Roadha Mihaaru
ޕީއެސްއައިޕީ މަޝްރޫއުތަކުގެ މުއްދަތު ދަންމާލަނީ

ޕީއެސްއައިޕީ މަޝްރޫއުތަކުގެ މުއްދަތު ހަ މަސް ދުވަހަށް ދަންމާލަނީ

07 ނޮވެމްބަރ 2023

ޕީއެސްއައިޕީ މަޝްރޫއުތައް ނިންމަން ދީފައިވާ މުއްދަތު އިތުރު ހަ މަސް ދުވަހަށް ދަންމާލަން އިކޮނޮމިކް ކައުންސިލުން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޕީއެސްއައިޕީ މަޝްރޫއުތައް ނިންމަން ދީފައިވާ މުއްދަތު އިތުރު ހަ މަސް ދުވަހަށް ދަންމާލަން އިކޮނޮމިކް ކައުންސިލުން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ، ކޮންޓްރެކްޓަރުންނަށް ކޮވިޑުގެ ހާލަތާ ގުޅިގެން ދިމާވި އެކި ދަތިތަކަށް ލުޔެއް ހޯދައިދޭން 2020 ވަނަ އަހަރު ކޮވިޑުގެ ހާލަތު އިއުލާންކުރި ފަހުން އަދި މިދިޔަ މެއި 30 ގެ ކުރިން ސޮއިކޮށްފައިވާ މަޝްރޫއުތަކުގެ ތެރެއިން މިހާރު ވެސް ކުރިއަށް ގެންދާ މަޝްރޫއުތަކުގެ މުއްދަތު އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.

އެކަމަކު، މިނިސްޓްރީން ބުނީ އެ މުއްދަތު އިތުރުކުރާނީ އެކަމަށް އެދޭ ކުންފުނިތަކަށް އެކަނި ކަމަށެވެ.

އެހެންވެ، ފިނޭންސް މިނިސްޓްރީން ވަނީ، އެ މަޝްރޫއެއް ހަވާލުކުރި އިދާރާއަކަށް އަންގަން ހުޅުވާލައިފަ އެވެ.

"މި މުއްދަތުގެ ތެރޭގައި ދައުލަތުން ކުރިއަށް ގެންދާ ޕީއެސްއައިޕީ މަޝްރޫއެއްގައި ބައިވެރިވެފައިވާ ކޮންޓްރެކްޓަރުން، އެ ފަރާތުގެ ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމަށް ބޭނުންވާ މުއްދަތު ހަ މަސް ދުވަހަށް ވުރެ އިތުރު ނުވާނެ ގޮތަށް ނޮވެމްބަރު 16، 2023 ގެ ނިޔަލަށް އެ ކޮންޓްރެކްޓެއް ހިންގާ އޮފީހަކަށް އެދުމަށް ދަންނަވަމެވެ،" ސާކިއުލާގައި ވެ އެވެ.

މިނިސްޓްރީން ވަނީ މުއްދަތު އިތުރުކުރަން އެދޭ ކުންފުނިތަކަށް، ދައުލަތުގެ މާލިއްޔަތުގެ ގަވައިދާ އެއްގޮތަށް ހުއްދަދީ، ކޮންޓްރެކްޓުގެ މުއްދަތު އިތުރުކޮށް އެއްބަސްވުންތައް އަޕްޑޭޓްކުރަން އަންގައިފަ އެވެ.