14 ޖޫން 2021
ދައުލަތުގެ ބައެއް ކުންފުނިތަކުގެ ހިއްސާ ވިއްކަން ސަރުކާރުން ބޭނުންވެ އެވެ. އޭގެ ތެރޭގައި، މިހާރު ބެލެވޭ ގޮތުގައި ސަރުކާރަށް ފައިދާ ވަމުން އަންނަ ބައެއް ކުންފުނިތައް ވެސް ހިމެނޭނެ އެވެ. އެހެން ނަމަވެސް، އަދި ނޭނގި އޮތް އެއްޗަކީ އެއީ ކޮންކޮން ކުންފުންޏެއް ކަމެވެ.
ދައުލަތުގެ ބައެއް ކުންފުނިތަކުގެ ހިއްސާ ވިއްކަން ސަރުކާރުން ބޭނުންވެ އެވެ. އޭގެ ތެރޭގައި، މިހާރު ބެލެވޭ ގޮތުގައި ސަރުކާރަށް ފައިދާ ވަމުން އަންނަ ބައެއް ކުންފުނިތައް ވެސް ހިމެނޭނެ އެވެ. އެހެން ނަމަވެސް، އަދި ނޭނގި އޮތް އެއްޗަކީ އެއީ ކޮންކޮން ކުންފުންޏެއް ކަމެވެ.
ހިއްސާ ވިއްކައިގެން ދެ ބިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތުގެ ބަޖެޓަށް ވައްދަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. ސަރުކާރުގެ މައި ސިޔާސަތަކީ، ކުރިން ވެސް ބުނެފައިވާ ގޮތުން ނަމަ، ދައުލަތަށް ގެއްލުންވާ ކުންފުނިތަކުގެ ހިއްސާ ވިއްކައިގެން އެތަންތަން ރަނގަޅު ކުރުމެވެ. އެހެން ނަމަވެސް އިގްތިސާދީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުން ނަމަ، ދެ ބިލިއަން ރުފިޔާގެ އާމްދަނީއެއް، ގެއްލުންވާ ކުންފުނިތަކުގެ ހިއްސާ ވިއްކައިގެނެއް ނުލިބޭނެ އެވެ. އޭގެ އަނެއް މާނައަކީ، ސަރުކާރަށް ދެ ބިލިއަން ރުފިޔާ ލިބޭނީ ފައިދާވާ ކުންފުނިތަކުގެ ހިއްސާ ވިއްކައިގެން ކަމެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މިހާރު ހިއްސާ ވިއްކައިގެން ދެ ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނީ، ބެލެވޭ ގޮތުގައި މަދު ކުންފުންޏެއްގެ އެވެ.
ސަރުކާރުން ނިންމާފައިވާ، ތިން އަހަރަށް ދެމިގެންދާ ޕްރައިވެޓައިޒޭޝަން ޕްރޮގްރާމްގެ ދަށުން މި އަހަރު ޕްރައިވެޓައިޒް ކޮށްގެން 462 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ވެސް އެބައޮތެވެ. ސަރުކާރުން ހުއްޖަތަކަށް ދައްކާފައި ވަނީ ޕްރައިވެޓައިޒް ކުރުމުން ކުންފުނިތަކުގެ ހިންގުން ރަނގަޅު ކުރެވޭނެ ކަމެވެ. އަދި ލިބޭ އާމްދަނީ ވެސް އިތުރު ކުރެވޭނެ ކަމަށެވެ. ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ޕްރައިވެޓައިޒް ކުރުމުގެ މަސައްކަތްތައް ކުރާނީ ދެފުށް ފެންނަ އުސޫލުތަކެއްގެ ތެރެއިން ކަމަށެވެ.
