Roadha Mihaaru
އަސްލަމާއި ސަލީމްގެ މައްސަލައިގެ ނޯޓިސް ފޮނުވައިފި

އަސްލަމާއި ސަލީމްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ނޯޓިސް ފޮނުވައިފި

04 ފެބުރުއަރީ 2024

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތް ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕީޕީއެމް/ޕީއެންސީން ހުށަހަޅާފައިވާ މައްސަލައިގެ ނޯޓިސް އެ ދެ ބޭފުޅުންނަށް މިއަދު ފޮނުވައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތް ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕީޕީއެމް/ޕީއެންސީން ހުށަހަޅާފައިވާ މައްސަލައިގެ ނޯޓިސް އެ ދެ ބޭފުޅުންނަށް މިއަދު ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމުން 14 ދުވަސް ތެރޭގައި ނޯޓިސް ފޮނުވަން ޖެހޭނެ އެވެ. މަޖިލިހުގެ ރައީސާއި ނައިބު ރައީސަށް ނޯޓިސް ފޮނުވާފައިވާކަން މަޖިލީހުގެ އިދާރާ އިން ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.

އަސްލަމާއި ސަލީމްގެ އިތުބާރު ނެތް ކަމުގެ ގަރާރުގައި 23 މެންބަރަކު ސޮއިކުރައްވާފައިވެ އެވެ.

މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް މަގާމުން ވަކި ކުރެވޭނީ ޖަލްސާއަށް ހާޒިރުވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ. މިވަގުތު އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް އެކުވުމުން ޖުމްލަ 57 މެންބަރުން ތިބެ އެވެ. ސަރުކާރަށް ތާއިދުކުރާ ތިބީ 23 މެންބަރުންނެވެ.

އަސްލަމާއި ސަލީމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީ އިން ހުށަހެޅީ ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ނިންމުމާ އެކު، މަޖިލީހުގައި ހަމަނުޖެހުން ހިންގާފައިވަނިކޮށެވެ.

އިތުބާރު ނެތް ކަމުގެ ގަރާރުގައި ބުނެފައިވަނީ މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލާގައި އަސްލަމާއި ސަލީމް އަމަލު ކުރައްވާފައިވަނީ ވަކި ޕާޓީއެއްގެ މަސްލަހަތު ކުރިއެރުވުމަށް ކަމަށާއި ގާނޫނުއަސާސީ އާއި ދުސްތޫރުން މަތިކޮށްފައިވާ ޒިންމާތަކާ އެ ދެބޭފުޅުން ހިލާފުވެފައިވާ ކަމަށެވެ.

މަޖިލިހުގެ ރައީސް އަސްލަމާއި ނައިބު ރައީސް ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް މަޖިލިހުގެ އިދާރާ އިން މިއަދު ފޮނުވިއިރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އަށް މާދަމާ އިއްވަވާނެ އެވެ.