Roadha Mihaaru
އަސްލަމްގެ ނިންމެވުމަށް ޝުޖާއުގެ ހޫނު ރައްދެއް!

ޝުޖާއުގެ ރައްދު އަސްލަމަށް: އެ ދުވަހު ވިދާޅުވީ ޔާމީން އޮންނަން ޖެހޭނީ ޖަލުގައި ކަމަށް!

13 އެޕްރީލް 2024

މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފުގެ މައްސަލަ ކުރިއަށް ނުގެންގޮސް ލަސްވާ ކަމަށް ބުނެ، އެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވުމުން، ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިސް މެމްބަރު އިބްރާހިމް ޝުޖާއު މިއަދު ރައްދު ދެއްވައިފި އެވެ.

މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފުގެ މައްސަލަ ކުރިއަށް ނުގެންގޮސް ލަސްވާ ކަމަށް ބުނެ، އެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވުމުން، ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިސް މެމްބަރު އިބްރާހިމް ޝުޖާއު މިއަދު ރައްދު ދެއްވައިފި އެވެ.

މި މަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ކެމްޕެއިނަށް އައްޑޫގައި ރޭ ބޭއްވި ޖަލްސާގައި އަސްލަމް ވިދާޅުވީ، ޔާމީންގެ އިސްތިއުނާފުގެ އަޑުއެހުމެއް ނުބޭއްވި މިހާ ދިގުލައިގެން ދިއުމުން މި ސަރުކާރުން އެ މައްސަލައިގެ ތެރެއަށް އަތްބާނައި، ނުފޫޒު ފޯރުވަމުންދާ ކަން ހާމަވާ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެންބަރެއްގެ ގޮތުގަ އަޅުގަނޑު އިންނާތީ، މާދަމާ އެ [ޔާމީންގެ] މައްސަލަ އަޅުގަނޑު ލާނަމޭ [ޖޭއެސްސީއަށް]، އެ މައްސަލަ ބަލުވާނަމޭ،" އެމްޑީޕީގެ ލީޑަޝިޕްގައި އިސް ދައުރެއް އަދާކުރައްވާ އަސްލަމް ވިދާޅުވި އެވެ.

ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރުކަން ވެސް ކުރައްވާ އަސްލަމަށް ރައްދު ދެއްވަމުން ޝުޖާއު އެކްސްގައި ވިދާޅުވީ، ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމްގެ މައްސަލާގައި ޕީޕީއެމް/ޕީއެންސީން ކުރިން އަސްލަމާ ވާހަކަ ދެއްކި ކަމަށެވެ.

އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު ހުރިހާ ބާރެއް އޮވެމެ، އަސްލަމް އޭރު ދެއްވި ޖަވާބު މިހާރު ވެސް ކަންފަތުގައި ހަރުލާފައިވާ ކަމަށް ބާރަށު ދާއިރާގެ ކުރީގެ މެމްބަރު ޝުޖާއު ވިދާޅުވި އެވެ.

"އެ ދުވަހު [އަސްލަމް] ވިދާޅުވީ ރައީސް ޔާމީން އޮންނަން ޖެހޭނީ ޖަލުގައި ކަމަށް. ގެ އަށް ބަދަލު ކުރެވޭނީ އިބޫ އަށް 2 ވަނަ ދައުރެއް ލިބުނީމާ ކަމަށް. ނަމަވެސް މިނިވަނެއް ނުކުރެވޭނެ ކަމަށް. މިއަދު ވެސް ތިބޭފުޅުންގެ އަތުގަ ބާރު އޮތީ،" އަސްލަމްގެ އޭރުގެ ޖަވާބާ ގުޅޭ ގޮތުން ޝުޖާއު ވިދާޅުވި އެވެ.

ޔާމީންގެ އިސްތިއުނާފުގެ ޝަރީއަތުގެ ކަންކަން ލަސްވާ މައްސަލަ ޖޭއެސްސީގެ ސަމާލުކަމަށް ގެންނަވަން އަސްލަމް ކުއްލި ގޮތަކަށް ނިންމެވީ މި ފަހަރުގެ މަޖިލިސް އިންތިހާބަށް ޔާމީންގެ ތާއީދު ހޯދުމުގެ ބޭނުމުގައި ކަމަށް ބުނެ ސަރުކާރުގެ ފަޅީގެ ބޭފުޅުން އަންނަނީ ވިދާޅުވަމުންނެވެ.

މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަލިވުމާ އެކު، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އެދިވަޑައިގަތުމަކަށް ޔާމީން ވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ. އެ މަނިކުފާނު ގޭ ބަންދުގައި ހުންނަވާތާ އަށެއްކަ މަސް ވެއްޖެ އެވެ. އެކަމަކު، އިސްތިއުނާފު މައްސަލަ ދިގުލައިގެން ދާތީ އެ ކަންބޮޑުވުން ވަރަށް ބޮޑެވެ.

މި ސަރުކާރުން ބުނެފައި ވަނީ ޝަރުއީ ނިޒާމުގެ ތެރެއަށް އަތް ނުބާނާނެ ކަމަށާއި އިސްތިއުނާފުގެ މައްސަލަ ކުރިއަށް ގެންދިއުން ކޯޓު މަރުހަލާގެ ކަމެއް ކަމަށެވެ.