Roadha Mihaaru

ދިއްލީގެ މަގުތަކުގައި އުޅޭ ކުއްތާތައް ހިފަން ސުޕްރީމް ކޯޓުން އަމުރުކޮށްފި

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ މަގުތަކުގައި އުޅޭ ކުއްތާތައް ގިނަވެ މީހުންނަށް ހަމަލާ ދިނުމުގެ ހާދިސާތައް ގިނަވަމުންދާ ކަމަށް ބުނެ ކުއްތާތައް ހިފަން ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.

ދިއްލީގެ މަގުތަކުން ކުއްތާ ހިފަން ކޯޓު އަމުރެއް

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ މަގުތަކުގައި އުޅޭ ކުއްތާތައް ގިނަވެ މީހުންނަށް ހަމަލާ ދިނުމުގެ ހާދިސާތައް ގިނަވަމުންދާ ކަމަށް ބުނެ ކުއްތާތައް ހިފަން ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.

އިންޑިއާގެ މަގުތަކުގައި އެތައް މިލިއަން ކުއްތާއެއް އުޅޭއިރު، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް އެސޮރުމެން ދޭ ނުރައްކާތެރި ހަމަލާތަކާ ބެހޭ ގޮތުން މީޑިއާތަކުން އާންމުކޮށް ރިޕޯޓް ކުރެ އެވެ.

އެންމެ ފަހުގެ ހިސާބުތައް ކަމަށްވާ، އިންޑިއާގެ 2012 ވަނަ އަހަރުގެ ލައިވްސްޓޮކް ސެންސަސް އިން ދައްކާ ގޮތުން ދިއްލީގެ މަގުތަކުގައި މަދުވެގެން 60،000 ކުއްތާ އުޅެ އެވެ.

ބައެއް މީހުން ބުނާ ގޮތުގައި މިހާރު އެ އަދަދު މާ ބޮޑަށް ގިނަވާނެ އެވެ. ކުއްތާތައް ބައި ހަދައިގެން އެހެން ކުއްތާތަކަށް ހަމަލާދިނުން ފަދަ ކަންކަން ދިއްލީގެ ޕާކުތަކާއި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި މިހާރު ވަރަށް އާންމެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ގޮތުގައި އިންޑިއާ އަކީ، ފަރުވާ ނުދެވޭ ވަލު ޖަނަވާރުގެ ސަބަބުން ފެތުރޭ ރޭބީޒްއާ ގުޅުން ހުރި ކަންކަމުގައި މުޅި ދުނިޔެއިން މަރުވާ މީހުންގެ ތިންބައިކުޅަ އެއްބައި ހިއްސާކުރާ ގައުމެވެ.

ސުޕްރީމް ކޯޓުން ވަނީ ކުއްތާ ގެންގުޅޭނެ ތަންތަން އަށް ހަފްތާގެ ތެރޭގައި ހަދައި، ކޮންމެ ދުވަހަކު ހިފައި އެތަނަށް ގެންދާ ކުއްތާގެ އަދަދުތަކުގެ ހިސާބު ބެލެހެއްޓުމަށް ވެސް އަމުރުކޮށްފަ އެވެ.

ދިއްލީ އާއި ވަށައިގެން ހުރި އަވަށްތަކަށް ވެސް ރައްދުވާ ގޮތަށް، 30 މިލިއަނުގެ އާބާދީއެއް ހިމެނޭ ހިސާބަށް ރައްދުވާ ގޮތަށް ނެރުނު އަމުރުގައި ވަނީ ކުއްތާތައް ހިފުމުގެ މަސައްކަތް ނަތީޖާ ނެރެވޭ ގޮތަށް ކުރިއަށް ގެންދަން ޖެހޭނެ ކަމަށާއި "އެންމެ ކުއްތާއެއް ވެސް ދޫކޮށްލައިގެން ނުވާނެ" ކަމަށެވެ.

ޖަނަވާރުގެ ހައްގުތަކަށް މަސައްކަތްކުރާ މީހުން މިކަމަށް ހުރަސްއަޅާ ނަމަ އެބަޔަކާ ދެކޮޅަށް ވެސް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ކޯޓުން ވަނީ ދީފަ އެވެ.

މީގެ އިތުރުން ކުއްތާގެ ހަމަލާތައް ރިޕޯޓްކުރުމަށް 24 ގަޑިއިރުގެ ހިދުމަތް ލިބޭ ހޮޓްލައިނެއް ގާއިމުކުރުމަށާއި ރެބީޒް ވެކްސިން ލިބެން ހުރި ތަންތަން އާންމުކޮށް ހާމަކުރަމުން ގެންދިއުމަށް ވެސް އަމުރުގައިވެ އެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި ހުށަހަޅާފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރު ކުއްތާ ދަތް އަޅައިގެން 3.7 މިލިއަނަށް ވުރެ ގިނަ ރިޕޯޓްކޮށްފައިވެ އެވެ. އަދި ރެބީޒް ޖެހިގެން 54 މީހަކު މަރުވެފައިވެ އެވެ. -- އޭއެފްޕީ