Roadha Mihaaru
މަރުގެ ހުކުމް ތަންފީޒު ކުރާނެ އިތުރު ތަނެއް ހަދަނީ

މަރުގެ ހުކުމް ތަންފީޒު ކުރާނެ އިތުރު ތަނެއް ހަދަން ވިސްނަނީ

08 ފެބުރުއަރީ 2017

ކ. މާފުށީގެ އިތުރުން، އެހެން ތަނެއްގައި ވެސް މަރުގެ ހުކުމް ތަންފީޒު ކުރާނެ ތަނެއް ހަދަން ވިސްނާފައިވާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ކ. މާފުށީގެ އިތުރުން، އެހެން ތަނެއްގައި ވެސް މަރުގެ ހުކުމް ތަންފީޒު ކުރާނެ ތަނެއް ހަދަން ވިސްނާފައިވާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

މަރުގެ ހުކުމް ތަންފީޒު ކުރާނެ ތަނެއް މާފުށީ ޖަލުގައި ހެދުމުގެ މަސައްކަތް މިދިޔަ އަހަރު ވަނީ ފަށައިފަ އެވެ. މިދިޔަ އަހަރުގެ ބަޖެޓުގައި އެ ކަމަށް ހަތަރު މިލިއަން ރުފިޔާ ވެސް ކަނޑައަޅާފައި އޮތެވެ.

މާފުށީ ޖަލު: މަރުގެ ހުކުމް ތަންފީޒު ކުރާނެ ޗެމްބަރެއް މި ޖަލުގައި ހެދުމުގެ މަސައްކަތް ދަނީ ކުރަމުން.-- ފައިލް ފޮޓޯ: ކެވިންޓިއޯ.ބްލޮގްސްޕޮޓް.ކޮމް

މާފުށީ ޖަލު: މަރުގެ ހުކުމް ތަންފީޒު ކުރާނެ ޗެމްބަރެއް މި ޖަލުގައި ހެދުމުގެ މަސައްކަތް ދަނީ ކުރަމުން.-- ފައިލް ފޮޓޯ: ކެވިންޓިއޯ.ބްލޮގްސްޕޮޓް.ކޮމް

ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މިއަދު "މިހާރު" އަށް ވިދާޅުވި ގޮތުގައި ތަފާތު ތަންތަނުގައި މަރުގެ ހުކުމް ތަންފީޒު ކުރަން ޖެހިދާނެ ކަމަށް ބެލެވެ އެވެ. އެހެންވެ، މާފުށީ ޖަލުގައި ހަދާ ޗެމްބަރުގެ އިތުރުން ވެސް އެހެން ތަނެއްގައި އެ ފަދަ ޗެމްބަރެއް ގާއިމުކުރުމަށް ސަރުކާރުން ވިސްނާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު، އެ ކަމާ ބެހޭ ތަފްސީލެއް މިނިސްޓަރު ނުދެއްވަ އެވެ.

މަރުގެ ހުކުމް ތަންފީޒު ކުރާނެ ޗެމްބަރެއް މާފުށީގައި ހަދަން މިދިޔަ އަހަރުގެ ބަޖެޓުގައި ހަތަރު މިލިއަން ރުފިޔާ ހިމަނައި އެ މަސައްކަތް ފަށާފައި އޮތަސް، މި އަހަރުގެ ބަޖެޓުގައި ލަފާކޮށްފައިވާ ގޮތުން މި މަޝްރޫއު އަށް ޖުމްލަ ހަރަދު ވާނީ ތިން މިލިއަން ރުފިޔާ އެވެ. އެހެންވެ، މި އަހަރުގެ ބަޖެޓުން އެއް މިލިއަން ރުފިޔާ އަދި އަންނަ އަހަރުގެ ބަޖެޓުން ބާކީ ދެ މިލިއަން ރުފިޔާ ހަމަޖައްސަން ވަނީ ނިންމައިފަ އެވެ.

"ތައްޔާރީތައް ނިމުނީމަ، އެ އޮންނަ އުސޫލެއްގެ ދަށުން މަރުގެ ހުކުމް ތަންފީޒު ކުރާނެ. އެކަމަކު، އެކަން އަވަހަށް ނުވަތަ ލަހުން ކުރާނެތޯ ނުދެންނެވޭނެ." -- ހޯމް މިނިސްޓަރު

އެކަމަކު، މިދިޔަ އަހަރާއި މި އަހަރު ވެސް ބަޖެޓުކޮށްފައި ވަނީ މަރުގެ ހުކުމް ތަންފީޒު ކުރާނެ ތަނެއް މާފުށީގައި ހަދާށެވެ.

ކުށްވެރިން މިހާރު ބައިތިއްބަނީ މާފުށީ ޖަލުގެ އިތުރުން، ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގަ އެވެ. އެކަމަކު، ކ. ކާށިދޫގައި 300 މީހުންގެ ޖާގައިގެ ޖަލެއް ބިނާކުރަން މި އަހަރުގެ ބަޖެޓުގައި 46 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މި އަހަރު އަލަށް ފަށާ މި މަޝްރޫއު އަށް އަންނަ އަހަރު ވެސް އިތުރު 11 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ރާއްޖޭގައި ވަރަށް އަވަހަށް މަރުގެ ހުކުމް ތަންފީޒު ކުރަން ފަށާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ، އެމްނެސްޓީ އިންޓަނޭޝަލް އިން މިދިޔަ ހަފުތާގެ ބުދަދުވަހު ވަނީ ބުނެފަ އެވެ. އެކަމަކު، އެއީ ކިހިނެތް ލިބުނު މައުލޫމާތެއް ކަމަށް އެ ޖަމިއްޔާ އިން ހާމަކޮށްފައެއް ނުވެ އެވެ.

