Roadha Mihaaru
ޝާހްރުކްގެ ގޭގައި ހުރެލަން މިހާރު ދެވިދާނެ

ޝާހްރުކްގެ ގޭގައި ހުރެލަން މިހާރު ދެވިދާނެ

20 ނޮވެމްބަރ 2020

ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާނާއި އަންހެނުން ގޯރީ ޚާންގެ ނިއު ދިއްލީގެ ގޭގައި ޗުއްޓީ ހޭދަކޮށްލަން ބޭނުންވާ މީހުންނަށް އެ ފުރުސަތު އެއާބީއެންބީ މެދުވެރިކޮށް ދޭން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާނާއި އަންހެނުން ގޯރީ ޚާންގެ ނިއު ދިއްލީގެ ގޭގައި ޗުއްޓީ ހޭދަކޮށްލަން ބޭނުންވާ މީހުންނަށް އެ ފުރުސަތު އެއާބީއެންބީ މެދުވެރިކޮށް ދޭން ނިންމައިފި އެވެ.

ދެމަފިރިންގެ އިންސްޓަގްރާމްގައި ވެސް މި ވާހަކަ ހިއްސާކޮށްފައިވެ އެވެ. އިންޓީރިއާ ޑިޒައިނަރެއްގެ ގޮތުގައި މަޝްހޫރު ގޯރީގެ ފާޑުވެރިކަމާ އެކު ޑިޒައިންކޮށްފައިވާ ގެ އާންމުންނަށް ހުޅުވާލި އިރު، ގޭގެ ބައެއް މަންޒަރުތައް ފޮޓޯތަކާއި ވީޑިއޯ އިން ވެސް ދައްކާލާފައިވެ އެވެ.

ޝާހްރުކްގެ ދެމަފިރިން ބުނީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހުންނަ އެ މީހުންގެ ޕަންޗްޝީލް ޕާކް ޕްރޮޕޮޓަކީ ހަޔާތުގެ ވަރަށް ގިނަ ހަނދާންތަކަކާ ގުޅިފައިވާ ތަނެއް ކަމަށާއި އެ ގެ އަކީ އަބަދު ވެސް އެ މީހުންގެ ހިތްތަކުން ހާއްސަ ޖާގައެއް ވެސް ދެވިފައިވާ ތަނެއް ކަމަށެވެ.

އެ ގޭގައި ޗުއްޓީއެއް ހޭދަކޮށްލަން ޝައުގުވެރިވާ މީހުންނަށް އެޕްލައިކުރުމުގެ ފުރުސަަތު އެއާބިއެންބީ މެދުވެރިކޮށް ހުޅުވާލީ މި މަހުގެ 30 ވަނަ ދުވަހާ ހަމައަށެވެ. އިތުރު މައުލޫމާތު މި ލިންކުން https://www.airbnb.com/d/homewithopenarms ލިބޭނެ އެވެ.

މުމްބާއީގައި ޝާހްރުކް "މައްނަތު" ކިޔާ ގަނޑުވަރެއް ކަހަލަ ބޮޑު ގެއެއްގައި ދިރިއުޅޭ އިރު، އެ ގެއަކީ އިންޑިއާގެ އެންމެ އަގުބޮޑު ގެތަކުގެ ތެރެއިން އެއް ގެއެވެ. އެ ގޭގެ އިންޓީރިއާ ވެސް ހެދީ ގޯރީ އެވެ. މުމްބާއީގައި ގޯރީގެ އިންޓީރިއާ ސްޓޫޑިއޯއެއް ވެސް ގޯރީ ޑިޒައިން (ޖީޑީ) ގެ ނަމުގައި ހިންގަ އެވެ.

ބޮލީވުޑްގެ އެންމެ ތަނަވަސް އެކްޓަރުންގެ ތެރޭގައި ހިމެނޭ ޝާހްރުކާއި އޭނާގެ އާއިލާ އަކީ ވަރަށް ލަގްޒަރީ ދިރިއުޅުމެއް އުޅޭ އާއިލާއެކެވެ. އިންޑިއާގެ އެންމެ ވަރުގަދަ ވީއެފްއެކްސް ސްޓޫޑިއޯ ވެސް ހިންގަނީ ޝާހްރުކްގެ އަމިއްލަ ފިލްމު ކުންފުނި ރެޑް ޗިލީޒް އެންޓަޓައިންމަންޓްގެ ދަށުންނެވެ.

ކޮވިޑް-19 ގެ ހާލަތު މުމްބާއީގައި އެންމެ ބޮޑަށް ގޯސްވި ދުވަސްވަރު ޝާހްރުކާއި ގޯރީގެ އޮފީސް އިމާރާތެއް ވަނީ ބްރިހަމްމުމްބާއީ މުނިސިޕަލް ކޯޕަރޭޝަން (ބީއެމްސީ) އަށް ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަން ދޫކޮށްފަ އެވެ.