13 ޖޫން 2023
ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދެވި، މަޖިލީހުގައި މިހާރު އެޅިފައިވާ މަރުތަޅު ނެއްޓޭ ގޮތަށް، މަޖިލީހުގެ ގަވާއިދަށް ބޮޑެތި އިސްލާހުތަކެއް، މަޖިލިސް ކޮންޓްރޯލް ކުރާ އެމްޑީޕީން މިއަދު ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދެވި، މަޖިލީހުގައި މިހާރު އެޅިފައިވާ މަރުތަޅު ނެއްޓޭ ގޮތަށް، މަޖިލީހުގެ ގަވާއިދަށް ބޮޑެތި އިސްލާހުތަކެއް، މަޖިލިސް ކޮންޓްރޯލް ކުރާ އެމްޑީޕީން މިއަދު ހުށަހަޅައިފި އެވެ.
މަޖިލީހުގެ މަސައްކަތްތައް ހުއްޓުމަކަށް އައީ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ގެ އިތުބާރުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ވެއްދުމުންނެވެ.
އީވާގެ މައްސަލައިގެ 14 ދުވަހުގެ ނޯޓިސް މިދިޔަ އާދީއްތަ ދުވަހަށް ހަމަވި ނަމަވެސް، އެ މައްސަލަ އެޖެންޑާ ނުކުރެވުނީ މަޖިލީހުގެ އާންމު ކޮމިޓީ އާ އެކު މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާނުލެވި އޮތުމުންނެވެ. އެއީ އެ މައްސަލައިގެ ބަހުސް ކުރުމާއި ދިފާއުވުމުގެ ވަގުތު އާންމު ކޮމިޓީން ކަނޑައަޅަން ޖެހޭތީ އެވެ. އެއިގެ ފަހުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ހުށަހެޅުމުން، ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ނަޝީދު ވަނީ އަންގަވައިފަ އެވެ.
އެ އާއެކު، އީވާގެ މައްސަލަ މިއަދުގެ ޖަލްސާ އަށް އެޖެންޑާ ކުރި ނަމަވެސް، އެ މައްސަލަ ކުރިއަށް ނުގެންދެވުނީ ރިޔާސަތުގައި ނަޝީދު ނެތުމުންނެވެ. ސަބަބަކީ، މަޖިލީހުގެ ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލަ އެއްގެ ރިޔާސަތުގައި ބަލަހައްޓަވާނީ މަޖިލީހުގެ ރައީސް ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާތީ އެވެ.
އެ ހުރިހާ ހުރަސްތަކަށް ހައްލު އަންނަ ގޮތަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު ވަނީ މަޖިލީހުގެ ގަވާއިދަށް ބޮޑެތި އިސްލާހުތަކެއް ހުށަހަޅުއްވައިފަ އެވެ.
އެގޮތުން، މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް މަގާމުން ވަކިކުރާ މައްސަލަ ހުށަހަޅާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން އޭގެ ތެރެއިން އެއްވެސް ބޭފުޅަކު އުޒުރުވެރިވެއްޖެ ހާލަތެއްގައި، ރިޔާސަތު ބަލަހައްޓަވާނެ މެމްބަރަކު މަޖިލީހުގެ އަމީންއާންމު ކަނޑައަޅުއްވާ ގޮތަށް ގަވާއިދު އިސްލާހުކުރަން އަސްލަމް ވަނީ ހުށަހަޅުއްވައިފަ އެވެ.
މީގެ އިތުރުން، މަޖިލީހުގެ ރައީސާއި ނައިބު ރައީސް ވަކިކުރަން ހުށަހަޅާ މައްސަލައެއްގެ ބަހުސްގެ ވަގުތާއި ދިފާއުވުމުގެ ވަގުތު ވެސް އާންމު ކޮމިޓީން ކަނޑައަޅަންނުޖެހޭ ގޮތް ވެސް އެ އިސްލާހުތަކުގެ ތެރޭގައި ހިމެނެ އެވެ. މިގޮތުން، އެފަދަ މައްސަލައެއްގެ ބަހުސްގައި މެމްބަރުން ވާހަކަ ދައްކަވާ ދިގުމިން އަމީންއާންމު ކަނޑައަޅުއްވާ ގޮތަށް ހުށަހަޅުއްވާފައިވާއިރު، ދިފާއުގައި ވާހަކަ ދައްކަވަން މަޖިލީހުގެ ރައީސަށް ލިބިވަޑައިގަންނަވާނީ 30 މިނެޓު ކަމަށް ވަނީ ހިމަނައިފަ އެވެ.