އެ ކަމާ ގުޅޭ ގޮތުން ސަރުކާރުން މިއަދު ސީދާ ޖަވާބެއް ނުދިނެވެ. އެކަމަކު، މިނިސްޓަރު އަޒްލީން ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރުމަށް ވާން ޖެހޭ ތައްޔާރީތައް ވަރަށް ބާރަށް ފުރިހަމަ ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި، މަރުގެ ހުކުމާ ގުޅޭ ގާނޫނުތަކާއި ގަވާއިދުތަކުން ލާޒިމު ކުރާ އިޖުރާއީ ކަންކަމާއި ހުކުމް ތަންފީޒު ކުރާނެ ޗެމްބަރު ހެދުން ވެސް ހިމެނޭކަން އޭނާ ފާހަގަކުރެއްވި އެވެ.

"ތައްޔާރީތައް ނިމުނީމަ، އެ އޮންނަ އުސޫލެއްގެ ދަށުން މަރުގެ ހުކުމް ތަންފީޒު ކުރާނެ. އެކަމަކު، އެކަން އަވަހަށް ނުވަތަ ލަހުން ކުރާނެތޯ ނުދެންނެވޭނެ،" އަޒްލީން ވިދާޅުވި އެވެ.

މާފުށީ ޖަލުގައި މިދިޔަ މަހު ބޭއްވި ރަސްމިއްޔާތެއްގައި ހޯމް މިނިސްޓަރު އަޒްލީން ވާހަކަދައްކަވަނީ: މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ތައްޔާރީތައް ވަރަށް ބާރަށް ކުރިއަށް ދާ ކަމަށް އޭނާ މިއަދު ވިދާޅުވި.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

މާފުށީ ޖަލުގައި މިދިޔަ މަހު ބޭއްވި ރަސްމިއްޔާތެއްގައި ހޯމް މިނިސްޓަރު އަޒްލީން ވާހަކަދައްކަވަނީ: މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ތައްޔާރީތައް ވަރަށް ބާރަށް ކުރިއަށް ދާ ކަމަށް އޭނާ މިއަދު ވިދާޅުވި.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

މަރުގެ ހުކުމް ތަންފީޒު ކުރުމާ ބެހޭ ގަވާއިދަށް މިދިޔަ އަހަރު ވަނީ ބޮޑެތި އިސްލާހުތަކެއް ގެނެސްފަ އެވެ. އެ ގޮތުން، ލީތަލް އިންޖެކްޝަން ބޭނުންކޮށްގެން މަރުގެ ހުކުމް ތަންފީޒު ކުރަން ނިންމާފައި އޮތް ނިންމުން ބަދަލުކޮށް، ދަން ޖައްސައިގެން މަރަން ވަނީ ނިންމައިފަ އެވެ. އަދި މަރުގެ ހުކުމަށް ރައީސަށް ލުއި ދެވޭނެ ކަމަށް އޮތް މާއްދާ ހައި ކޯޓުން ވަނީ ބާތިލުކޮށް، ރައީސްގެ އަތްޕުޅުން އެ ބާރު ނަގައިފަ އެވެ.

މަރަން ހުކުމް ކޮށްފައިވާ ގާތްގަނޑަކަށް 18 ކުށްވެރިން ރާއްޖޭގައި އެބަ ތިބި ކަމަށް ކަރެކްޝަނަލް ސާވިސްގެ ތަފާސްހިސާބުތަކުން ދައްކާއިރު، ތިން މަރުހަލާގެ ކޯޓުން ތާއީދުކޮށް، ޝަރުއީ މަރުހަލާ މިހާތަނަށް ނިމިފައި ވަނީ ތިން މީހަކަށް އިއްވާފައިވާ ހުކުމެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަފްރާޝީމް އަލީގެ ގާތިލު ހުސެން ހުމާމް އަހުމަދާއި ގާނޫނީ ވަކީލު އަހުމަދު ނަޖީބު މަރާލި އަހުމަދު މުއްރަތާއި 2009 ގައި މަރާލި އަބްދުﷲ ފަރުހާދުގެ ގާތިލު މުހައްމަދު ނަބީލެވެ.

ގާތްގަނޑަކަށް 40 އަހަރަށް ފަހު ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރަން އުޅޭތީ ބޭރުގެ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް، އެކަން ނުކުރަން ސަރުކާރަށް ގޮވާލައިފަ އެވެ. އޭގެ ތެރޭގައި އދ. އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އެމްނެސްޓީގެ އިތުރުން، އެމެރިކާ އާއި އިނގިރޭސިވިލާތާއި ކެނެޑާ ފަދަ ގައުމުތައް ވެސް ހިމެނެ އެވެ.