Roadha Mihaaru
ރިޔާސަތު ހަވާލުނުކުރުމުން އީވާ ކޯފާވެއްޖެ

އީވާ ތަޅުމުގައި އިންނަވަނިކޮށް ރިޔާސަތު ހަވާލުނުކުރުމުން ހޫނުވެ، ޖަލްސާ މެދުކަނޑާލައިފި

15 ނޮވެމްބަރ 2023

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ވަގުތީ ގޮތުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާ ހަވާލުކުރުމުން، އެކަމާ ކޯފާ އިސްކުރައްވައި، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަޑުގަދަކުރައްވަން ފެއްޓެވުމުން، އޭނާގެ ނަން އިއްވުމުން ވެސް ތަޅުން ދޫނުކުރެއްވުމުން މަޖިލީހުގެ ޖަލްސާ މެދުކަނޑާލައިފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ވަގުތީ ގޮތުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާ ހަވާލުކުރުމުން، އެކަމާ ކޯފާ އިސްކުރައްވައި، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަޑުގަދަކުރައްވަން ފެއްޓެވުމުން، އޭނާގެ ނަން އިއްވުމުން ވެސް ތަޅުން ދޫނުކުރެއްވުމުން މަޖިލީހުގެ ޖަލްސާ މެދުކަނޑާލައިފި އެވެ.

ހެނދުނުގެ ސައިގެ ވަގުތަށް ފަހު، މަޖިލީހުގެ ޖަލްސާ އަލުން ފަށައި، ސަޕްލިމަންޓްރީ ބަޖެޓުގެ ބަހުސް ކުރިއަށް ގެންދަވަން ފައްޓަވައި، މަޖިލީހުގެ އާ ރައީސް މުހައްމަދު އަސްލަމް ވަނީ ރިޔާސަތު ޝަރީފާ ހަވާލުކުރައްވައިފަ އެވެ.

އެ ވަގުތު ބަހުސްގައި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް ވާހަކަ ދައްކަވަމުން ގެންދެވި އިރު، އީވާ ގެންދެވީ ނިޒާމީ ނުކުތާއަކަށް އެދިވަޑައިގަންނަވަމުންނެވެ.

އެކަމަކު ރިޔާސަތުން ޝަރީފް އެ ފުރުސަތު ނުދެއްވުމުން، އީވާ ވަނީ ޝަހީމްގެ މައިކު ކައިރިއަށް ވަޑައިގެން، މަޖިލީހުގެ ނައިބު ރައީސް ތަޅުމުގައި އިންނަވަނިކޮށް، އެހެން ބޭފުޅަކަށް ރިޔާސަތު ހަވާލުކުރެއްވީ ކިހިނެއްތޯ ސުވާލު ކުރައްވައިފަ އެވެ.

"އަޅުގަނޑު ހާޒިރުވެ ހުއްޓައި ރިޔާސަތަށް އެހެން މީހަކު އެރުވޭނެ އެއްވެސް ގޮތެއް ނޯންނާނެ،" އަޑުއަރުހުކޮށް އީވާ ގޮވާލައްވަމުން ގެންދެވި އެވެ.

މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތަވަން އީވާއަށް ނަސޭހަތްތެރިވުމަށްފަހު، އީވާ ދޫނުދެއްވުމުން، ޝަރީފް ވަނީ އީވާގެ ނަން އިއްވައިފަ އެވެ.

އެކަމަކު އޭގެފަހުން ވެސް އީވާ އަޑުގަދަކުރައްވައި، ޝަހީމަށް ހުރަސްއަޅުއްވަމުން ގެންދެވުމުން، ރިޔާސަތުން ޝަރީފް ވަނީ ނިޒާމު ގެއްލިފައިވާ ކަމަށް ވިދާޅުވެ، ޖަލްސާ މެދުކަނޑާލައްވައިފަ އެވެ.

އީވާ އިންނަވަނިކޮށް އެހެން ބޭފުޅަކާ ރިޔާސަތު ހަވާލުކުރައްވާފައި މިވަނީ، އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވައްދާފައިވަނިކޮށެވެ.

މީގެކުރިން ވެސް އެމްޑީޕީން އިތުބާރުނެތް ކަމުގެ މައްސަލައެއް ވެއްދުމުން، އީވާ ވަނީ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ރިޔާސަތު ބަލަހައްޓަވަން ދެކޮޅު ހައްދަވައިފަ އެވެ.

މަޖިލީހުގެ އާ ރައީސް ކަމަށް އަސްލަމް އިންތިހާބުވުމުން، އީވާ މަރުހަބާ ދަންނަވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ

މަޖިލީހުގެ އާ ރައީސް ކަމަށް އަސްލަމް އިންތިހާބުވުމުން، އީވާ މަރުހަބާ ދަންނަވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ

އީވާ އެ ގޮތަށް ނިންމެވުމުން، އޭރު މަޖިލީހުގެ ރައީސްކަމުން މުހައްމަދު ނަޝީދު ވަކިކުރުމުގެ ގަރާރު ކުރިއަށް ނުގެންދެވުނެވެ. އެ ދެ ގަރާރު ވެސް އެމްޑީޕީން އަނބުރާ ނެގީ ނިމުނު ރިޔާސީ އިންތިހާބާ ދިމާކޮށެވެ.

އޭގެފަހުން، ނަޝީދު ވަކި ކުރަން ދެވަނަ ގަރާރެއް ހުށަހެޅުމުން، ފަސް ފަހަރެއްގެ މަތިން އެޖެންޑާކޮށްގެން ވެސް އެ މައްސަލަ ކުރިއަށް ނުގެންދެވުނީ އާލާސްކަންފުޅާ އުޅުއްވާ ކަމަށް ވިދާޅުވެ، އީވާ ސަލާން ފޮނުއްވުމުންނެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ގަރާރެއްގެ ރިޔާސަތުގައި ހަމައެކަނި މަޖިލީހުގެ ނައިބު ރައީސަށް އިންނެވޭ ގޮތަށް މަޖިލީހުގެ އިދާރާއިން މަޖިލީހުގެ ގަވާއިދު މާނަކޮށްފައިވާ ގޮތް ގޯސްކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ އެ މައްސަލަ އެމްޑީޕީން ހުށަހެޅުމުންނެވެ.

އޭގެފަހުން ވެސް، ނަޝީދުގެ މައްސަލަ އެޖެންޑާކުރުމުން، އެމްޑީޕީން ހުށަހެޅި ގަރާރު ގޯސްކަމަށް ބުނެ ޑިމޮކްރެޓުން އެ މައްސަލަ ކުރިއަށް ގެންދަން ހުރަސްއެޅި އެވެ.

ނަޝީދާ އާއިލީ ގުޅުން އޮންނާތީ އީވާގެ މަސްލަހަތު ފުށުއަރާ ކަމަށް ބަންޑާރަ ނައިބު ލަފާ ދެއްވުމުން، އީވާ ނޫން އެހެން ބޭފުޅަކަށް އެ ގަރާރު ރިޔާސަތު ހަވާލުކުރަން މަޖިލީހުގެ އިދާރާއިން އުޅުމުން، ނަޝީދު އެންމެ ފަހުން ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.