"އަދި އެ 30 މިނެޓު ބޭނުންކުރާނެ ގޮތް އިހުތިޔާރު ކުރުމުގެ ހައްގު އޭނާއަށް ލިބިގެން ވެ އެވެ،" އެ މާއްދާ އަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވެ އެވެ.
އަސްލަމް ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތުގައި ނީންނެވޭ ހާލަތެއްގައި ރިޔާސަތު ބަލަހައްޓަވާ މެމްބަރުންގެ ތަރުތީބު މިހާރު ކަނޑައަޅާފައިވާ ގޮތާ މެދު އެމްޑީޕީން ކުރާ ޝަކުވާއަށް ހައްލު ގެނައުން ވެސް ހިމެނެ އެވެ. ނަޝީދާއި އީވާގެ ފަހަށް މަޖިލީހުގެ ރިޔާސަތު މިހާރު ބަލަހައްޓަވަނީ ނަޝީދަށް ތާއީދުކުރައްވައިގެން އެމްޑީޕީން ވަކިވެވަޑައިގެންފައިވާ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފެވެ.
މަޖިލީހުގެ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ، މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވާ ހާލަތެއްގައި، މަޖިލީހުގައި މެދު ނުކެނޑި އެންމެ ގިނަ ދުވަސްވީ މެމްބަރުންގެ ތެރެއިން ޖުމްލަ ފަސް މެމްބަރުން ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ރައީސް ކަނޑައަޅަންޖެހޭނެ ކަމަށެވެ.
އަދި އެ ފަސް މެމްބަރުންގެ ނަންތައް، ރިޔާސަތާ ހަވާލުވެވޭނެ ތަރުތީބާ އެކު މަޖިލީހުގެ ރައީސް އިއުލާނުކުރަންޖެހުން ވެސް އެ މާއްދާއަށް ގެންނަ އިސްލާހުގައި ބުނެފައި ވެ އެވެ.
"އަދި ދައުރު ތެރޭގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ ފަސް މެމްބަރުންނަށް އަންނަ ކޮންމެ ބަދަލެއް މަޖިލީހުގެ ރައީސް މަޖިލީހުގެ ޖަލްސާއެއްގައި އިއުލާނުކުރަންވާނެ އެވެ،" އެ މާއްދާގައި އިތުރަށް ބުނެ އެވެ.
މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން، މަޖިލީހުގެ ގަވާއިދަށް އެއްވެސް އިސްލާހެއް ގެނެވޭނީ މަޖިލީހުން ފާސްކޮށްގެންނެވެ.
ނަޝީދާއި އީވާގެ މައްސަލަ އަނބުރާ ގެންނަން ނިންމައިފި
"ނަޝީދު ވިދާޅުވިޔަސް ޖަލްސާ ބާއްވަން ހުރަހެއް ނެތް"
އަމީން އާއްމުގެ ގަދަރު ކުޑަކުރާތީ ނަޝީދު ކަންބޮޑުވެއްޖެ
މަޖިލިސް ހުއްޓުވީ ސަރުކާރުން ގަސްތުގައި: އީވާ
އާންމު ކޮމިޓީގެ ބައްދަލުވުމަކަށް އެމްޑީޕީން ގޮވާލައިފި
އޭޖީގެ ލަފާ: ނަޝީދު ވަކިކުރާ ގަރާރު ބޭރުކުރީ ގޯސްކޮށް
ނައިބު ރައީސްކަމުން އީވާ ވަކިކުރަން ސޮއި ހަމަކޮށްފި
ޖަލްސާ ބާއްވައިދޭން މަޖިލީހުގެ އިދާރާއިން އޮތީ އެދިފައި
އީވާ އަދިވެސް އާލާސްކަންފުޅާ، ޖަލްސާ ނުބޭއްވުނު
ނަޝީދުގެ ގަރާރު އާދީއްތައަށް ވެސް އެޖެންޑާކޮށްފި