ޤައުމު ވިއްކާ ހުސްކުރުމުގެ ޒިންމާ ކޯލިޝަންގެ ވެރިންނަގަންޖެހޭނެ! ރައީސްއަށް މިހާލަތު މެނޭޖުނުކުރެވުނު.މުޅިޤައުމާއި ރައްޔިތުން ތަބަކަށް ލައިގެންވިއްކުމުގަ! މިހިސާބަށް ދިޔައިރު ކޯލިޝަންގައި ހިމެނޭ ބޮޑުންނަށް ކުޑަމިނުންވައިބާކޯލެއް ނަގާލެވޭވަރުނުވި. ކޮންމެކަމެއް އަތަށް؟ pic.twitter.com/WFMWq6IAIm
— Mohamed Saeed (@em_saeed) June 6, 2021
ސައީދުގެ ޓްވީޓް
އެމްޑީޕީގެ ސަރުކާރެއް އަތުވެއްޖެ ނަމަ ކުންފުނިތައް ވިއްކުން އެއީ ކުރާނެ ކަމެއް ކަމަށް ވިދާޅުވެ، ކުރީގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު މާވަށު ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު މުހަންމަދު ސައީދު ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އަބަދު ވެސް ގެންދަވަ އެވެ. ޕްރައިވެޓައިޒް ކުރުން ނުވަތަ ކުންފުނިތަކުގެ ހިއްސާވިއްކުން އޭނާ ސިފަ ކުރައްވަނީ، ދައުލަތުގެ ހަރުމުދާ ނުއަގުގައި ވިއްކާލުމުގެ ގޮތުގަ އެވެ. މީގެ ކުރީގެ މިފަދަ ބައެއް ކަންކަމަށް ރިއާއަތްކުރައްވައި، އޭނާ ވިދާޅުވަނީ އެއީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
"ރާއްޖޭގެ އެންމެ އަގު ބޮޑު ކުންފުނި އެއާޕޯޓު ޖީއެމްއާރަށް ވިއްކާލީ. ދިރާގުގެ ހިއްސާ ނުއަގުގައި ވިއްކާލާފައި އޮތީ. އަނެއްކޮޅުން ފެން ކުންފުނީގެ ހިއްސާ ސަލާމަތް ނުވެވޭ ވަރަށް އޮތީ ވިއްކާލާފައި،" އޭނާ ވިދާޅުވި އެވެ.
މީގެ ކުރިން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސަރުކާރު ހިއްސާ އޮތް މުހިއްމު ތިން ކުންފުންޏެއް ޕްރައިވެޓައިޒް ކުރި އެވެ. އޭގެ ތެރެއިން ދިރާގުގެ 15 ޕަސެންޓް ހިއްސާ ބޭރުގެ ބަޔަކަށް ވިއްކާލި އިރު، މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ދިގު މުއްދަތަކަށް ޖީއެމްއާރަށް ކުއްޔަށް ދިނެވެ. އަދި ސަރުކާރަށް ގަނެވެން އޮތް އެމްޑަބްލިޔުއެސްސީގެ ހިއްސާގެ 20 ޕަސެންޓް ނުގަނެ ބޭރު ކުންފުންޏަކަށް ދޫކޮށްލި އެވެ.
ރާއްޖޭގެ އިގްތިސާދު ދިރާސާކުރައްވާ ތަޖުރިބާކާރަކު ވިދާޅުވީ، ކުންފުނިތައް ވުމާއި ކުންފުންޏެއް ޕަބްލިކް ނުވަތަ ޕްރައިވެޓް ވުމާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
"ޖެނެރަލް އިކޮނޮމިކްސް"ގައި ގަބޫލުކުރާ ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތައް ސިފަކޮށްފައި އޮންނަނީ ހިންގުމުގެ ގޮތުން އެހާ ހަރުދަނާ ނޫން ނުވަތަ އިން-އެފިޝިއެންޓް ކުންފުނިތަކެއްގެ ގޮތުގަ އެވެ. އެހެން ނަމަވެސް މި ކޮންސެޕްޓް ރާއްޖެ ފަދަ ކުޑަ އިގްތިސާދަކަށް ފިޓު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. ރާއްޖޭގެ ރައްޔިތުންނަށް މުހިއްމު ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުންނެވެ. އެސްޓީއޯ އާއި އެމްއޭސީއެލް ފަދަ ކުންފުނިތަކަކީ ދައުލަތަށް އެންމެ ބޮޑު ފައިދާއެއް ގެނެސްދޭ، ހިންގުމުގެ ގޮތުން ރާއްޖޭގައި ނަމޫނާ ކުންފުނިތަކެވެ.
އޭނާގެ އަނެއް ކަންބޮޑުވުމަކީ މިގޮތަށް ޕްރައިވެޓައިޒް ކޮންގެން ވަކި ބަޔަކަށް ބޮޑެތި ފައިދާތަކެއް ލިބުމެވެ. ޕަބްލިކް ސެކްޓާ އެސެޓްތައް ވިއްކާލުމުން އެ ގަނެވޭ ފެންވަރުގެ ތިބޭނީ ރާއްޖޭގައި ވަރަށް މަދު ބަޔެކެވެ. އެހެންކަމުން އަނެއްކާ ވެސް މުއްސަނދިން އިތުރަށް މުއްސަނދިވުމަށް ފުރުސަތު ބޮޑުވެ، އާމްދަނީގެ ފަރަގު ބޮޑުވާނީ ކަމަށް އޭނާ ވިދާޅުވި އެވެ. ރާއްޖޭގެ މުއްސަނދިންނަށް ހިއްސާ ނުވިއްކާ ނަމަ ދެން ހިއްސާ ވިއްކަން ޖެހޭނީ ރާއްޖެއިން ބޭރުގެ ކުންފުނިތަކަށެވެ. އެކަމުން ވެސް ދައުލަތަށް ލިބޭނީ ވަގުތީ މަންފާ އެކެވެ.
