Roadha Mihaaru
ޕްރޮފެސަރުން ޕަޓާންގެ ލަވަޔަށް ނެށުމުން ޝާހް އުފަލުން

ޕްރޮފެސަރުން "ޕަޓާން"ގެ ލަވަޔަށް ނެށުމުން ޝާހް އުފަލުން

24 ފެބުރުއަރީ 2023

އިންޑިއާގެދިއްލީ ޔުނިވަސިޓީގެ ކޮލެޖް ޕްރޮފެސަރުންތަކެއް، "ޕަޓާން" ފިލްމުގެ ލަވަޔަކަށް ނަށާ ވީޑިއޯއަށް އެ ފިލްމުގެ ބަތަލް، ޝާހްރުކް ހާން ތައުރީފްކޮށްފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

އިންޑިއާގެދިއްލީ ޔުނިވަސިޓީގެ ކޮލެޖް ޕްރޮފެސަރުންތަކެއް، "ޕަޓާން" ފިލްމުގެ ލަވަޔަކަށް ނަށާ ވީޑިއޯއަށް އެ ފިލްމުގެ ބަތަލް، ޝާހްރުކް ހާން ތައުރީފްކޮށްފި އެވެ.

ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާ އެ ވީޑިއޯގައި ފެންނަނީ، ދިއްލީ ޔުނިވަސިޓީގެ ޕްރޮފެސަރުންތަކެއް ސާޅީގައި އެ ޔުނިވަސިޓީގެ ގިނަ ދަރިވަރުންތަކަކާ އެކު "ޖޫމޭ ޖޯ ޕަޓާން" ލަވަޔަށް ނަށާ މަންޒަރެވެ.

ދިއްލީ ޔުނިވަސިޓީގެ، ޖީސަސް މޭރީ ކޮލެޖްގެ ކޮމާސް ޑިޕާޓްމަންޓުން ޝެއާކުރި ނަށާ ވީޑިއޯ ޓްވީޓު ކުރަމުން ޝާހު ބުނީ، އެ މީހުންނަކީ ތައުލީމީ ރޮކްސްޓާރުންތަކެއް ކަމަށެވެ.

"އަހަރަމެންނަށް ކިޔަވައިދީ، އަދި އަހަރަމެންނާ އެކު މަޖާކޮށްލާނެ ޓީޗަރުން ތިބުމަކީ ކިހާ ބޮޑު ނަސީބެއް. މި އެންމެންނަކީ ތައުލީމީ ރޮކްސްޓާރުންތަކެއް،" ދިއްލީ ޔުނިވަސިޓީގެ ކުރީގެ ދަރިވަރެއް ކަމަށްވާ ޝާހު ބުންޏެވެ.

ސޯޝަލް މީޑިއާގައި އެ ވީޑިއޯއަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

ޝާހުއާ އެކު ދީޕިކާ އަދި ޖޯން އަބްރަހަމް އުޅޭ ބްލޮކްބަސްޓާ ފިލްމު، "ޕަޓާން" އަންނަނީ ބޮކްސްއޮފީހުގައި ގިނަ ރެކޯޑުތައް މުގުރަމުންނެވެ. ދާދި ފަހުން އެ ފިލްމު ވަނީ، ހިންދީ ބަހުން ނެރުނު ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ އާމްދަނީއެއް ލިބުނު ފިލްމުގެ ރެކޯޑު ވެސް މުގުރާލައިފަ އެވެ.

ހަތަރު އަހަރު ފަހުން ޝާހު ސިލްވަ ސްކްރީނުން ފެނުނު "ޕަޓާން" ފިލްމަށް ފަހު، މިހާރު އަންނަނީ ކުރިއަށް ހުރި ފިލްމުތަކަށް ތައްޔާރުވަމުންނެވެ.