Roadha Mihaaru
މަޖިލީހުން ބުނީ ފިލްޒާ ރަސްމީ ލަފައެއް ނުދެއްވާ ކަމަށް

ރުހުން ދިނުމުގެ މައްސަލާގައި ފިލްޒާ ރަސްމީ ލަފައެއް ނުދެއްވާ: މަޖިލިހުގެ އިދާރާ

31 ޖެނުއަރީ 2024

ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ތިން މިނިސްޓަރުންނަށް އަލުން ރުހުން ދިނުމާ ގުޅޭ ގޮތުން މަޖިލީހުގެ ކައުންސެލް ޖެނަރަލް ފާތިމަތު ފިލްޒާ ރަސްމީ ލަފައެއް ދެއްވާފައި ނުވާ ކަމަށް މަޖިލިހުގެ އިދާރާ އިން މިއަދު ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ތިން މިނިސްޓަރުންނަށް އަލުން ރުހުން ދިނުމާ ގުޅޭ ގޮތުން މަޖިލީހުގެ ކައުންސެލް ޖެނަރަލް ފާތިމަތު ފިލްޒާ ރަސްމީ ލަފައެއް ދެއްވާފައި ނުވާ ކަމަށް މަޖިލިހުގެ އިދާރާ އިން މިއަދު ބުނެފި އެވެ.

މަޖިލީހުން ރުހުން ނުދޭ ވަޒީރުން އަލުން މަގާމަށް އައްޔަނުކޮށް، އެ ބޭފުޅުންގެ ނަންތައް މަޖިލީހަށް އަލުން ނުފޮނުވޭނެ ކަމަށް ފިލްޒާ ލަފާ ދެއްވާފައިވާ ކަމަށް އެމްޑީޕީން އިއްޔެ ވަނީ ބުނެފަ އެވެ.

"ކައުންސެލް ޖެނެރަލް ވަރަށް ސާފުކޮށް ވިދާޅުވި ރުހުން ނުލިބުނު ވަޒީރުންގެ ނަންތައް ދެން އަލުން މަޖިލީހަށް ނުފޮނުވޭނެ ކަމަށް،" އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޕީޖީ ލީޑަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލު ކުރުމުން މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަ ހަސަން ޒިޔާއު ވިދާޅުވީ ރުހުން ދިނުމުގެ މައްސަލާގައި ފިލްޒާ ރަސްމީ ގޮތެއްގައި އެއްވެސް ލަފައެއް ނުދެއްވާ ކަމަށެވެ.

"އެ މައްސަލާގައި ކައުންސިލާ ޖެނަރަލް ރަސްމީ ލަފައެއް ނުދެއްވާ." ޒިޔާއު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ކެބިނެޓަށް އައްޔަން ކުރެއްވި 22 ވަޒީރުންގެ ތެރެއިން މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ވިޕެއް ނެރުނީ ހަތަރު މިނިސްޓަރަކަށް ރުހުން ނުދިނުމަށެވެ. އޭގެ ތެރެއިން ތިން މިނިސްޓަރަކަށް ރުހުން ނުދޭން މަޖިލީހުން ފާސްކުރި އެވެ.

ނަމަވެސް ރައީސް ޑރ. މުއިއްޒު ވަނީ މާ ގިނައިރު ތަކެއް ނުވަނީސް އެ ތިން ބޭފުޅުން އަލުން އެ މަގާމުތަކަށް އައްޔަން ކުރައްވައިފަ އެވެ.

އެއީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އެޓާނީ ޖެނަރަލް އަހުމަދު އުޝާމް އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.

ނަމަވެސް އެއީ ގާނޫނުއަސާސީގެ ދަށުން ރައީސަށް ކުރެއްވިދާނެ ކަމެއް ކަމާ މެދު ގާނޫނީ ބޮޑު ބަހުސެއް ވަނީ އުފެދިފަ އެވެ. އެއީ އެ މަނިކުފާނަށް ކުރެވިދާނެ ކަމެއް ކަމަކަށް އިދިކޮޅު ޕާޓީ އެމްޑީޕީން ވެސް ގަބޫލެއް ނުކުރެ އެވެ.