"ވަކި ބަޔަކަށް ވެލްތު ލިބޭނީ. މުއްސަނދިން މުއްސަނދިވުމަށް ފުރުސަތު ދެވޭނީ،" އޭނާ ވިދާޅުވި އެވެ.
ފޭސްބުކްގައި މީހަކު ފާޅުކޮށްފައިވާ ހިޔާލެއް
އޭނާ ވިދާޅުވީ، ސިންގަޕޫރު ފަދަ ގައުމުތަކުގައި ވެސް އެންމެ ކާމިޔާބު ކުންފުނިތަކަކީ ސަރުކާރު ހިއްސާ އޮންނަ ކުންފުނިތައް ކަމަށެވެ. ރާއްޖޭގައި ކުންފުނިތައް ހިންގުމަށް ހުރަސް އެޅެނީ ސިޔާސީ ނުފޫޒުގެ ސަބަބުން ކަމަށާއި ރާއްޖޭގައި ވެސް ކުންފުނިތަކުން ޕްރޮފެޝަނަލް މަސައްކަތްތަކެއް ކުރަން ފަށައިފި ނަމަ ކާމިޔާބު ވާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
ޕްރައިވެޓައިޒް ކުރުމުން ދައުލަތަށް މާލީ ބޮޑު ފައިދާ އެއް އެއް ފަހަރާ ލިބޭނެ އެވެ. އެއީ ހިއްސާވިއްކާލުމުން ގަނޑުކޮށް ލިބޭ އާމްދަނީ އެވެ. އެހެން ނަމަވެސް އެއީ ވަގުތީ މަންފާއެކެވެ. އެކަމުން ލިބޭ ފައިދާ ފެންނާނީ ހަމައެކަނި މި ޖީލަށެވެ. އޭގެއިން ތަރައްގީގެ މަޝްރޫއުތަކަށް ހަރަދު ކުރުމުގެ ބަދަލުގައި ހޭދަކޮށްލާނީ ރިކަރަންޓު ހަރަދުތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރީގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބު ވިދާޅުވާ ގޮތުން ފައިދާވާ ކުންފުނިތައް ޕްރައިވެޓައިޒް ކުރުމުގެ ބޭނުމެއް ނެތެވެ. އޭނާ މިސާލު ނެންގެވީ އެސްޓީއޯއިންނެވެ. އޭނާ ވިދާޅުވީ، އެސްޓީއޯ ފަދަ ކުންފުންޏަކުން ތެޔޮ އެތެރެ ކުރުމުގެ ސަބަބުން ތެލުގެ އަގު އެއް ހަމައެއްގައި ހިފެހެއްޓުމަށް ފަސޭހަވެގެންދާނެ ކަމަށެވެ. ރާއްޖެއަކީ އިމްޕޯޓަށް އިންތިހާއަށް ބަރޯސާވެފައިވާ ގައުމަކަށްވާ އިރު އެސްޓީއޯ ފަދަ ކުންފުންޏެއް އޮތުމުން ތަކެތީގެ އަގުތައް ކޮންޓްރޯލް ކުރުމަށް ބާރަކަށް ވެ އެވެ. އަދި އެ ކުންފުންޏަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް ލިބެމުން އަންނަ ކުންފުންޏަކަށްވާ އިރު އެސްޓީއޯ ޕްރައިވެޓައިޒް ކުރުމުގެ ނަތީޖާ އެހާ ރަނގަޅު ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެސްޓީއޯއިން ސޯޝަލް އޮބްޖެކްޓިކްތައް އެބަ ހާސިލުވޭ. ތެޔޮ އެތެރެ މިކުރަނީ އެސްޓީއޯއިން. މާލީ ގޮތުން ކުންފުނި ބޮޑު ނުކުރެވިގެން ޕްރައިވެޓައިޒް ކުރާ ނަމަ އޭގެ މާނަކީ ކުންފުނި ހިންގާ މީހުންގެ މައްސަލައެކޭ،" އޭނާ ވިދާޅުވި އެވެ.
