Roadha Mihaaru
ރުހުން ދޭން ހާއްސަ ޖަލްސާއެއް ބޭއްވިދާނެ: އަސްލަމް

އަސްލަމް ވިދާޅުވީ ވަޒީރުންނަށް ރުހުން ދޭން ދައުރުން ބޭރުން ހާއްސަ ޖަލްސާއެއް ބޭއްވިދާނެ ކަމަށް

28 ޑިސެމްބަރ 2023

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓަށް ރުހުން ދިނުމުގެ މައްސަލަ ދައުރުން ބޭރުން ހާއްސަ ޖަލްސާއެއް ބާއްވައިގެން ނިންމުމުގެ ފުރުސަތު އޮތް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓަށް ރުހުން ދިނުމުގެ މައްސަލަ ދައުރުން ބޭރުން ހާއްސަ ޖަލްސާއެއް ބާއްވައިގެން ނިންމުމުގެ ފުރުސަތު އޮތް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް މިހާތަނަށް ތިން ފަހަރަށް އިތުރުކޮށްފައިވާ އިރު މިއަދަކީ މި ދައުރުގެ އެންމެ ފަހު ޖަލްސާ އެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މިއަދަށް ވެސް އެޖެންޑާކޮށްފައި ނުވާއިރު މިކަން ދިގު ދަންމަނީ ސަރުކާރަށް ދަތިކުރަން ކަމުގެ ތުހުމަތު މަޖިލީހުގެ އަޣުލަބިއްޔަތު އޮތް އެމްޑީޕީއަށް ކުރެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން، ވަޒީރުންނަށް ރުހުން ދިނުމުގެ މަސައްކަތް އަދިވެސް ނުނިމި އޮތް ކަމަށް މަޖިލީހުގެ ރައީސް އަސްލަމް ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން އެ މައްސަލައިގެ ރިޕޯޓު ނިންމުމަށް ފަހު ދައުރުން ބޭރުން ހާއްސަ ޖަލްސާއެއް ބޭއްވުމަށް އެދިވަޑައިގެންފި ނަމަ އެ މަސައްކަތް ނިންމާނެ ކަމަށެވެ.

ސަރުކާރުގެ 22 ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހަށް ފޮނުވީ 20 ނޮވެމްބަރު 2023 ގަ އެވެ.

އެ މައްސަލަ ކޮމިޓީން ފާސް ކުރި ނަމަވެސް ނިޒާމީ މައްސަލައަކާ ގުޅިގެން ރިޔާސަތުން ވަނީ އެ މައްސަލަ އަނބުރާ ކޮމިޓީ އަށް ފޮނުވައިފަ އެވެ.

އޭގެ ފަހުން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލާގައި ކޮމިޓީ ބައްދަލުވުން ބާއްވާފައެއް ނުވެ އެވެ.