Roadha Mihaaru
3 ވަޒީރުން އަލުން އައްޔަނުކުރި މައްސަލަ މަޖިލީހަށް!

މަޖިލީހުން ރުހުން ނުދިން ވަޒީރުން އަލުން އައްޔަންކުރި މައްސަލަ މަޖިލީހަށް

31 ޖެނުއަރީ 2024

ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭން ފާސްކުރި ތިން ވަޒީރަކު އަލުން މަގާމަށް އައްޔަންކުރެއްވުމަކީ ގާނޫނުއަސާސީއާ ޚިލާފަށް ކުރެއްވި ކަމެއް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭން ފާސްކުރި ތިން ވަޒީރަކު އަލުން މަގާމަށް އައްޔަންކުރެއްވުމަކީ ގާނޫނުއަސާސީއާ ޚިލާފަށް ކުރެއްވި ކަމެއް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ.

ގަރާރުގައި ބުނެފައިވާ ގޮތުގައި، ރުހުން ނުދިން ތިން ވަޒީރުން އަލުން އައްޔަން ކުރެއްވުމަކީ މަޖިލީހަށް ދީފައިވާ ބާރު ކަނޑުވާލައި، ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމަށާއި ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީކުރުވުމުގެ ބާރު ނިގުޅައިގެންދާ ފަދަ އަމަލެެކެވެ.

ގަރާރުގައި އީވާ ވިދާޅުވި ގޮތުގައި، ވަޒީރުންނަށް ރުހުން ހޯދުމަކީ ގާނޫނު އަސާސީން ލާޒިމް ކުރާ ކަމަކަށް ވާއިރު ރުހުން ނެތް ވަޒީރުންނަށް މަގާމުގައި ނުތިބެވޭނެ ކަން ސާފުކޮށް އެނގެން އެބައޮތެވެ.

"ރައްޔިތުންގެ މަޖިލީހުން ރުހުން ނުލިބޭ ތިން ފަރާތެއް ވަޒީރުންގެ މަޖިލީހަށް އަލުން އައްޔަންކޮށް މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ފަށާފައިވާއިރު، އެ ނިންމެވުމަކީ ރައްޔިތުންގެ މަޖިލީހުގެ ގާނޫނީ ބާރުވެރިކަމަށް ކަނޑައެޅިގެން ގޮންޖައްސައްވައި ގާނޫނު އަސާސީއާ ހިލާފު ކަމެއް،" ގަރާރުގައި ބުނެފައިވެ އެވެ.

މިއީ ދިވެހި ސަރުކާރަށް އޮތް އިތުބާރު ގެއްލި އުނދަގޫ ހާލަތަކަށް ހިނގައިގެންދާނެތީ، ގާނޫނުއަސާސީއާ އެއްގޮތަށް އަމަލުކުރުމަށް ގަރާރުގައި ގޮވާލާފައިވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ކެބިނެޓަށް އައްޔަން ކުރެއްވި 22 ވަޒީރުންގެ ތެރެއިން މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ވިޕެއް ނެރުނީ ހަތަރު މިނިސްޓަރަކަށް ރުހުން ނުދިނުމަށެވެ. އޭގެ ތެރެއިން ތިން މިނިސްޓަރަކަށް ރުހުން ނުދޭން މަޖިލީހުން ފާސްކުރި އެވެ.

ނަމަވެސް ރައީސް ޑރ. މުއިއްޒު ވަނީ މާ ގިނައިރު ތަކެއް ނުވަނީސް އެ ތިން ބޭފުޅުން އަލުން އެ މަގާމުތަކަށް އައްޔަން ކުރައްވައިފަ އެވެ.

އެއީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އެޓާނީ ޖެނަރަލް އަހުމަދު އުޝާމް އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.

ނަމަވެސް އެއީ ގާނޫނުއަސާސީގެ ދަށުން ރައީސަށް ކުރެއްވިދާނެ ކަމެއް ކަމާ މެދު ގާނޫނީ ބޮޑު ބަހުސެއް ވަނީ އުފެދިފަ އެވެ. އެއީ އެ މަނިކުފާނަށް ކުރެވިދާނެ ކަމެއް ކަމަކަށް އިދިކޮޅު ޕާޓީ އެމްޑީޕީން ވެސް ގަބޫލެއް ނުކުރެ އެވެ.