Roadha Mihaaru
އިންޑިއާ އަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

އިންޑިއާގެ އުތުރުގެ ހިސާބުތަކަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

07 ފެބުރުއަރީ 2017

ނިއު ދިއްލީ (ފެބްރުއަރީ 7) - އިންޑިއާގެ އުތުރުގެ ހިސާބުތަކަށް ރިކްޓާ މިންގަނޑުން 5.8 ގެ ބާރުމިނުގައި މިރޭ ބިންހެލުމެއް އަތުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ދިއްލީ (ފެބްރުއަރީ 7) - އިންޑިއާގެ އުތުރުގެ ހިސާބުތަކަށް ރިކްޓާ މިންގަނޑުން 5.8 ގެ ބާރުމިނުގައި މިރޭ ބިންހެލުމެއް އަތުވެއްޖެ އެވެ.

އުތުރުގެ އުއްތަރަކަންޑަށް އައި ބިންހެލުމުގެ އަސަރު ވަނީ ވެރިރަށް ނިއު ދިއްލީ އާއި ޕަންޖާބު އަދި އަވައްޓެރި ގުރްބައޮން އަށް ވެސް ކޮށްފަ އެވެ. މަދިޔަ ޕްރަދޭޝް އަށް ވެސް ބިންހެލުމުގެ އަސަރު ކުރި ކަމަށްވެ އެވެ. ބިންހެލުން އައި ސަރަހައްދާ 285 ކިލޯމީޓަރު ދުރުގައިވާ ދިއްލީގައި ހުރި އޭއެފްޕީގެ ރިޕޯޓަރަކު ބުނީ ވެރިރަށަށް ބޮޑެތި ލޮޅުންތައް އެރި ކަމަށެވެ. ބިންހެލުމުގައި އެއްވެސް ގެއްލުމެއް ލިބުނު ކަމަށް ރިޕޯޓްކޮށްފައެއް ނުވެ އެވެ.

އިންޑިއާގެ އުތުރުގެ ހިސާބުތަކަށް އައި ބިންހެލުމާ ގުޅިގެން ބައެއް މީހުން ގެދޮރުން ނުކުންނަނީ. --ފޮޓޯ:އޭއެފްޕީ

އިންޑިއާގެ އުތުރުގެ ހިސާބުތަކަށް އައި ބިންހެލުމާ ގުޅިގެން ބައެއް މީހުން ގެދޮރުން ނުކުންނަނީ. --ފޮޓޯ:އޭއެފްޕީ

ބިންހެލުމުގެ އަސްލު ހުރީ ފަރުބަދަމަތީ އަވަށެއް ކަމަށްވާ ރުޑްރަޕްރަޔާގުގައި ކަމަށްވެ އެވެ. ސައެންސްވެރިން ބުނެފައި ވަނީ ބިންހެލުމުގެ އަސްލު ހުރީ ހަތް ކިލޯމީޓަރު އަޑީގައި ކަމަށް ބެލެވޭ ކަމަށެވެ.

އުއްތަރަކަންޑުގެ ފުލުހުންގެ އޮފިސަރެއް ކަމަށްވާ ސަންޖޭ ގުންޖްޔާލް ވިދާޅުވީ ބިންހެލުމުގައި މީހަކު މަރުވެ ނުވަތަ އިމާރާތަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށެވެ. ޗީފް މިނިސްޓަރު ހަރިޝް ރަވާތު ވަނީ ހާލުގައި ޖެހުނު މީހުންނަށް އެހީ ފޯރުކޮށް ދިނުމުގެ މަސައްކަތް ފެށުމަށާއި ލިބުނު ގެއްލުންތައް ބެލުމަށް އަންގަވައިފަ އެވެ.

އިންޑިއާއާ އަވައްޓެރި ނޭޕާލަށް 2015 ވަނަ އަހަރު 7.8 ގެ ބާރުމިނުގެ އައި ބިންހެލުމުގައި ވަނީ ގާތްގަނޑަކަށް 9،000 މީހުން މަރުވެފަ އެވެ. އަދި ބައި މިލިއަނެއްހާ ގެ ވަނީ ހަލާކުވެފަ އެވެ.