Roadha Mihaaru
ޝެފުންނަށް ޔުނިލިވާ ސޮލިއުޝަންސްގެ "ޝެފްސް ޓޭބަލް"

ދިވެހި ޝެފުންނަށް ޔުނިލިވާ ސޮލިއުޝަންސްގެ "ޝެފްސް ޓޭބަލް" އިވެންޓު

19 ނޮވެމްބަރ 2023

ޔުނިލިވާ ފުޑް ސޮލިއުޝަންސް އާއި އިންޓަނޭޝަނަލް ފުޑް ސޮލިއުޝަން (އައިއެފްއެސް) ގުޅިގެން ރާއްޖޭގެ ކަލިނަރީ ދާއިރާގައި މަސައްކަތްކުރާ ޝެފުންނަށް "ޝެފްސް ޓޭބްލް"ގެ ނަމުގައި ހާއްސަ އިވެންޓެއް ބާއްވައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ޔުނިލިވާ ފުޑް ސޮލިއުޝަންސް އާއި އިންޓަނޭޝަނަލް ފުޑް ސޮލިއުޝަން (އައިއެފްއެސް) ގުޅިގެން ރާއްޖޭގެ ކަލިނަރީ ދާއިރާގައި މަސައްކަތްކުރާ ޝެފުންނަށް "ޝެފްސް ޓޭބްލް"ގެ ނަމުގައި ހާއްސަ އިވެންޓެއް ބާއްވައިފި އެވެ.

މިދިޔަ މަހު ބޭއްވި މި އިވެންޓަކީ ރާއްޖޭގައި ކުރިއަރަމުން އަންނަ ޝެފުންނަށް އެ ޝެފުންގެ އިލްމާއި، ހުނަރާއި ތަޖުރިބާތައް އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ހިއްސާކުރެވޭނެ ޕްލެޓްފޯމެއް ގާއިމްކޮށް ރާއްޖޭގެ ކަލިނަރީ ދާއިރާ ފުޅާކުރުން ކަމަށް ޔުނިލިވާ ސޮލިއުޝަނުން ބުންޏެވެ.

މި އިވެންޓުގައި ޔުނިލިވާ ފުޑް ސޮލިއުޝަންސްގެ އަރަބިއާ އެންޑް އިންޑިއަން އޯޝަން އައިލެންޑްސްގެ މާކެޓިން މެނޭޖަރު ހާދިއާ ޝަހުދާދު ވިދާޅުވީ މި އިވެންޓަކީ ރާއްޖޭގައި މަސައްކަތް ކުރާ ޝެފުން އެއްބައިވަންތަ ކުރުމަށް އަމާޒުކޮށްގެން ބޭއްވި އިވެންޓެއް ކަމަށެވެ.

"މިއީ ދަތުރުގެ ފެށުން. އަޅުގަނޑުމެންގެ ޑިޖިޓަލް ޕްލެޓްފޯމްތަކުގައި އޮފްލައިން އަދި އޮންލައިންކޮށް އިތުރު އިވެންޓްތަކެއް ބޭއްވޭނެ ކަމަށް އުއްމީދު ކުރަން. ޝެފްސް ޓޭބަލް އަކީ ރާއްޖޭގެ ޝެފް ކޮމިއުނިޓީ އެއްބައިވަންތަ ކުރުމަށް އަޅުގަނޑުމެން ނެގި އިނިޝިއޭޓިވްއެއް،" ހާދިއާ ވިދާޅުވިއެވެ.

