Roadha Mihaaru
ރުހުން ދިނުމުގެ މައްސަލަ ތާވަލު ނުކޮށް ފަސްކުރަނީ

އީވާގެ ގަރާރަށް ގޮތެއް ނިންމެންދެން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ތާވަލުނުކޮށް ފަސްކުރަނީ!

13 ފެބުރުއަރީ 2024

ރައްޔިތުންގެ މަޖިލީހުން ރުހުން ނުލިބުނު ތިން ވަޒީރުން އަލުން އައްޔަން ކުރި މައްސަލާގައި ހުށަހަޅާފައިވާ ގަރާރާ މެދު ގޮތެއް ނިންމަން ދެން ރުހުން ދިނުމުގެ މައްސަލަ ތާވަލު ނުކޮށް ފަސްކުރަން މަޖިލީހުން މިއަދު ނިންމައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައްޔިތުންގެ މަޖިލީހުން ރުހުން ނުލިބުނު ތިން ވަޒީރުން އަލުން އައްޔަން ކުރި މައްސަލާގައި ހުށަހަޅާފައިވާ ގަރާރާ މެދު ގޮތެއް ނިންމަން ދެން ރުހުން ދިނުމުގެ މައްސަލަ ތާވަލު ނުކޮށް ފަސްކުރަން މަޖިލީހުން މިއަދު ނިންމައިފި އެވެ.

މިދިޔަ މަހު 29 ގައި މަޖިލީހުން ވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އެޓާނީ ޖެނަރަލް އަހުމަދު އުޝާމް އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ރުހުން ނުދޭން ފާސްކޮށްފަ އެވެ. ނަމަވެސް އޭގެ ދެ ތިން ގަޑިއިރު ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބޭފުޅުން އަލުން އެ މަގާމުތަކަށް އައްޔަން ކުރައްވައިފަ އެވެ.

އެހެންވެ، އެ މައްސަލާގައި ގަލޮޅު އުތުރު ދާއިރާގެ ޑިމޮކްރެޓްސްގެ މެމްބަރު އީވާ އަބްދުﷲ ވަނީ ރުހުން ނެތް ވަޒީރުންނަށް މަގާމުގައި ނުތިއްބެވޭނެ ކަމަށާއި ސަރުކާރުން މަޖިލީހުގެ ބާރުތަކަށް އަރައިގަނެފައިވާ ކަމަށް ބުނެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން، ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، ދެ ވަނަ ފަހަރަށް އެ ތިން ވަޒީރުން އައްޔަންކުރި މައްސަލައާ މެދު މަޖިލީހުން އަމަލު ކުރަން ފެންނަ ގޮތެއް އީވާގެ ގަރާރު ފާސްކުރުމުން އެނގޭނެ ކަމަށެވެ.

"ގަރާރު މަސައްކަތް ނިމި މަޖިލީހުން ވަކި ގޮތެއް ކަނޑައަޅަން ދެން ތިން ވަޒީރުން އަލުން އައްޔަން ކުރައްވައި ފޮނުއްވާފައިވާ މައްސަލަ ތާވަލު ކުރުން ފަސްކުރަން،" މިއަދުގެ ޖަލްސާގައި އަސްލަމް އިއުލާން ކުރެއްވި އެވެ.

އަސްލަމް ވަނީ އެފަދަ މައްސަލަތަކުގައި މީގެ ކުރިން މަޖިލީހުން އަމަލު ކޮށްފައިވާ ގޮތް ވެސް ވިދާޅުވެފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު އެޓާނީ ޖެނަރަލްގެ މަގާމަށް އަހުމަދު އަލީ ސަވާދު އައްޔަން ކުރައްވަން މަޖިލީހަށް ފޮނުވުމުން އޭނާ އަށް ރުހުން ނުދޭން އޭރުގެ މަޖިލީހުން ނިންމި އެވެ. ނަމަވެސް އޭނާ އަލުން އެ މަގާމަށް އައްޔަން ކުރެއްވުމަށް ފަހު، ރުހުން ހޯދަން އަނެއްކާވެސް މަޖިލީހަށް ނަން ފޮނުވުމުން މަޖިލީހުން ދެ ވަނަ ފަހަރަށް ވެސް ފާސްކުރީ ރުހުން ނުދިނުމަށެވެ.

އެހެންވެ، ނަޝީދު ވަނީ އެ މަގާމަށް އޭރު އެހެން ބޭފުޅަކު އައްޔަން ކުރައްވައިފަ އެވެ.