކޮޅަށް ކުރި ތުހުމަތުތަކުގައި އަސްލެއް ނެތް ކަން ހުކުމުން ސާބިތުވެފައިވާ ކަމަށާއި މިހާރު ބޭނުންވަނީ ސުލްހަވެރިކޮށް، މަޝްވަރާ ކޮށްގެން ވިޔަފާރި ނިމުމަކަށް ގެންނަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު ވެސް އެދެނީ ދެ ހިއްސާދާރުން ސުލްހަވެރިކޮށް މަޝްވަރާ ކޮށްގެން ވިޔަފާރި ނިމުމަކަށް ގެންނަން ޖެހިއްޖެ ނަމަ އެކަމެއް ކުރަން،" ނަދާ ވިދާޅުވި އެވެ.

ނަޖުމާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމުގައި ވަނީ ކުންފުނީގައި ނަޖުމާއާ ހަވާލުވެފައި އޮންނަ ފައިސާގެ ކަންކަމުގެ ތެރެއަށް ނަދާ ވަންނަވާފައިވާ ކަން އެނގެން ނެތް ކަމަށެވެ. އަދި ނަދާގެ އަތުން ހޯދަން އެދުނު ފައިސާ ކޯޓުން ނަގައިދެވެން ނެތީ ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން ހިއްސާގެ ފައިސާ ހޯދަން ހިއްސާދާރަކާ ދެކޮޅަށް ދައުވާކުރެވޭނީ ކުންފުނީގެ ބޯޑުން ނިންމައިގެން ކަމަށް ވާތީ ކަމަށް ހުކުމުގައިވެ އެވެ.

ހުކުމުގައި ބުނެފައިވާ ގޮތުގައި އެފަދަ ނިންމުމެއް ނިންމަން ބޯޑު ބައްދަލުވުމެއް ބާއްވަން ދަތިތަކެއް ހުރެއްޖެ ނަމަ ރަޖިސްޓްރާ އޮފް ކޮމްޕެނީޒަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.

ސެލޫން ހިންގެވުމުގައި ނަދާ މަކަރު ހައްދަވާފައިވާ ކަމަށް ނަޖުމާ ތުހުމަތުކުރައްވަ އެވެ. އެކަމަކު އެއީ ދޮގު ތުހުމަތުތަކެއް ކަމަށާއި ސިވިލް ކޯޓުގެ ހުކުމުން ވެސް އެކަން އެނގޭ ކަމަށް ނަދާ ވިދާޅުވި އެވެ.