އެމްއެސްއެސްގެ ފުރަތަމަ ބޯޓަށް މަރުހަބާ ކިޔުމުގެ ގޮތުން އެމްޕީއެލްގެ އެމްޑީ (ވ) އެސްޓީއޯގެ އެމްޑީ އަދި ސީއީއޯ (މ) އާއި އެމްއެސްއެސްގެ އެމްޑީ (ކ) އާ ހަނދާނީ ފިލާ ހަވާލު ކުރަނީ. ކުންފުނިތައް ޕްރައިވެޓައިޒް ކޮށްގެން ދެ ބިލިއަން ރުފިޔާ ހޯދުމަށް ސަރުކާރުން ވަނީ ނިންމާފައި-- ފައިލް ފޮޓޯ: އަހުމަދު އައުޝަން އިލްޔާސް / މިހާރު
އޭނާގެ ވިސްނުން އެމްއޭސީއެލްއާ މެދު ވެސް ހުރީ މިކަހަލަ ގޮތަކަށެވެ. އެއާޕޯޓު ޖީއެމްއާރަށް ކުއްޔަށް ދިނީ އެއާޕޯޓު ތަރައްގީކުރަން ފައިސާ ނެތިގެންނެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުން އެއާޕޯޓު ތަރައްގީ ކުރަން ފައިނޭންސް ނެތުމަކީ ފައިދާ ވަމުން އަންނަ ކުންފުންޏެއް ޕްރައިވެޓައިޒް ކުރުމަށް އޮތް ހައްލެއް ނޫނެވެ. އަދި މިހާރު ވެސް އެމްއޭސީއެލް ޕްރައިވެޓައިޒް ކުރުން ރަނގަޅު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަދިވެސް ނެތް އެއާޕޯޓު ޕްރައިވެޓައިޒް ކުރަން ޖެހޭ އެއްވެސް ސަބަބެއް. އެމްޑީއަކަށް ވެސް ބޭރު ބޭފުޅަކު ގެންނަން ޖެހޭ ސަބަބެއް ނެތް. އެއާޕޯޓު ތަރައްގީ ކުރީ ދިވެހިން. އެހެންވީމަ ދިވެހިންނަށް އެތަން ހިންގޭނެ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެއާޕޯޓު ފަދައިން އެމްޕީއެލް ފަދަ ކުންފުނިތަކުގެ ކޮންޓްރޯލް ވެސް އޮންނަން ޖެހޭނީ ދައުލަަތަށް ބާރުފޯރުވޭނެ ގޮތަކަށް ކަމަށެވެ. ސަބަބަކީ ޕޯޓުތަކަކީ ގައުމެއްގެ ތަރައްގީ އަށް އެންމެ ބޮޑު ގުޅުމެއް އޮންނަ ތަން ކަމަށް ވުމެވެ. އެހެންކަމުން ހިންގުން ހަރުދަނާ ކުރުމުގެ ބޭނުމުގައި ވިޔަފާރި ބަނދަރު ވެސް ބޭރުގެ ބަޔަކަށް ވިއްކާލުން ރަނގަޅު ނޫން ކަމަށް ފަޒީލް ވިދާޅުވި އެވެ.
ޕްރައިވެޓައިޒް ކުރާނެ ކުންފުނިތައް ސަރުކާރުން އަދި މިހާތަނަށް ހާމައެއް ނުކުރެ އެވެ. އެހެން ނަމަވެސް ޕްރައިވެޓައިޒް ކުރާނީ އެކަން ކުރުމަށް ގާބިލު ކުންފުނިތަކެވެ. ނުވަތަ ބޮޑު އާމްދަނީއެއް ލިބެމުން އަންނަ ކުންފުނިތަކެވެ. އެގޮތަށް ބަލާ އިރު ސަރުކާރުގެ އޮތީ މަދު ކުންފުންޏެކެވެ. ޕްރައިވެޓައިޒް ކުރުމުން ދައުލަތަށް އެއްފަހަރާ ބޮޑު ފައިދާއެއް ލިބުމުގެ ފުރުސަތު ވެސް އެބައޮތެވެ. އެހެން ނަމަވެސް މިކަމުގައި އަދި ފެންނާން އޮތީ ކުރިން ކުރީ ގޯސް ތަޖުރިބާތެކެވެ.
ކުންފުންޏާބެހޭ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި
ކުންފުނިތަކުގެ ބިލަށް ބަދަލެއް ނުގެނެސް ފާސްކޮށްފި
ކުންފުނިތަކުގެ އިސްލާހުގެ މަސައްކަތްތައް ނިންމާލައިފި
ޑިރެކްޓަރުން އައްޔަންކުރާ މުއްދަތު ކުރުކުރަން އިސްލާހެއް
އާ ގާނޫނުން ދެން އެކަކަށް ވެސް ކުންފުނި ހެދޭނެ
"ކުންފުނިތަކުގެ ޑިރެކްޓަރުން ކޯޓަށް ވަކި ކުރެވިދާނެ"
ޕެންޝަން ފަންޑަށް 100 މިލިއަން ރުފިޔާ
ހަތަރު މައުލޫއު: ކުންފުނިތަކުގެ ބޯޑު ސިޔާސީ ނުކުރުން
ދައުލަތް އަދި ކުންފުނި، ދެ ލަފުޒު އެކުވުމުގެ ނަތީޖާ
ފީ ނުދައްކާ ކުންފުނިތައް އުވައިލެވޭ ގޮތަށް ފާސްކޮށްފި