ރާއްޖޭގައި މަސައްކަތްކުރާ ފުންނާބު އުސް ގިނަ ޝެފުންތަކެއް ބައިވެރިވި މި އިވެންޓުގައި 2023ވަނަ އަހަރަށް 'ޝެފްސް ޓޭބަލް' ގެ ކޮމިޓީ މެންބަރުންގެ ގޮތުގައި ކަނޑައަޅާފައިވާ ހަތަރު ޝެފުންނާ އެކު ޕެނަލް ޑިސްކަޝަނެއް ވެސް ކުރިއަށް ގެންދިޔަ އެވެ. މި ޕެނަލް ޑިސްކަޝަންގައި، އެ ފަރާތްތަކަށް މަސައްކަތުގެ މައިދާނުގައި ދިމާވާ ބައެއް ގޮންޖެހުންތަކާއި، މުވައްޒަފުން ތަމްރީނު ކުރުމަށް ބޭނުން ކުރާނެ އުކުޅުތަކުގެ އިތުރުން ބަދަލުވަމުން އަންނަ 'ފުޑް ޓްރެންޑް' ތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރި އެވެ.

މި އިވެންޓުގައި ޔުނިލިވާ ފުޑް ސޮލިއުޝަންސް އިން ވަނީ އެކި ޑިޝްތައް ތައްޔާރު ކުރާއިރު ޝެފުން ބޭނުން ކުރާ ޓްރެންޑުތައް ހިމަނާ 'ފިއުޗާސް މެނޫސް ޓްރެންޑްސް ރިޕޯޓް 2023' ހުށަހަޅައިފަ އެވެ. މި ރިޕޯޓުގައި އެންމެ ޒަމާނީ ރެސިޕީތަކާއި، އާ އުކުޅު ތަކާއި އުފެއްދުންތައް ހިމަނާފައިވެ އެވެ.

މި ރިޕޯޓުގައި ހިމެނޭ ޓްރެންޑުތަކުގެ ތެރޭގައި ކާބޯތަކެތި އިސްރާފުކުރުން މަދުކުރުމާއި، ތަފާތު ރަހަތައް އުފެއްދުމާއި، އެތަކެތި އެހެން މީހުންނަށް ހިއްސާ ކުރުމާ ގުޅޭ ގޮތުން ވަނީ މައުލޫމާތު ދީފަ އެވެ. އަދި މި ޓްރެންޑްތައް އަމަލީ ގޮތުން ތަޖުރިބާ ކުރުމުގެ ފުރުސަތު ބައިވެރިންނަށް ވަނީ ދީފަ އެވެ.

މި އިވެންޓުގައި ޔުނިލިވާ ފުޑް ސޮލިއުޝަންސް ފޯ އަރަބިއާ އެންޑް އިންޑިއަން އޯޝަން އައިލެންޑްސް އެގްޒެކެޓިވް ޝެފް ޖޯއަން ލިމޮއަންކޯ ޖެންޑްރާނޯ ވަނީ ކުނި އަދި އިސްރާފު މަދުކުރުމުގެ ގޮންޖެހުމާ ބެހޭ ގޮތުން ވާހަކަ ދައްކައިފަ އެވެ. އަދި ކުނި މަދުކޮށް އިސްރާފް މަދުކުރުމަށް އިސްކަން ދީގެން މަސައްކަތް ކުރާނެ ގޮތްތައް ހޯދުމަށް ޝެފުން ދިރާސާކޮށް، އެ މީހުންގެ ޓީމުތަކަށް ތަމްރީން ދިނުމުގެ މުހިންމުކަން އޭނާ ފާހަގަކުރި އެވެ.

ޔުނިލިވާ ފުޑް ސޮލިއުޝަންސް އިން "ޝެފްސް ޓޭބަލް" ކޮންމެ އަހަރަކު ވެސް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ. އަދި ކަލިނަރީ އިނޮވޭޝަންގެ ހަރަކާތްތައް ކުރިއަށް ގެންދިއުމާއި، ރާއްޖޭގައި ކަލިނަރީ ވިސްނުމާއި ޓެކްނިކްސް އަދި ޓްރެންޑްތައް ޝެފުންނަށް ފޯރުކޮށްދިނުމަށް އެ ކުންފުނިން މަސައްކަތް ކުރަމުންދާކަން އެ ކުންފުނިން ފާހަގަކުރެ އެވެ.